22 އެޕްރީލް 2019 - 12:35

ކޮލަމްބޯ (އެޕްރީލް 22) - އީސްޓާ އާދިއްތައިގައި ދިލިޕް ފެނާންޑޯ އާއި އޭނާގެ އާއިލާ ނިގަންގޯގެ ސެއިންޓް ސެބަސްޓިއަންސް ފައްޅި އަށް އިއްޔެ ދިޔަ އިރު އެތަން އޮތޯ ތޮއްޖެހިފަ އެވެ. އެހެންވެ އަޅުކަމަށް އޭނާ ދިޔައީ އެހެން ފައްޅިއަކަށެވެ. އެ ނިންމުން ވެގެން ދިޔައީ ފެނާންޑޯ އާއި އާއިލާ ސަލާމަތްވި މުހިންމު ނިންމުމަކަށެވެ.

ފައްޅިން ފެނާންޑޯ ނުކުތުމާ އެކު ސެބަސްޓިއަންސް ފައްޅި ގޮއްވާލި އެވެ. އެތައް ބަޔަކު އެތަނުން މަރުވި އެވެ. ލަންކާގައި އިއްޔެ ދިން ބޮމުގެ އަަށް ހަމަލާގައި މިހާތަނަށް ވަނީ 290 މީހުން މަރުވެފަ އެވެ.

ފެނާންޑޯ މިއަދު ވަނީ ސެބަސްޓިއަންސް ފައްޅި އަށް ލިބިފައިވާ ގެއްލުންތައް ބަލާލަން އެތަނަށް ޒިޔާރަތްކޮށްފަ އެވެ.
"އަހަރެން އަޅުކަމަށް އާއްމުކޮށް އަންނަނީ މި ފައްޅިއަށް،" ސެބަސްޓިއަންސް ފައްޅީގެ ބޭރުގައި ހުރެ އުމުރުން 66 އަހަރުގެ ފެނާންޑޯ ބުންޏެވެ. "އިއްޔެ އަހަރެންނާއި އަންހެނުން ފައްޅި އަށް އައީ ހެނދުނު 7:30 ގައި. އެކަމަކު ފައްޅި ފުރިފައި އޮތުމުން އަހަރެމެން އެހެން ފައްޅިއަކަށް ދިޔައީ."
އެކަމަކު ފެނާންޑޯގެ އާއިލާގެ ބައެއް މެންބަރުން އެ ފައްޅީގެ ބޭރުގައި މަޑުކުރަން ނިންމި އެވެ. އަދި އެ މީހުން އެތާ ތިބި އިރު ދަބަހެއް އަޅުވައިގެން ހުރި މީހަކު ފައްޅި އަށް ވަން މަންޒަރު ފެނުނެވެ. ބެލެވޭ ގޮތުގައި އެއީ ޖާނުންފިދާވުމުގެ ހަމަލާ ދިން މީހާ އެވެ.
"އޭނާ ފައްޅި އަށް ވަންނަމުން އަހަރެންގެ ކާފަ ދަރިއެއްގެ ބޮލުގައި އަތް ޖައްސާލި. އެމީހާ އެއީ ހަމަލާ ދިން މީހާ،" ފެނާންޑޯ ބުންޏެވެ.
އޭނާ ބުނީ ފައްޅީގެ އަޅުކަން ނިމޭ ވަގުތު ދަބަހެއް ހިފައިގެން އެ މީހާ ފައްޅި އަށް ވަނުމުން އާއިލާ އަށް ސުވާލު އުފެދުނު ކަމަށެވެ. އަދި އެއީ ބަލާބެލުމަށް "މައުސޫމް ޒުވާނެއް" ކަމަށް ބެލެވުނު ކަމަށް ވެސް އާއިލާ މީހުންނާ ހަވާލާދީ ފެނާންޑޯ ބުންޏެވެ.
އެމީހާ ފައްޅި އަށް ވަނުމާ އެކު މުޅި ތަން ކަހަލަ ގޮތަކަށް ގޮއްވާލި އެވެ.
"ފައްޅީގެ ބޭރުގައި ތިބި އަހަރެންގެ އާއިލާ މީހުން ވަރަށް ބާރަށް ދުވެފައި ދިޔަ. އަހަރެންވީ ފައްޅި ތެރޭގައިިތޯ ބެލުމަށް އެ މީހުން އަހަރެންނަށް ފޯނު ކުރި،" ފެނާންޑޯ ބުންޏެވެ. "އަހަރެންގެ އާއިލާގެ އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ. އަހަރެމެން ވަރަށް ނަސީބު ރަނގަޅު."
ފެނާންޑޯ ބުނީ ބޮމުގެ ހަމަލާއަކުން ލަންކާގެ ރޯމަން ކެތޮލިކް ކޮމިއުނިޓީ ބިރުގަންނުވާނުލެވޭނެ ކަމަށެވެ. އަދި މި ބާވަތުގެ ހަމަލާއެއް ދިން ނަމަވެސް ބަދަލު ހިފުމުގެ ރޫހެއް އެ މީހުންގެ ކިބައިގައި ނެތް ކަމަށް އޭނާ ބުންޏެވެ.