ތިނަދޫގައި ފެން ބޮޑުވާ މައްސަލަ ހައްލުކުރަން 37 މިލިއަން ރުފިޔާގެ މަޝްރޫއުއެއް
ތިނަދޫގައި ފެން ބޮޑުވާ މައްސަލަ ހައްލުކުރަން 37 މިލިއަން ރުފިޔާގެ މަޝްރޫއުއެއް

ވާރޭވެހޭއިރު ގދ. ތިނަދޫގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމުގެ މަޝްރޫއު 37 މިލިއަން ރުފިޔާ އަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)އާ ހަވާލުކޮށްފި އެވެ.

ކުޑަކޮށް ވާރޭ ވެހުނަސް ތިނަދޫގައި ފެންބޮޑުވެ އެވެ. އަދި އަލަށް އެރަށުގައި ތާރު އަޅައިގެން މަގުތަކެއް ހެދި އިރު ފެން ހިންދޭނެ ނިޒާމެއް ގާއިމުކޮށްފައި ނެތުމުން، އެހެން މަގުތަކުގައި ފެން ބޮޑުވުމުގެ މައްސަލަ ވަނީ ދިމާވެފަ އެވެ.

ތިނަދޫގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުން އަންނަނީ ވެސް އެމްއާރުޑީސީންނެވެ.

ފެން ބޮޑުވުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް އަށް މަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

އެންވަރަމެންޓް މިނިސްޓްރީން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ތިނަދޫގެ މަގުތަކުގެ ޕޭވްމެންޓް ދަށުގައި ގާއިމްކުރާ އަކުއާ ސެލްތަކުގެ ސަބަބުން ވާރޭ ފެނުގެ ވަކި ޕަސެންޓެއް ރައްކާ ވެސް ކުރެވޭނެ އެވެ.

މިނިސްޓްރީން ބުނީ ބިމުގެ ފެން ފަށަލަ އަށް އެ ފެން ފޭދުމުން ރައްކާތެރި ގޮތަކަށް އިޔާދަކޮށްދޭނެ ކަމަށެވެ.

ތިނަދޫގެ 13 މަގެއްގައި މިހާރު ގާތްގަނޑަކަށް ތާރު އަޅާ ވަނީ ނިމިފަ އެވެ. އެކަމަކު އެ މަގުތަކުން ފެން ހިންދަން ކަނޑާފައިވާ ކާނުތަކުން މޫދަށް ފެން ބޭރުވާނެ ގޮތެއް ނެތުމުން މަގުތަކުން ފެން ނުހިނދޭ ކަމަށް ކައުންސިލުން ބުނެ އެވެ.