އެޕީލް ކާމިޔާބުނުވި، ރަޝިއާގެ ސަސްޕެންޝަން ކޯޓުން ދަމަަހައްޓައިފި
އެޕީލް ކާމިޔާބުނުވި، ރަޝިއާގެ ސަސްޕެންޝަން ކޯޓުން ދަމަަހައްޓައިފި

ޒިއުރިކް (ސެޕްޓެމްބަރު 1) - މި މަހު ހަތް ވަނަ ދުވަހު ބްރެޒިލްގައި ފަށާ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އޮލިމްޕިކްސް "ޕެރަލިމްޕިކްސް" ގައި ބައިވެރިނުވެވޭ ގޮތަށް އިންޓަނޭޝަނަލް ޕެރަލިމްޕިކް ކޮމިޓީ (އައިޕީސީ) އިން ރަޝިއާ އަށް ދީފައިވާ ސަސްޕެންޝަން އެ ގައުމުގެ އެތުލީޓުން ސްވިޒަލެންޑުގެ ސުޕްރީމް ކޯޓުގައި އެޕީލްކުރި ނަމަވެސް އެ މައްސަލަ އެ ކޯޓުން ނުބަލަން ނިންމައިފި އެވެ.

ރަޝިއާގެ ޕެރަލިމްޕިކް ކޮމިޓީން ބުނީ މިއީ އިންސާފުވެރި ނިންމުމެއް ނޫން ކަމަށާއި ނުހައްގުން ވަރަށް ގިނަ ބަޔަކަށް އަދަބެއް ލިބިފައިވާ ކަމަށެވެ.

ގޭމްސްތަކުގައި ރަޝިއާ އެތުލީޓުންނާއި ސަރުކާރުގެ އޮފިޝަލުންނާ ގުޅިގެން މަނާ ބޭސް ބޭނުންކުރާ ކަމަށް ބުނެ، ވޯލްޑް އެންޓި ޑޯޕިން އެޖެންސީ (ވާޑާ) އިން މިދިޔަ ޖޫން މަހު ނެރުނު ރިޕޯޓާ ގުޅިގެން އައިޕީސީން ދީފައިވާ ސަސްޕެންޝަން ރަޝިއާ އިން ވަނީ ކޯޓު އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އަށް ހުށަހަޅައިގެން ހައްލެއް ހޯދަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ސީއޭއެސް އިން ވެސް ނިންމީ އައިޕީސީގެ ނިންމުމަށް ތާއީދުކޮށް ރަޝިއާގެ ސަސްޕެންޝަން ދެމެހެއްޓުމަށެވެ.

ސްވިޒަލެންޑުގެ ސުޕްރީމް ކޯޓުން ވެސް މި މައްސަލައިގައި ނިންމީ ސީއޭއެސް އިން ނިންމި ގޮތާ އެއްގޮތަށް ސަސްޕެންޝަން ދެމެހެއްޓުމަށެވެ. މި ނިންމުމާ އެކު މި ފަހަރުގެ ޕެރަލިމްޕިކްސް އިން ރަޝިއާ ނުފެންނާނެ އެވެ. ރަޝިއާ އިން ޕެރަލިމްޕިކްސް އަށް ފޮނުވަން ނިންމި ކޮންޓިންޖެންޓުގައި 266 އެތުލީޓުން ހިމެނެ އެވެ.

ވާޑާ އިން މިދިޔަ ޖޫން މަހު ނެރުނު ރިޕޯޓާ ގުޅިގެން ދާދި ފަހުން ނިމުނު އޮލިމްޕިކްސް އިން ވެސް ރަޝިއާ ސަސްޕެންޑް ކުރުމަށް ފުރަތަމަ ނިންމި އެވެ. އެހެން ނަމަވެސް ފަހުން އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ނިންމީ ރަޝިއާ އެއްކޮށް ސަސްޕެންޑް ނުކޮށް، މަނާބޭހަށް ޕޮޒިޓިވްވި އެތުލީޓުން ސަސްޕެންޑް ކުރުމަށާއި ކުޅުންތެރިން ސަސްޕެންޑް ކުރުމުގެ ބާރު ވަކިވަކި ކުޅިވަރު ފެޑެރޭޝަންތަކަށް ދިނުމަށެވެ.