ރޮނާލްޑޯ ފިޓް، އޭނާ ކުޅޭނެ: ޒިދާން
ރޮނާލްޑޯ ފިޓް، އޭނާ ކުޅޭނެ: ޒިދާން

މިލާން (މޭ 28) - ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މިރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގެ ފުރަތަމަ 11 ގައި ކްރިސްޓިއާނޯ ރޮނާލްޑޯ ހިމަނާނެ ކަމަށް ރެއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފި އެވެ.

އަންގާރަ ދުވަހު ޕްރެކްޓިހުގައި ރޮނާލްޑޯ އަށް އަނިޔާވި ނަމަވެސް މިހާރު އޭނާ ސަތޭކަ ޕަސެންޓް ފިޓްކަމަށް ޒިދާން ބުންޏެވެ.

"އޭނާގެ އަނިޔާގެ މައްސަލަތަކެއް އުޅުނު. އެކަމަކު މިހާރު ރަނގަޅު. ފައިނަލެއް ވީމަ ރޮނާލްޑޯ ކުޅޭނެ ރަނގަޅު ނުވިޔަސް. އެކަމަކު އޭނާ މިހާރު 100 ޕަސެންޓް ފިޓްކަމަށް އަހަރެން ގަބޫލުކުރަނީ،" ޒިދާން ބުންޏެވެ.

ރެއާލް މެޑްރިޑާ އެކު ކުޅުންތެރިއެއްގެ ގޮތުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ޒިދާން ބުނީ ބަލިވިޔަސް އެއީ ނާކާމިޔާބެއް ނޫން ކަމަށާއި ނާކާމިޔާބަކަށް ވާނީ ފަރުވާކުޑަކޮށްފި ނަމަ ކަމަށެވެ.

“އަހަރެމެން މިތިބީ ތައްޔާރަށް ރެއާލް މެޑްރިޑުގެ ފެންވަރު ދައްކާލަން،” ޒިދާން ބުންޏެވެ.

އިޓަލީގެ މިލާނުގެ ސެން ސީރޯ ސްޓޭޑިއަމުގައި ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 23:45 ގަ އެވެ.