21 އެޕްރީލް 2019 - 13:37

ރޯދަމަހަށް ހުޅުވަން އެންމެ ފަހުގެ މަސައްކަތްކުރަމުން އަންނަ މުހައްމަދު ޖަމީލް މިސްކިތުގެ ދެ ވަނަ ބުރިން ވެއްޓި، އެސްޓީއޯގެ އިސް ވެރިއެއްގެ ހާލު ވަރަށް ބޮޑަށް ސީރިއަސްވެ، އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.
އާއިލާގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވީ އެސްޓީއޯގެ އައިޓީ ހެޑް މުސްތަފާ އަޒްމީގެ ބޮލަށާއި ފުއްޕާމެއަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ.
އައިޓީގެ މަސައްކަތުގެ އިތުރުން އަޒުމީ، 41، އަކީ އަތްތެރި މަސައްކަތުގެ ވެސް ހުނަރުވެރިއެކެވެ. އެގޮތުން އޭނާ ގެންދަވަނީ ލަކުޑިން ތަފާތު އެއްޗެހި އުފައްދަވަމުންނެވެ.
އެސްޓީއޯގައި އަޒުމީ މަސައްކަތް ކުރައްވަމުން ގެންދަވާ މިހާރު 25 އަހަރު ވެއްޖެ އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އަޒުމީގެ ހާލު ސީރިއަސް ކަމަށެވެ. އެހެންކަމުން އަވަސް ޝިފާއަކަށް އެދި ދުއާކޮށްދިނުމަށް އޭނާ އެދިވަޑައިގެންފައިވެ އެވެ.
އަލިވާގޭ ކައިރީ ހުންނަ މުހައްމަދު ޖަމީލު މިސްކިތް، އާންމު ނަމުން ނަމަ، ފައި ފޮހޭ މިސްކިތް، ހަތަރު ބުރިއަށް ހަދާ މިހާރު ވަނީ ގާތްގަނޑަކަށް ނިމިފަ އެވެ. އަމިއްލަ ފަރާތަކުން އިމާރާތްކުރި މި މިސްކިތް ރޯދަމަހުގެ ކުރިން ހުޅުވާނެ ކަމަށް ބެލެވެ އެވެ.