ޝަނާޔާ ކަޕޫރް ވެސް ބޮލީވުޑަށް ނެރޭނީ ކަރަން ޖޯހަރް
ޝަނާޔާ ކަޕޫރް ވެސް ބޮލީވުޑަށް ނެރޭނީ ކަރަން ޖޯހަރް

މިދިޔަ އަހަރު ޖާންވީ ކަޕޫރް ބޮލީވުޑަށް ނެރުނު ޕްރޮޑިއުސަރު ކަރަން ޖޯހަރު ޖާންވީގެ ދެބެއިންގެ ދެދަރި ކޮއްކޮ ޝަނާޔާ ކަޕޫރް ވެސް ބޮލީވުޑަށް ނެރެން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި އަހަރު 20 އަހަރު ފުރޭ ޝަނާޔާ އަކީ ޖާންވީގެ ބައްޕަ ބޯނީ ކަޕޫރްގެ ހަގު ކޮއްކޮ އަދި އެކްޓަރު ސަންޖޭ ކަޕޫރްގެ ދޮށީ އަންހެން ދަރިފުޅެވެ. ދާދި ފަހުން ސަންޖޭ އާއި އަންހެނުން މަހީޕް ވަނީ ޝަނާޔާ ފިލްމެއްގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަން ފަށާފައިވާ ކަމަށް ބުނެ ޓްވީޓް ވެސްކޮށްފަ އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ޝަނާޔާ ބަތަލާއެއްގެ ގޮތުގައި ބޮލީވުޑަށް ނެރެން ކަރަން ތައްޔާރުވަމުން އަންނަ އިރު، އެކަމާ ބެހޭ މަޝްވަރާތައް ކަރަންގެ ކުންފުނި ދަރުމާގެ އޮފީހުގައި ކުރިއަށްދާތާ ދުވަސްކޮޅެއްވެއްޖެ އެވެ. އަދި މި ހަފުތާގައި ދަރުމާގެ އޮފީހުން ޝަނާޔާ ނުކުންނަނިކޮށް ފެނިފައިވާ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކަރަން ވަނީ މިދިޔަ އަހަރު ރިލީޒްކުރި "ދަޅަކް" އިން ޖާންވީ ބޮލީވުޑަށް ނެރުމަށް ފަހު އޭނާގެ ކޮއްކޮ ހުޝީ ކަޕޫރް ވެސް ބޮލީވުޑަށް ނެރެން ނިންމައިފަ އެވެ. އަދި މި އަހަރު އޭނާ ފިލްމު ކުޅެން ފަށާނެ ކަމުގެ އިޝާރާތެއް ވެސް ކަރަން ދީފައިވެ އެވެ.

ކަރަން މިހާރު ވެސް އަންނަނީ އާ ދެ ބަތަލާއަކު ސްކްރީނަށް ގެންނަން ތައްޔާރުވަމުންނެވެ. އެއީ އަންނަ މަހުގެ 10 ގައި ރިލީޒް ކުރާ "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިން ތައާރަފު ކުރާ ތާރާ ސުތާރިއާ އާއި އެކްޓަރު ޗަންކީ ޕާންޑޭގެ ދަރިފުޅު އަނަންޔާ ޕާންޑޭ އެވެ.

މަޝްހޫރު ސެލެބްރިޓީންގެ ތަރިންގެ ދަރިންގެ ތެރެއިން ކަރަން ބޮލީވުޑަށް ނެރޭނެ އެކްޓަރުންގެ ތެރޭގައި ޝާހްރުކް ހާންގެ ދެ ދަރިން ކަމަށްވާ އަރިޔަން ހާނާއި ސުހާނާ ހާން ވެސް ހިމެނެ އެވެ.

ކަރަން ނެރުނު އެންމެ މަޝްހޫރު ތަރިންނަކީ ބޮލީވުޑްގައި މިހާރު ތިބި އެންމެ ކާމިޔާބު ޒުވާން ތަރިންގެ ތެރޭގައި ހިމެނޭ އާލިއާ ބަޓާއި ވަރުން ދަވަން އެވެ.