ލަންކާ އެއާޕޯޓް ކައިރިން ފެނުނު ގޮވާ އެއްޗެއް ނައްތާލައިފި
ލަންކާ އެއާޕޯޓް ކައިރިން ފެނުނު ގޮވާ އެއްޗެއް ނައްތާލައިފި

ސްރީ ލަންކާގެ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓަށް ދާން އޮންނަ މަގެއްގައި ބާއްވާފައި އޮތް ގޮވާ އެއްޗެއް ފެނިގެން އެ ނައްތާލައިފި އެވެ.

ލަންކާ އެއާފޯސްގެ ތަރުޖަމާނު ގްރޫޕް ކެޕްޓަން ގިހަން ސެނަވިރްތަނާ ވިދާޅުވީ މި އައިއީޑީ ފެނުނީ އާޑިއަމްބަލަމާ މަގުން ފެނުނު ޝައްކު ކުރެވޭ އެއްޗެއް ފެނިގެން އެތަނަށް ދިޔައިރު ކަމަށެވެ. އޭނާ ވިދާޅުވީ މި އައިއީޑީ އަކީ ބަޔަކު ލަންކާގައި އަމިއްލަ އަށް ހަދާފައިވާ އެއްޗެއް ކަމަށް ބެލެވޭ ކަމަށެވެ.

"އެއީ ހަ ފޫޓު ދިގު ޕީވީސީ ހޮޅިއެއްގެ ތެރެއަށް، ގޮވާ އެއްޗެހި އަޅައިގެން ހަދާފައިވާ އެއްޗެއް،" ޓައިމްސް އޮންލައިން އަށް ތަރުޖަމާނު ވިދާޅުވެފައިވެ އެވެ.

މި އައިއީޑީ ފެނިފައި މި ވަނީ ލަންކާގެ ކްރިސްޓިއަން ފައްޅިތަކަކަށާއި ފަސް ތަރީގެ ހޮޓާތަކަކަށް ބަޔަކު އަމިއްލަ އަށް މަރުވެގެން ދިން ހަމަލާތަކުގައި 260 އަށް ވުރެ ގިނަ މީހުން މަރުވެ 400 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައި ވަނިކޮށެވެ. ހަމަލާ ދިނުމުގައި ބައިވެރިވި ކަމަށް ޝައްކު ކުރެވޭ އެތައް ބަޔަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

ލަންކާގައި ސަލާމަތީ ފިޔަވަޅުތައް ވަރަށް ބޮޑަށް ވަރުގަކޮށް، އާންމުން ބޭރަށް ނުކުމެ އުޅުން ވެސް މަނާކުރި އެވެ. ނަމަވެސް މިއަދު ހެނދުނު 6:00 އިން ފެށިގެން ކާފިއު ވަނީ މިވަގުތަށް އުވާލައިފަ އެވެ.