ކުއްޖަކު 911 އަށް ގުޅައި މެކްޑޮނަލްޑުން ކާއެއްޗެހި ގެނެސްފި
ކުއްޖަކު 911 އަށް ގުޅައި މެކްޑޮނަލްޑުން ކާއެއްޗެހި ގެނެސްފި

އެމެރިކާގެ މިޝިގަންގައި، އުމުރުން ފަސް އަހަރުގެ ކުއްޖަކު 911 އަށް ގުޅައި މެކްޑޮނަލްޑުން އެއްޗެއް ޑެލިވަކޮށްދިނުމަށް އެދުމުން އެކަން ކޮށްދީފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، އިޒައާ ހޯލް ނަމަކަށް ކިޔާ މި ކުއްޖާ 911 އަށް ގުޅީ ޑިއެކްޓިވޭޓްކޮށްފައި އޮތް ފޯނަކުންނެވެ. އެހެންވެ އެ ފޯނުން ގުޅޭ ހަމައެކަނި ނަންބަރަކީ 911 އެވެ.

"އަހަންނަށް މެކްޑޮނަލްޑްސް ގެނެސްދީފާނަންތަ؟،" އެ ފިރިހެން ކުއްޖާ އެހި އެވެ.

ކޯލަށް ޖަވާބު ދިން ސާރާ ކުބާސްކީ ބުނީ 911 އިން ކާނާ ޑެލިވަކޮށްނުދޭނެ ކަމަށް އެ ކުއްޖާ ގާތު ބުނި ކަމަށެވެ. އެކަމަކު އެވަގުތު ޑިއުޓީގައި އުޅުނު ފުލުހެއް ކަމަށްވާ ޑޭން ޕެޓާސަން އަށް ސާރާ މި ވާހަކަ ކިޔައިދިނެވެ. ކަން ދިމާމާކުރި ގޮތުން ޕެޓާސަން އެވަގުތު ދަތުރުކުރަމުން ދިޔައީ މެކްޑޮނަލްޑް ރެސްޓޯރަންޓެއް ހުރި ހިސާބަކުން އަދި އެ ފޯނު ކުރި ކުއްޖާ އުޅޭ ގެ ހުންނަ މަގަށެވެ. އެހެންވެ އޭނާ މެކްޑޮނަލްޑުން އެއްޗެހި ގަނެގެން، ކުއްޖާގެ ހާލު ބަލައިލަން އެ ގެޔަށް ދާން ނިންމީ އެވެ.

"އެ ދިނުމާ އެކު ފުރަތަމަ ވެސް ބުނީ މިކަން އެނގިއްޖާ މާމަ ވަރަށް ރުޅި އަންނާނޭ. އަވަހަށް ދާށޭ،" ޕެޓާސަން ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

އެކަމަކު ޕެޓާސަން ނިންމީ ކުއްޖާ އެކަނި ގޭގައި އުޅޭތީ، ކުއްޖާގެ މާމަ އަންނަންދެން މަޑުކޮށްލާށެވެ. އަދި މާމަ އައުމުން، ޕެޓާސަން ވަނީ ކަން ހިނގި ގޮތް ކިޔައިދީ 911 އަށް ގުޅަންޖެހޭ ހާލަތްތައް ވެސް އެ ކުއްޖާ އަށް ކިޔައިދީފަ އެވެ.