އަކްޝޭ ކުމާރުގެ "ސޫރިޔަވަންޝީ" އަށް ކެޓްރީނާ ސޮއިކޮށްފި
އަކްޝޭ ކުމާރުގެ "ސޫރިޔަވަންޝީ" އަށް ކެޓްރީނާ ސޮއިކޮށްފި

މީގެ ކުރިން ވެސް އެކީގައި ކާމިޔާބު ފިލްމުތަކެއް ކުޅެ ބެލުންތެރިންގެ ލޯބި ހޯދާފައިވާ މަގުބޫލު ސްކްރީން ޖޯޑު އަކްޝޭ ކުމާރާއި ކެޓްރީނާ ކެއިފް އަނެއްކާ ވެސް އެކީގައި ސްކްރީނަށް ގެންނަން ނިންމައިފި އެވެ.

ދެ ތަރިން އެކީގައި މި ފަހަރު ފެންނާނެ ފިލްމަކީ ކަރަން ޖޯހަރާއި ރޯހިތު ޝެޓީ ގުޅިގެން ގެނެސްދޭ ކޮޕް ޑްރާމާ "ސޫރިޔަންވަންޝީ" އިންނެވެ. މި ފިލްމަކީ މިދިޔަ އަހަރު ކަރަން އާއި ރޯހިތު ގުޅިގެން އުފެއްދި ކާމިޔާބު ފިލްމު "ސިމްބާ" އަށް ފަހު، ރޯހިތު ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމެވެ.

"ސޫރިޔާވަންޝީ" ގެ ބަތަލާއަކީ ކެޓްރީނާ ކަމަށް މީގެ ކުރިން ވެސް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށް، ފިލްމުގެ ޓީމުން އެކަން ކަށަވަރުކޮށް ދެމުން ވަނީ ކެޓްރީނާއާ އެކީގައި ނަގާފައިވާ ފޮޓޯއެއް ވެސް ޓްވިޓާގައި ހިއްސާކޮށްފަ އެވެ.

ފިލްމުގެ ކާސްޓާ ކެޓްރީނާ ގުޅުމުން އެކަމަށް މަރުހަބާ ކިޔަން އަކްޝޭ ކުރި ޓްވީޓްގައި ބުނީ "ކެޓްރީނާ އަށް ކޮޕް ޔުނިވާސް" އަށް މަރުހަބާ ކިޔާ ކަމަށެވެ.

މިހާތަނަށް އެކީގައި 8 ފިލްމު ކުޅެފައިވާ އަކްޝޭ އާއި ކެޓްރީނާ އެންމެ ފަހުން އެކީގައި ކުޅުނު ފިލްމަކީ 2010 ގެ "ތީސް މާރް ހާން" އެވެ. ދެ ތަރިން އެކީގައި ކުޅުނު އިތުރު ފިލްމުތަކުގެ ތެރޭގައި "ވެލްކަމް"، "ސިންގް އިޒް ކިންގް" އަދި "ނަމަސްތޭ ލަންޑަން" ފާހަގަކޮށްލެވެ އެވެ.

އަންނަ މަހު ރަސްމީކޮށް ޝޫޓިން ފަށާ "ސޫރިޔަންވަންޝީ" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ ފިތުރު އީދުގަ އެވެ. ދާދި ފަހުން މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަންޖޭ ލީލާ ބަންސާލީ، ސަލްމާން ހާނާއި އާލިއާ ބަޓާ އެކު ގެނެސްދޭ "އިންޝާﷲ" ވެސް އަންނަ އަހަރުގެ ފިތުރު އީދަށް ތާވަލުކޮށްފައި ވާތީ ރޯހިތުގެ ފިލްމު ވަނީ އަންނަ އަހަރުގެ ޖުލައި މަހުގެ ފަހުކޮޅަށް ފަސްކޮށްފަ އެވެ.

ނަމަވެސް ކެޓްރީނާ "ސޫރިޔާވަންޝީ" ގެ ކާސްޓާ ގުޅުނުކަން ކަރަން ހިއްސާ ކުރި ޓްވީޓްގައި ބުނީ އެ ފިލްމު ރިލީޒް ކުރާނީ އަންނަ އަހަަރުގެ ފިތުރު އީދުގައި ކަމަށެވެ.

މިދިޔަ އަހަރުގެ އެންމެ ބޮޑު ދެ ފްލޮޕް ކަމަށްވާ ޝާހްރުކް ހާންގެ "ޒީރޯ" އާއި އާމިރު ހާންގެ "ތަގްސް އޮފް ހިންދުސްތާން" އަށް ފަހު ކެޓްރީނާގެ ކުރިއަށް އޮތް ފިލްމަކީ މި އަހަރުގެ ފިތުރު އީދުގައި ރިލީޒް ކުރާ ސަލްމާންގެ "ބާރަތު" އެވެ.

މިދިޔަ މަހު ރިލީޒް ކުރި "ކޭސަރީ" އަށް ފަހު، އަކްޝޭ މި އަހަރު ފެންނާނެ އިތުރު ފިލްމުތަކުގެ ތެރޭގައި "މިޝަން މަންގަލް"، "ގުޑް ނިއުސް" އަދި "ހައުސްފުލް 4" ހިމެނެ އެވެ.