ޝޯންގެ ހަމުގެ ރީތިކަމަކީ އޭނާ ބުނާ ގޮތުން އުފާވެރިކަން
ޝޯންގެ ހަމުގެ ރީތިކަމަކީ އޭނާ ބުނާ ގޮތުން އުފާވެރިކަން

ގައިގެ ހަންގަނޑު ރީތިކުރުމަށް އެކި މީހުން ކުރަނީ އެކި މަސައްކަތެވެ. މިކަމުގައި ނަން ވަނީ އަންހެނުން ކަމަށް ވިޔަސް ފިރިހެނުންނަކީ ވެސް މިކަމުގައި ދޫކުރާ ބައެއް ނޫނެވެ. ހާއްސަކޮށް މަޝްހޫރު މީސްމީހުންނެވެ.

ކެނެޑާގެ ޒުވާން ފިރިހެން ލަވަކިޔުންތެރިޔާ ޝޯން މެންޑޭރަކީ ވެސް އޭނާގެ ރީތި ހަންގަނޑުގެ ޖާދޫގައި ޒުވާން އަންހެން ކުދިން ޖެހިފައިވާ މީހެކެވެ. އެހެންވެ އޭނާގެ ހަމުގެ ރީތިކަމުގެ ސިއްރަކީ ކޮބައިތޯ ބަލައިލުމުގެ ޝައުގުވެރިކަން ވެސް ބޮޑެވެ.

މިދިޔަ ހަފުތާގައި ފޭނުންނާ އެކު ބޭއްވި ސުވާލާއި ޖަވާބުގެ ސެޝަނެއްގައި ޝޯން އަށް ވަނީ އެ ސުވާލަށް ޖަވާބު ވެސް ދޭން ޖެހިފަ އެވެ. އަދި އޭނާ ޖަވާބު ދިން ވީޑިއޯ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރު ވެފައި އެވެ.

އޭގައި، 20 އަހަރުގެ ލަވަކިޔުންތެރިޔާ ބުނަނީ ހަންގަނޑު ރީތިކުރަން ވަކި ހާއްސަ ކަމެއް ނުކުރާ ކަމަށެވެ.

"އެކަމަކު ތެދުތެދަށް ބުނަންޏާ އަހަންނަކީ މޫނު [ވަކި އެއްޗެއް ލައިގެން] ދޮންނަ މީހެއް ވެސް ނޫން،" ޝޯން ބުންޏެވެ. "އެއީ ކަންނޭނގޭ އަހަރެންގެ މޫނުގެ އުޖާލާކަމުގެ ސިއްރަކީ."

ގްރެމީ އެވޯޑް ވެސް ހާސިލުކޮށްފައި ޝޯން ބުނި ގޮތުގައި ރީތި ހަންގަނޑަކަށް އެންމެ މުހިއްމީ އުފާވެރިކަމެކެވެ. އެގޮތުން މީހާ އުފާވެރިކޮށް އުޅޭ ނަމަ އޭގެ އަސަރު ހަންގަނޑުން ފާޅުވާނެ ކަމަށް ބުންޏެވެ.

"މީގައި މުހިއްމީ މީގެ އިހުސާސްތައް އުފާވެރިވުން،" ތިން އަލްބަމް ނެރެފައިވާ ލަވަކިޔުންތެރިޔާ ބުންޏެވެ. "އަހަންނަކީ އަބަދު ވެސް މެޑިޓޭޓްކުރަން ވަރަށް އިސްކަންދޭ މީހެއް. މީހާގެ ލައިފްސްޓައިލް އުފާވެރިކޮށް ބެހެއްޓޭ ނަމަ ހަންގަނޑަށް ރީތިކަން އަންނާނެ."

ޝޯންގެ މި ވާހަކަތަކާ ގުޅިގެން ވަރަށް ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި އެކި ޝުއޫރުތައް ވެސް ފާޅުކޮށްފަ އެވެ. އަދި އޭނާ ދެއްކި ވާހަކަތަކަކީ ގަބޫލު ކުރެވޭ ވާހަކައެއް ނޫން ކަމަށް ބުނެ އެ ވާހަކަތަކަށް ބައެއް މީހުން ޖޯކް ވެސް ޖަހާފައިވެ އެވެ.