ލޯފަން މީހުންގެ ޖަމިއްޔާ އަށް އައިއޭއެސް އިން 1 ލައްކަ ރުފިޔާ ހަދިޔާކޮށްފި
ލޯފަން މީހުންގެ ޖަމިއްޔާ އަށް އައިއޭއެސް އިން 1 ލައްކަ ރުފިޔާ ހަދިޔާކޮށްފި

މޯލްޑިވިއަން އެއާލައިން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެެސް) އިން ލޯފަން މީހުންގެ ޚާއްސަ ޖަމިއްުޔާ އަށް 100،000ރ. މިއަދު ހަދިޔާކޮށްފި އެވެ.

މޯލްޑިވިއަންގެ ފަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް "މިހާރު" އަށް ވިދާޅުވީ، "ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް" އަށް ފައިސާގެ އެހީއެއް ވެދިނީ އެ ކުންފުނީގެ 19 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅިގެން މުޖްތަމައަށް އެހީވުމަށްޓަކައި ކަމަށެވެ.

"މުޖްތަމައުއަށް ކޮށްދެވޭނެ ކަންތައްތައް ބަލާފައި، އަޅުގަނޑުމެން ނިންމީ ޖަމިއްޔާ އަކަށް އެހީވާން. އެގޮތުން މި ޖަމިއްޔާ އަށް އެހީވީ މިއީ މިފަދަ ކަންކަމުގައި މުޖްތަމައުއަށް ހިދުމަތް ކޮށްދެމުން އަންނަ ޖަމިއްޔާއެއް ކަމަށް ފާހަގަކުރެވުމުން،" މޫސަ ވިދާޅުވި އެވެ.

އައިއޭއެސް އިން ހަދިޔާކުރި ފައިސާ އަކީ އެތަނުގެ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ކަމަށް އޭނާ ވިދާޅުވި އެވެ.

ލޯފަން މީހުންގެ ޖަމިއްޔާގެ އެމްބެސަޑަރު މަރިޔަމް ވަހީދާ ވިދާޅުވި ގޮތުގައި، މިއީ އެ ޖަމިއްޔާ އަށް ކުންފުންޏެއްގެ ފަރާތުން މިހާ ބޮޑު އެހީއެއް ލިބުނު ފުރަތަމަ ފަހަރެވެ.

"އެހެން ނޫނީ މަދުން ނަމަވެސް އަޅުގަނޑުމެންނަށް އެހީ ލިބޭ. އަޅުގަނޑުމެން ކުރަމުން އަންނަ މަސައްކަތް ބަލައިގަނެ، އެހާ ބޮޑު އެހީއެއް މޯލްޑިވިއަނުން ދެއްވީތީ ވަރަށް އުފާކުރަން،" މަރީ ވިދާޅުވި އެވެ.

ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް އަކީ ލޮލަށް ނުފެންނަ ކުދިންނަށް ހިދުމަތް ކުރަން 2010 ގައި އުފެއްދި ޖަމިއްޔާ އެކެވެ. އެގޮތުން، އެފަދަ ކުދިންނަށް ހުނަރު ދަސްކޮށްދިނުމަށާއި މުޖްތަމައުގައި ހިދުމަތްކުރާ ބަޔަކަށް ހަދަން ތަމްރީން ޕްރޮގްރާމްތައް އެތަނުން ކުރިއަށް ގެންގޮސްފައި ވެ އެވެ.