22 އެޕްރީލް 2019 - 07:32

ނެޓްފްލިކްސް އިން މިދިޔަ ހަފުތާގައި އިއުލާންކުރި އިންޑިއާގެ އާ 10 އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ "މިސިޒް ސީރިއަލް ކިލާ" ގެ ލީޑް ރޯލަށް ޖެކްލިން ފެނަންޑޭޒާއި މަނޯޖް ބަޖްޕާއީ ނަގާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ވެބް ސީރީޒަކީ މަޝްހޫރު ކޮރިއޮގްރާފަރު/ޑައިރެކްޓަރު ފަރާ ހާންގެ ފިރިމީހާ ޝްރިޝް ކުންދަރު ޑައިރެކްޓް ކުރާ އެއްޗެކެވެ. ނަމަވެސް "މިސިޒް ސީރިއަލް ކިލާ" ގެ ކާސްޓަށް ޖެކްލިން އާއި މަނޯޖް ސޮއިކުރިކަން ފަރާ އާއި ޝްރިޝް އަދި ކަށަވަރެއް ނުކޮށްދެ އެވެ.
އެކަމަކު ބޮލީވުޑް ހަންގާމާ އިން ބުނީ ޖިންސީ ފުރައްސާރައިގެ ތުހުމަތުތުގައި މިހާރު ބޮލީވުޑުން އެކަހެރިކޮށްފައިވާ ފަރާގެ ކޮއްކޮ އަދި ޑައިރެކްޓަރު ސާޖިދު ހާނާ ލޯބީގެ ގުޅުމެއް ބޭއްވި ޖެކްލިން އާއި މަނޯޖަށް ވެބް ސީރީޒް ހުށަހަޅާފައިވާ ކަމަށާއި އެކަން ރަސްމީކޮށް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށެވެ.
ޝްރިޝް ވެބް ސީރިޒެއް ޑައިރެކްޓް ކުރާ އިރު އޭނާ ކުރިން ވަނީ ދެ ފީޗާ ފިލްމު ވެސް ޑައިރެކްޓްކޮށްފަ އެވެ. އެއީ 2012 ގެ "ޖޯކަރު" އާއި 2006 ގެ "ޖާނެމަން" އެވެ. އަދި 2016 ގައި "ކްރިތީ" ކިޔާ ކުރު ފިލްމެއް ވެސް ޑައިރެކްޓްކޮށްފައިވެ އެވެ.
"މިސިޒް ސީރިއަލް ކިލާ" އާ ބެހޭ ގޮތުން ފަރާ ބުނީ މިއީ އޯޑިއަންސް ސިއްސުވައިލާނެ ކަހަލަ ވާހަކައެއް ކިޔައި ދޭނެ އެއްޗެއް ކަމަށާއި ބެލުންތެރިން އުންމީދު ނުކުރާ ކަހަލަ އެއްޗަކަށް އޭތި ވާނެ ކަމަށެވެ. ޝްރިޝް ބުނީ "ކިލާ" އެއްގެ ވާހަކައެއް ކިޔައި ދިނުމަކީ އޭނާ އަބަދު ވެސް ކުރަމުން ދިޔަ އުންމީދެއް ކަމަށާއި ނެޓްފްލިކްސް އިން އެ ފުރުސަތު ފަހިވުމަކީ ބޮޑު އުފަލެއް ކަމަށެވެ.
މިދިޔަ އަހަރު "ރޭސް 3" އިން ފެނިގެން ދިޔަ ޖެކްލިންގެ ކުރިއަށް އޮތް ފިލްމަކީ ޖޫން 28 އަށް ތާވަލުކޮށްފައިވާ "ޑްރައިވް" އެވެ.
މިދިޔަ މަހު ރިލީޒް ކުރި "ސޯންޗިޅީޔާ" އިން ފެނިގެން ދިޔަ މަނޯޖްގެ ކުރިއަށް އޮތް ފިލްމަކީ އަދި ރިލީޒް ކުރާނެ ތާރީހެއް އިއުލާންކޮށްފައި ނުވާ ހޮލީވުޑްގެ ފިލްމު "ޑާކާ" އެވެ.