21 އެޕްރީލް 2019 - 13:01

ސްރީ ލަންކާގައި މިއަދު ދިން ބޮމުގެ ހަމަލާތަކަކީ ފިނޑި އަމަލެއްގެ ގޮތުގައި ސިފަކުރައްވައި، އެ ހަމަލާގެ ޝިކާރައަކަށް ވި އާއިލާތަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ސްރީ ލަންކާގެ ކްރިސްޓިއަނުން އީސްޓަ ސަންޑޭ ފާހަގަކުރަމުން ދަނިކޮށް ދެ ފައްޅިއެއްގަ އާއި ކޮލަމްބޯގެ އެކި ތަންތަނުގައި އެއްޗެހިތަކެއް ގޮއްވާލައިގެން މިއަދު ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 160 އަށް އަރާފަ އެވެ. އެތައް ސަތޭކަ ބަޔަކު ޒަހަމްވެފައި ވާތީ މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެ އެވެ.
މިއީ ލަންކާގައި މިހާތަނަށް ދިން ޓެރަރިސްޓް އެންމެ ބޮޑު ހަމަލާތަކެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ޓެރަރިޒަމްގެ ފިނޑި މި އަމަލުގެ އަސަރު ކުރި އެންމެނަށް ހިތުގެ ފުންމިނުން ހަމްދަރުދީ ވެވަޑައިގަންނަވާ" ކަމަށެވެ.
ޓެރަރިޒަމާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ލަންކާގެ ސަރުކާރާއި ރައްޔިތުންނަށް ރާއްޖޭގެ ތާއީދާއި މަދަދު ލިބޭނެ ކަމުގެ ޔަގީންކަން ވެސް، މިވަގުތު އިންޑިއާގައި ހުންނެވި، ރައީސް ދެއްވި އެވެ.
"މިއަދު ހެނދުނު ސްރީ ލަންކާގައި ހިނގި ބިރުވެރި ހާދިސާތަކާ މެދު ހިތާމަކުރަން. ޓެރަރިޒަމްގެ މި ފިނޑި އަމަލުގެ އަސަރު ކުރި އެންމެނަށް އަޅުގަނޑުގެ ހިތުގެ ފުންމިނުން ހަމްދަރުދީވަން،" ރައީސްގެ ޓްވީޓްގައި ވެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ލަންކާގެ ހަމަލާތަކުގެ ސަބަބުން "ބިރުގަތް" ކަމަށެވެ.
"މިކަމުގެ ފަހަތުގައި ކޮންމެ ފަދަ ގްރޫޕެއް ނުވަތަ ވިސްނުމެއް އޮތަސް އެމީހުންނަށް ހައްގުވަނީ އެހެން އެންމެންގެ ދެކޮޅުހެދުމާއި ދުރުވެގަތުމެވެ،" އަނިޔާ ލިބުނު މީހުންނަށް ހެޔޮ ދުއާކުރައްވަމުން، ނަޝީދުގެ ޓްވީޓްގައި ވިދާޅުވި އެވެ.
ލަންކާގެ ހަމަލާ ދުނިޔޭގެ ލީޑަރުން ގެންދަވަނީ ކުށްވެރިކުރައްވަމުންނެވެ. މިއީ ދުނިޔޭގެ ނިސްބަތުން ބެލި ނަމަވެސް އަނިޔާވެރިކަން ބޮޑު ހަމަލާތަކެކެވެ.
ލަންކާގެ އޮފިޝަލުން ގޮވާލަނީ ހަމަލާގެ ތުހުމަތު ވަކި ބައެއްގެ ބޮލުގައި އަޅުވައި އިތުރު ހަމަނުޖެހުންތަކެއް ނޫފެއްދުމަށެވެ.
މިއަދު ދިން ހަމަލާއަކީ ލަންކާގެ ތާރީހުގައި އެންމެ ގިނަ މީހުން މަރުވި ޓެރަރިސްޓް ހަމަލާ އެވެ. މީގެ ކުރިން އެފަދަ ހަމަލާއެއްގައި އެންމެ ގިނަ މީހުން މަރުވެފައި ވަނީ 1996 ގަ އެވެ. ޖެނުއަަރީ 31، 1996 ގައި ކޮލަމްބޯ ސެންޓްރަލް ބޭންކަށް އަމާޒުކޮށް ދިން ހަމަލާގައި 91 މީހުން މަރުވެ 1،400 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ.