23 އެޕްރީލް 2019 - 07:36

އަތުގައި ސައިކަލެއް ނުވަތަ ކާރެއް އޮންނަ ނަމަ އެކުވެރިންގެ އުނދަގޫ ބައެއް ފަހަރު ވަރަށް ބޮޑު ވާނެ އެވެ. ތަނަކަށް ދާންޖެހޭ ކޮންމެ ފަހަރަކު އެ މީހުން ބަލައި ދާން ޖެހޭނެ އެވެ.
މި ކަންތައް ބޮޑުވެގެން ދެކުނު އެފްރިކާގައި ބަޔަކު މި ވަނީ އެ މީހުންގެ އެކުވެރިޔަކަށް ކާރެއް ގަނެދީފަ އެވެ. މި މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ޓްވިޓްކޮށްފައިވެ އެވެ. އެއަށް ކޮމެންޓްކުރި ގިނަ ބަޔަކު، އެކަހަލަ ރައްޓެހިން ލިބޭނެ ނަމައޭ ބުނެފައި ހުއްޓެވެ.
މި ވާހަކަ ގެނެސް ދިން ބައެއް މީޑިއާތަކުން ބުނީ އެކުވެރިޔާ އަށް ރައްޓެހިން ކާރެއް ހަދިޔާކުރީ ތަނަކަށް ދާންޖެހޭ ކޮންމެ ފަހަރަކު އޭނާ ބަލައި ދާންޖެހޭ މައްސަލަ އެކުވެރިންގެ މެދުގައި ބޮޑުވެގެން ކަމަށެވެ.
އެހެންވެ އެންމެންވެގެން ކާރެއް ގަނެދިނީ އެވެ. އެ އެންމެންގެ އަތުގައި މިހާރު ކާރު އެބަ ހުއްޓެވެ. އެހެންވެ ދެން އެ މީހަކު ބޭނުންވާ ތަނަކަށް، ބޭނުން ވަގުތަކު ދާން ވަކި މީހަކަށް ގުޅާކަށް ނުޖެހޭނެ އެވެ.
ވީޑިއޯ އިން ފެންނަ ގޮތުގައި ކާރުތަކެއް ޕާކްކޮށްފައި އޮންނަ ތަނެއްގެ ތެރޭގައި ގްރޫޕެއްގެ ބަޔަކު ވަކިން އޮންނަ ކާރެއް ދައްކާލައި މިއީ ކަލޭގެ ކާރޭ ބުނާ އަޑު އިވެ އެވެ.
އެކަމަކު އޭނާ އަށް އެކަން ގަބޫލު ނުކުރެވިގެން ބޭރަށް ނުކުމެ އެވެ. އަނެއްކާ ފަހުން އެތެރެ އަށް ވަދެ ކާރު ކައިރި އަށް ގޮސް އޭގެ ދޮރުފަތް ހުޅުވާލައިގެން އަންތަރީސްވެފައި ހުރެ އެވެ.
އެކުވެރިން ހީހީފައި ވާހަކަ ދައްކާ އިރު ކާރުގެ ކުރީ ސީޓްގައި އެކުވެރިޔާ ފެންކަޅިވެފައި އިށީނދެގެން އިންނަ ތަން ވެސް ވީޑިއޯ އިން ފެނެ އެވެ. މި ވީޑިއޯ އަށް ކޮމެންޓް ކުރި ބައެއް މީހުން ބުނި ގޮތުގައި މިކަހަލަ ރައްޓެހިން ލިބޭތޯ ދެން ދުއާ ވެސް ކުރާނެ އެވެ.