21 އެޕްރީލް 2019 - 18:36

އަންނަ ރޯދަ މަހު ކިޔެވުން އޮންނަ ގަޑިތައް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މިއަދު ހަމަޖައްސައިފި އެވެ.
އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ހަ ރޯދައިގެ ތެރޭގައި ވެސް ކިޔެވުން އޮންނާނީ ރޯދައަށް ކަނޑައަޅާފައިވާ ވަގުތާ އެއްގޮތަށް ކަމަށެވެ.
ރޯދަ މަހުގައި ސްކޫލުގެ ކިޔެވުން ފަށާނީ ހެނދުނު 8:30 އާއި 9:00 އާ ދެމެދުގެ ވަގުތެއްގައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ. އަދި ދެ ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކުން މެންދުރު 3:00 ގައި ކިޔަވައިދިނުން ނިމޭނެ ގޮތަކަށް ކަންތައް ހަމަޖައްސަން އަންގާފައި ވެ އެވެ.
ރޯދަ މަހު ގްރޭޑް 7-12 ގައި ކިޔަވާ ކުދިންތައް ކިޔަވާނީ ތިން ގަޑިއިރުގެ ދަންފަޅިިއަކަށެވެ. ގްރޭޑް 1-6 ގެ ދަރިވަރުން ކިޔަވަން ދެ ގަޑިއިރާއި 30 މިނެޓު ކަނޑައަޅާފައި ވާ އިރު، އެލްކޭޖީ އާއި ޔޫކޭޖީގެ ދަރިވަރުން ކިޔަވަން ކަނޑައަޅާފައި ވަނީ އެއް ގަޑިއިރާއި 30 މިނެޓެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި ރޯދަ މަހު ކިޔަވާދޭން ވާނީ 30 މިނެޓާއި 45 މިނެޓުގެ ޕީރިއަޑްތަކުގައި އެވެ. އަދި ރޯދަމަހަށް ކަނޑައަޅާ ހާއްސަ ޕްރޮގްރާމުގެ ދަށުން ދެ ހަފްތާތެރޭގައި ހުރިހާ މާއްދާއެއް ކިޔެވޭނެ ގޮތަށް ހަމަޖައްސަން ޖެހޭނެ ކަމަށް ވެސް އެތަނުން ބުނެފައި ވެ އެވެ.
މީގެ އިތުރުން "ކޮންޓިނިއަސް އެސެސްމެންޓު" ނަގާ ގްރޭޑްތަކުގެ ކިޔެވުން ކުރިއަށް ގެންދާނީ އަންނަ މަހުގެ 16 ވަނަ ދުވަހާ ހަމައަށް ކަމަށް އެތަނުން ބުނެފައި ވެ އެވެ. އެ ގްރޭޑްތަކަކީ ގްރޭޑް 6 އިން ފެށިގެން ދަށް ގްރޭޑްތަކެވެ. އަދި އެ ގްރޭޑްތަކުގެ ދަރިވަރުންނަށް 30 މޭ އާ ހަމައަށް ސްކޫލު ނޯންނާނެ ކަމަށް ބުނެފައި ވެ އެވެ. ފުރަތަމަ ޓާމުގެ ފޯމު ދޭނީ އަންނަ މަހުގެ 30 ވަނަ ދުވަހެވެ.
ރޯދަ މަހުގެ ގަޑިތައް ސްކޫލުތަކުން ކަނޑައަޅާ އިރު ވީހާ ވެސް އަވަހަކަށް ދަރިވަރުންނާއި މުވައްޒަފުންނަށް ގެއަށް ދެވޭނެ ގޮތް ހަމަޖައްސަން އެ މިނިސްޓްރީން ސްކޫލުތަކަށް އަންގައިފަ ވެ އެވެ. އަދި ދީނީ މައުލޫމާތު ދިނުމަށް ހާއްސަ ހަރަކާތްތަކެއް ރާވަން ވެސް އެތަނުން އެދިފައި ވެ އެވެ.
ރޯދަ މަހު ސަރުކާރުގެ މުވައްޒަފުން މަސައްކަތްކުރަން ހަމަޖައްސާފައި ވަނީ ހެނދުނު 9:00 އިން މެންދުރު 1:00 އާ ހަމައަށެވެ.