22 އެޕްރީލް 2019 - 07:33

އެމެރިކާގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ސްޓީވެން ކިންގްގެ ވާހަކައަކަށް ބިނާކޮށް މި މަހުގެ ކުރީކޮޅު ނެރުނު ފިލްމު "ދަ ޕެޓް ސެމަޓަރީ" ރަނގަޅު ވިޔަފާރިއެއް ކުރަމުން ދަނިކޮށް، އޭނާގެ އިތުރު ވާހަކައަކަށް އަނެއްކާ ވެސް ފިލްމެއް ހަދަން ނިންމައިފި އެވެ.
މި ފަހަރު ބޮޑު ސްކްރީނަށް ފައްކާ ކުރަން ނިންމާފައި ވަނީ އޭނާ 2003 ގައި އެސްކްއާ މަޖައްލާ އަށް ލިޔުނު ކުރު ވާހަކަ "ރެސްޓް ސްޓޮޕް" އެވެ.
"ރެސްޓް ސްޓޮޕް" ލިޔެ، ޑައިރެކްޓް ކުރާނީ "ހާ ސްމެލް" އާއި "ކްއީން އޮފް އާތު" އަދި "ލިސިން އަޕް ފިލިޕް" ފަދަ ފިލްމުތައް ގެނެސް ދިން އެލެކްސް ރޮސް ޕެރީ އެވެ. ނަމަވެސް މީގެ ކާސްޓާއި ފިލްމުގެ މަސައްކަތް ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.
ކިޔުންތެރިންގެ މަގުބޫލުކަން ވަރަށް ބޮޑަށް ހޯދާފައިވާ ކިންގް، 71، ލިޔެފައިވާ ވާހަކަތަކަށް ބިނާކޮށް ސްކްރީނަށް ގެންނަން ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "އިޓް: ޗެޕްޓާ ޓޫ" އަދި 1977 ގައި ގެނެސް ދިން ބިރުވެރި ފިލްމު "ދަ ޝައިނިން" ގެ ސީކްއެލް "ޑޮކްޓާ ސްލީޕް" ހިމެނެ އެވެ.