ރާޖަމޯލީގެ "އާރްއާރްއާރް" އިން ފުރުސަތު ހޯދީ އަމިއްލަ އަށް އެދިގެން: އާލިއާ ބަޓް
ރާޖަމޯލީގެ "އާރްއާރްއާރް" އިން ފުރުސަތު ހޯދީ އަމިއްލަ އަށް އެދިގެން: އާލިއާ ބަޓް

"ބާހްބަލީ" ގެ ޑައިރެކްޓަރު އެސްއެސް ރާޖަމޯލީގެ އާ ފިލްމު "އާރްއާރްއާރް" ގެ ބަތަލާގެ ރޯލް ކުޅެން ލިބުނީ ޑައިރެކްޓަރުގެ ކިބައިން އެ ފިލްމުން ފުރުސަތު ދޭން އެދި އާދޭސް ކުރުމުން ކަމަށް ބަތަލާ އާލިއާ ބަޓް ބުނެފި އެވެ.

ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ދިން އިންޓަވިއެއްގައި، 26 އަހަރުގެ ބަތަލާ ބުނީ އޭނާ ހުރީ ކޮންމެ ރޯލެއް ލިބުނަސް، ރާޖަމޯލީއާ އެކު މަސައްކަތް ކުރަން ތައްޔާރަށް ކަމަށެވެ.

"އެއާޕޯޓުން އެއް ދުވަހު ރާޖަމޯލީ ސާއާ ދިމާވެގެން އާދޭސް ކުރީ ފިލްމުން ފުރުސަތެއް ދޭން އެދި. އަހަރެން ހުރީ ކޮންމެ ރޯލެއް ވެސް އޭނާގެ ފިލްމެއްގައި ކުޅެން ތައްޔާރަށް. އޭރު އަދި އާރްއާރްއާރްގެ ބަތަލާގެ ރޯލް ފައިނަލެއް ވެސް ނުކުރެވޭ،" މިހާރު ސިނަމާތަކުގައި ދައްކަމުން އަންނަ "ކަލަންކް" ގެ ބަތަލާ ބުންޏެވެ.

އާލިއާ ބުނީ ފުރުސަތެއް ދޭން އެދުމުން، ފިލްމަށް ވަގުތު ހުސްކުރެވިދާނެތޯ ރާޖަމޯލީ ސުވާލުކުރި ކަމަށެވެ.

"އަހަރެން ވަގުތުން ބުނިން އާއެކޭ. ރާޖަމޯލީ ބޭނުންވާ ކޮންމެ ދަނޑިވަޅަކަށް އަހަރެން ތައްޔާރަށް ހުރި ކަމަށް ބުނީމަ އެކަމާ ދޭތެރޭ ވިސްނާލާފައި ފަހުން ޖަވާބެއް ދޭނެ ކަމަށް ބުނި،" މި ވަގުތު ބޮލީވުޑްގައި ހުރި އެންމެ ޑިމާންޑް ބޮޑު ބަތަލާ ބުންޏެވެ.

ސައުތުގެ މަޝްހޫރު ދެ އެކްޓަރުން ކަމަށްވާ ރާމް ޗަރަން އާއި އެންޓީއާރް ޖޫނިއާ ބަތަލުންގެ ރޯލް ކުޅޭ "އާރްއާރްއާރް" ގެ ބަތަލާއަކަށް އާލިއާ ހަމަޖެއްސިކަން އެ ފިލްމުގެ ޓީމުން އިއުލާން ކުރީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ. އަދި އެއާ އެކު އާލިއާ ވަނީ ޓްވިޓާގައި އެކަމަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.

މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރާޖަމޯލީގެ ފިލްމު އާލިއާ އަށް ފުރުސަތު ލިބުނީ އޭނާގެ މެންޓޯ ކަރަން ޖޯހަރުގެ އަތެއް އޮވެގެންނެވެ. "ބާހްބަލީ" ގެ ދެ ފިލްމު ހިންދީ އޯޑިއަންސަށް ގެނެސް ދިނުމުގެ ޒިންމާއާ ހަވާލުވި ޕްރޮޑިއުސަރުގެ ހައިސިއްޔަތުން ކަރަން އާއި ރާޖަމޯލީގެ ގުޅުން ވަރަށް ބަދަހިވެ އެވެ. އެހެންވެ އޭނާގެ ފިލްމުން އާލިއާ އަށް ފުރުސަތު ދިނީ ކަރަން އެދިގެން ކަމަށް ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރުން ފެށިގެން "އާރްއާރްއާރް" ގެ ޝޫޓިން ކުރިއަށްދާ އިރު، ކާސްޓާއި ކްރޫއާ ގުޅެން އާލިއާ އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ތެލެގޫ ބަސް އަންނަނީ ދަސްކުރަމުންނެވެ.

އަޖޭ ދޭވްގަން ވެސް ހާއްސަ ފެނިލުމަކުން ފެނިގެން ދާނެ "އާރްއާރްއާރް" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ޖުލައި މަހުގެ 30 ގަ އެވެ.

އާލިއާގެ ކުރިއަށް ހުރި ފިލްމުތަކަކީ އަޔާން މުކަރްޖީގެ "ބުރައްމަސްތުރާ"، ސަންޖޭ ލީލާ ބަންސާލީގެ "އިންޝާﷲ" ބައްޕަ މަހޭޝް ބަޓްގެ "ސަޅަކް 2" އަދި ކަރަންގެ "ތަހުތު" އެވެ.