ގައުމީ ޔުނިވަސިޓީގައި ހަތަރު މަގާމެއް އުފައްދައިފި
ގައުމީ ޔުނިވަސިޓީގައި ހަތަރު މަގާމެއް އުފައްދައިފި

ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގައި އަލަށް ހަތަރު މަގާމެއް އުފައްދައި އެ މަގާމުތަކަށް މިއަދު ބޭފުޅުން އައްޔަންކޮށްފި އެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ ރިސާޗް ސެންޓަރުގެ ޑީން އާއި ޑީން އޮފް ސްޓޫޑެންޓްސް، ސެންޓަ ފޯ ފައުންޑޭޝަން ސްޓަޑީޒް އަދި ކޮންޓްރޯލަރު އޮފް އެގްޒަމިނޭޝަންސް އަށް ބޭފުޅުން އައްޔަންކުރައްވައިިފަ އެވެ. މި ބޭފުޅުންނަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ގައުމީ ޔުނިވަސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒު ޝަރީފެވެ.

ރިސާޗް ސެންޓަރުގެ ޑީންއަކަށް އައްޔަން ކުރެއްވީ ޑރ. ރަހީމާ އަބްދުއް ރަހީމެވެ. އޭނާ ކުރިން މަސައްކަތް ކުރެއްވީ އެމްއެންޔޫގެ ފެކަލްޓީ އޮފް ހެލްތް ސައިންސަަސް އަދި ވިލާ ކޮލެޖުގެ ރިސާޗު ސެންޓަރުގެ ޑިރެކްޓަރެއްގެ ގޮތުގަ އެވެ.

ޑީން އޮފް ސްޓޫޑެންޓްސްގެ މަގާމަށް ހަމަޖެއްސީ ނާދިޔާ އަހުމަދެވެ. އޭނާ އަކީ 1997 އިން ފެށިގެން އެމްއެންޔޫގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގައި ވަޒީފާ އަދާ ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި ވަގުތީ ގޮތުން އެގްޒަމިނޭޝަންސް ކޮންޓްރޯލަރުގެ މަގާމުގައި ވެސް އޭނާ ހުންނެވި އެވެ.

ސެންޓަ ފޯ ފައުންޑޭޝަން ސްޓަޑީޒްގެ މަގާމަށް އައްޔަންކުރެއްވީ މުހައްމަދު ދީދީ އެވެ. އޭނާއަކީ އިސްލާމިކް މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީގެ މަގާމުގައި ހަތް އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ކޮންޓްރޯލަ އޮފް އެގްޒަމިނޭޝަންސްގެ މަގާމަށް އައްޔަންކުރެއްވީ ސެންޓަ ފޯ ހަޔަ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމު ހަ އަހަރަށް ވުރެ ގިނަ ދުވަހު ފުރުއްވި ފާތިމަތު ނާޒިޔާ އެވެ.

މި ބޭފުޅުންނާ މަގާމުގެ ލިޔުން ހަވާލުކޮށްދެއްވުމަށް ފަހު ވައިސް ޗާންސެލަރު ޑރ. ފަވާޒު ވިދާޅުވީ އާ ހަތަރު މަގާމު އުފެއްދީ، އެމްއެންޔޫގެ ހިދުމަތްތައް ރަނގަޅު ކުރުމަށެވެ. އަދި ކުރިއަށް އޮތް ހައެއްކަ މަސް ދުވަހުގެ ތެރޭގައި އެ މަގާމުތަކުގެ ނަތީޖާ ފެންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.