ފަރުދީން ހާން މިހާރު ބޭނުމީ ފިލްމު ޑައިރެކްޓްކުރަން
ފަރުދީން ހާން މިހާރު ބޭނުމީ ފިލްމު ޑައިރެކްޓްކުރަން

މިހާރު ބޭނުން ވަނީ ފިލްމު ޕްރޮޑިއުސްކޮށް، ޑައިރެކްޓް ކުރަން ކަމަށް ކުރީގެ އެކްޓަރު ފަރުދީން ހާން ބުނެފި އެވެ.

ފަރުދީން ވަނީ ކައިވެނިކޮށްގެން ދަރިން ލިބުނު ފަހުން ފިލްމު ކުޅުމާ ވަރަށް ބޮޑަށް ދުރުވެފަ އެވެ. މިހާރު އޭނާގެ ސިފަ ވެސް ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. ދާދި ފަހުން އޮތް އިވެންޓެއްގެ ތެރޭގައި އޭނާ ބުނީ އެކްޓް ކުރަން މިހާރު މާ ބޮޑު ޝައުގުވެރި ކަމެއް ނެތް ނަމަވެސް ފިލްމު ކުޅުން އެއްކޮށް ހުއްޓައިލަން އަދި ނުނިންމާ ކަމަށެވެ.

"އަހަރެން މިހާރު ބޭނުން ވަނީ ފިލްމު ޕްރޮޑިއުސްކޮށް، ޑައިރެކްޓް ކުރަން. ވަރަށް އަވަހަށް އެ މަސައްކަތުގެ ތެރެއަށް ނުކުންނާނަން،" ކުރީގެ މަޝްހޫރު އެކްޓަރު/ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ފީރޯޒް ހާންގެ ދަރިފުޅު ބުންޏެވެ. "ވަރަށް އަވަހަށް އަހަރެންގެ ފުރަތަމަ ޕްރޮޑަކްޝަން އިއުލާން ވެސް ކުރާނަން."

ކުރީގެ ބަތަލާ މުމްތާޒްގެ ދަރިފުޅު ނަތާޝާއާ 2005 ގައި ކައިވެނިކޮށްގެން ދެ ދަރިން ތިބި ފަރުދީން، 45، އެންމެ ފަހުން ފެނިފައި ވަނީ 2010 ގައި ރިލީޒްކުރި "ދުލްހާ މިލްގަޔާ" އިންނެވެ.

ފިލްމު "ޕްރޭމް އަގަން" އިން 1998 ގައި ބޮލީވުޑަށް ނުކުތް އެކްޓަރު ކުޅުނު ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ޖަންގަލް"، "ޕިޔާރު ތޫނޭ ކިޔާ ކިޔާ"، "ނޯ އެންޓްރީ" އަދި "ހޭ ބޭބީ" ހިމެނެ އެވެ.

ފަރުދީން ބުނި ގޮތުގައި އޭނާ މިހާރު ފަލަވެ، ސިފަ ގެއްލިފައިވާތީ ވަރަށް ގިނަ ބަޔަކު އެކަމަށް ފާޑު ކިޔައި މަލާމާތް ކުރި ނަމަވެސް ފަރުވާލެއް ނެތެވެ. އަދި ސިފައާ ދޭތެރޭ އެހާ ބޮޑަށް ނުވިސްނާ ކަމަށް ބުންޏެވެ.

"އަހަންނަށް ވެސް ފެނޭ ލޯގަނޑުން އަހަރެން މިހާރު ހުރި ސިފަ. އެކަމަކު ބަޔަކު ފާޑުކިޔަކަސް އެކަމަކާ އެއްވެސް ފަރުވާލެއް ނެތް،" ކުރިން ވަރަށް ސްޓައިލިޝްކޮށް ފެނުނު އެކްޓަރު ބުންޏެވެ. "އަހަރެން މިހާރު ހުރި ސިފައާ ދޭތެެރޭ އެއްވެސް ކަންބޮޑުވުމެއް ނެތް."