23 އެޕްރީލް 2019 - 07:35

ތަށި ދޮވުމާއި ގޭތެރެ ސާފުކުރުމާއި ތަންމަތި އެޅުން ކަހަލަ ގޭތެރޭގެ މަސައްކަތްތައް ދެމަފިރިން ބައިވެރިވެގެން ކުރާ ނަމަ ކައިވެނީގެ ގުޅުން ބަދަހިވެ ލޯތްބާއި އަޅާލުމާއި އޯގާތެރިކަން އިތުރުކޮށްދޭ ކަމަށް ބައެއް ދިރާސާތަކުން ދައްކަ އެވެ.

މި ފަހަރު މިއޮތީ ހަމަ މި ކަހަލަ ކަމަކާ ގުޅޭ ދިރާސާއެއްގެ ތަފާތު ވާހަކައެކެވެ. ފްލޮރިޑާގެ ސްޓޭޓް ޔުނިވަސިޓީން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ނުތަނަވަސްކަމުން ދުރުވާން ބޭނުން ނަމަ ގޭތެރޭގައި ކުރެވިދާނެ އެއް ކަމަކީ ތަށިތައް ދޮވުމެވެ.
އެހެންވެ މިއީ ބުރަކޮށް އުޅޭ އަނބިންނާއި ފިރިން ވެސް ހިތްހަމަޖައްސައިލަން ކުރެވިދާނެ ކަމެކެވެ.
އެ ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ބަދިގެ ތެރޭގައި ދޮންނަން ޖެހިފައި ހުންނަ ތަކެތި ދޮވެލަން ވަގުތު ހޭދަ ކުރުމަކީ މީހާގެ ސްޓްރެސް ވަރަށް ބޮޑަށް ދަށްކޮށްލައި ހިތަށް އުފާވެރިކަން ގެނެސްދޭ ކަމެކެވެ.
ދިރާސާގައި ބުނީ ތަށިތައް ދޮންނަން ސިންކް ކައިރީގައި ހޭދަކޮށްލެވޭ ވަގުތުކޮޅުގެ ތެރޭގައި އެކަމަށް ބޭނުންކުރާ ސައިބޯނިން ދުވާ ވަހާއި ފެނުގެ ފިނިހޫނުމިނުގެ ސަބަބުން މީހާގެ ހިތަށް ފިނިކަން ގެނެސްދޭ ކަމަށެވެ.
"ގަޔާވެގެން ޝައުގުވެރިކަމާ އެކު ގޭތެގޭގައި ކޮންމެ ދުވަހަކު ކުރަން ޖެހޭ މިފަދަ ކަންކަން ކުރާ ނަމަ މީހާގެ ވިސްނުން ޕޮޒިޓިވްކޮށްދޭ. އަދި އަމިއްލަ އަށް އިސް ނަގައިގެން ކަންކަން ކުރުމުގެ ޝައުގުވެރިކަން ވެސް އިތުރުކޮށްދޭ،" ދިރާސާ ޓީމުގައި އިސްކޮށް މަސައްކަތް ކުރެއްވި އެޑަމް ހޭންލީ ވިދާޅުވި އެވެ.