138 މިލިއަން: ލަންކާ އިން މަރުވި ކަމަށް ޓްރަމްޕް ޓްވީޓް ކުރެއްވި އަދަދު
138 މިލިއަން: ލަންކާ އިން މަރުވި ކަމަށް ޓްރަމްޕް ޓްވީޓް ކުރެއްވި އަދަދު

ކޮލަމްބޯ (އެޕްރީލް 21) - ސްރީ ލަންކާގައި މިއަދު ދިން ޖާނުންފިދާވުމުގެ ހަމަލާ ކުށްވެރި ކުރައްވައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ޓްވީޓުގައި ލަންކާ އިން މަރުވި މީހުންގެ އަދަދު ކަމަށް ލިޔުއްވާފައި ވަނީ 138 މިލިއަން މީހުންނެވެ.

މިއީ ލަންކާގެ އާބާދީގެ ހަ ގުނަ އަށް ވުރެ އިތުރު އަދަދެކެވެ. ޓްރަމްޕުގެ ޓްވީޓުގައި ވިދާޅުވެފައި ހަމަލާގައި ލަންކާ އިން "މަދުވެގެން 138 މިލިއަން މީހުން މަރުވި" ކަމަށެވެ.

"އެމެރިކާގެ ރައްޔިތުންގެ ފަރާތުން ސްރީ ލަންކާގެ ރައްޔިތުންނަށް ހިތުގެ އަޑިން ތައުޒިޔާ ފޮނުވަން. ފައްޅިތަކާއި ހޮޓާތަކަށް ދިން ހަމަލާގައި މަދުވެގެން ވަނީ 138 މިލިއަން މީހުން މަރުވެ 600 މީހުން ޒަޚަމްވެފައި،" ޓްރަމްޕުގެ ޓްވީޓުގައި ލިޔުއްވާފައިވެ އެވެ.

ނަމަވެސް އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ލަންކާގެ އެކި ސަރަހައްދުތަކުގައި ދިން ބޮމުގެ ހަމަލާތަކުގައި މަރުވެފައި ވަނީ 207 މީހުންނެވެ.

ނަމަވެސް ޓްރަމްޕް ފަހުން ވަނީ އެ ޓްވީޓް ޑިލީޓް ކުރައްވައިފަ އެވެ. ފަހުގެ ޓްވީޓުގައި ލިޔުއްވާފައި ވަނީ 138 މީހުން މަރުވި ކަމަށެވެ. އަދި ލަންކާ އަށް އެހީވާން އެމެރިކާ އޮތީ ތައްޔާރަށް ކަމަށް ލިޔުއްވާފައިވެ އެވެ. ޓްރަމްޕް ޓްވީޓް ކުރެއްވި އިރު މަރުވެފައި ވަނީ 138 މީހުންނެވެ.