އިތުބާރު ދަމަހައްޓައި ތަފާތު ދައްކާނަން: ސެކުލޮސްކީ
އިތުބާރު ދަމަހައްޓައި ތަފާތު ދައްކާނަން: ސެކުލޮސްކީ

މާޒިޔާ އިން ކުރިއަށް އޮތް ސީޒަނާ ކުރިމަތިލާނީ ވަރުގަދަ އަޒުމަކާ އެކު ކަމަށާއި ކާމިޔާބީ ހޯދަން ބޭނުންވާ އިތުބާރު ދަމަހައްޓައި ތަފާތު ދައްކާނެ ކަމަށް އެ ޓީމުގެ ކޯޗު މަރުޔާން ސެކުލޮސްކީ ބުނެފި އެވެ.

އިތުބާރު ދަމަހައްޓައި ތަފާތު ދައްކާނަން: ސެކުލޮސްކީ
އިތުބާރު ދަމަހައްޓައި ތަފާތު ދައްކާނަން: ސެކުލޮސްކީ

މާޒިޔާގެ ތާރީހުގައި އެ ޓީމަށް ފުރަތަމަ ފަހަރަށް ގެނައި ބިދޭސީ ކޯޗުގެ ގޮތުގައި މެސެޑޯނިއާ އަށް އުފަން ސެކުލޮސްކީ އެ ޓީމާ އެންމެ ފުރަތަމަ ހަވާލުވީ 2017 ވަނަ އަހަރު އެވެ. އެ ފަހަރު އަމިއްލަ ސަބަބަކާ ހުރެ، އެއްބަސްވުމުގެ މުއްދަތު ހަމަވާން ކައިރިވެފައިވަނިކޮށް މާޒިޔާ އިން ސެކުލޮސްކީއާ ވަކިވިއިރު، އޭނާ ވަނީ އެ ސީޒަނުގައި އެފްއޭ ޗެރިޓީ ޝީލްޑާއި އެސްޓީއޯ މާލޭ ލީގު ކާމިޔާބު ކޮށްފަ އެވެ.

މިދިޔަ ސީޒަނުގައި މާޒިޔާ އަށް ކޯޗުކޮށްދިނީ އެ ޓީމަށް ކުރިން ކޯޗުކޮށްދިން އިސްމާއިލް މަހަފޫޒް (އިންމަ) އެވެ. މިދިޔަ އަހަރު މާޒިޔާގެ އަމާޒަށް ވާސިލްނުވެވުމުން އެ ކްލަބުން ވަނީ އަލުން ބިދޭސީ ކޯޗެއް ގެންނަން ނިންމައިފަ އެވެ. އެ ކްލަބްގެ ކަޅި އެންމެ ފުރަތަމަ ހުއްޓުނީ ވެސް ސެކުލޮސްކީ އަށެވެ.

އިއްޔެ މާޒިޔާ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކްލަބްގެ ޖެނެރަލް ސެެކްރެޓަރީ އަބްދުލް ވައްހާބު ވިދާޅުވީ ސެކުލޮސްކީ އަކީ އެ ކްލަބަށް ރަނގަޅު ހިދުމަތެއް ކޮށްދީފައިވާ ކޯޗެއް ކަމަށާއި މިހާރު އޮތް ޓީމަށް އޭނާ އަށް ތަފާތެއް ގެނެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މަސައްކަތްކުރަން ލިބުނު އެންމެ ރަނގަޅު އަދި ޒުވާން ކުޅުންތެރިންނަށް ވެސް އެންމެ ކަމުދާ ކޯޗު މިއީ. ބޭރު ކޯޗެއް ގެންނަން ނިންމިއިރު އެންމެ ބޮޑު އިސްކަމެއް ދިނީ މިތަން ދަންނަ މި އޭޝިއާ ސަރަހައްދު ވެސް އެނގޭ ކޯޗެއް ގެންނަން. މި ހުރިހާ ކަމަކަށް ބަލާއިރު މި ކޯޗު (ސެކުލޮސްކީ) ރަނގަޅު،" ވައްހާބު ވިދާޅުވި އެވެ.

ސެކުލޮސްކީ ބުނީ މާޒިޔާ އިން އަލުން އޭނާ ގެންނަން ނިންމުމަކީ ލިބިގެންދިޔަ ހިތްހަމަޖެހުމެއް ކަމަށާއި އެ އިތުބާރުގެ ބޭނުން އެންމެ ފުރިހަމަ އަށް ހިފާނެ ކަމަށެވެ. އަދި ކުރިން މާޒިޔާގައި ކުރި ތަޖުރިބާގައި ވެސް އޭނާ އަށް އެނގިގެންދިޔައީ ފުޓްބޯޅަ އަށް މާޒިޔާގެ ފަރާތުން އޮތް ރަނގަޅު ވިސްނުންތައް ކަމަށާއި އޭގެއާ އެކު އިތުރަށް ކުރިއަށްދެވޭނެ ކަމަށް ބުންޏެވެ.

"މާޒިޔާގައި އެބައޮތް ރަނގަޅު މެނޭޖްމަންޓެއް. ފުޓްބޯޅަ އަށް ހިދުމަތްކޮށްދޭ ޗެއާމަނެއް. މި ކްލަބްގެ ވިސްނުމަކީ ފުޓްބޯޅަ އަށް ހިދުމަތްކުރުން. އަހަރެން ބޭނުންވަނީ މި ކަހަލަ ފުޓްބޯޅައިގެ އުއްމީދައިގެން ކުރިއަށްދާ މީހުންނާ އެކު މަސައްކަތްކުރަން. އަހަރެން ކާމިޔާބު ކޯޗަކަށް ވާން ބޭނުން. މާޒިޔާ އަލުން ކާމިޔާބު ހޯދާއިރު އެންމެ މުހިއްމު ރޯލެއް ކުޅޭނީ މި އެންމެންގެ އިތުބާރު." އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި މާޒިޔާގެ ޗެއާމަން މުހައްމަދު ސާޖިދަށް އިޝާރާތްކޮށް ސެކުލޮސްކީ ބުންޏެވެ.

"މި އިތުބާރު މި ޓީމަށް ކާމިޔާބު ހޯދައިދޭނެ. އެ މަސައްކަތް އޮތީ އަހަރެންނަށް."

މި އަހަރުގެ ފުޓްބޯޅަ ސީޒަނަށް މާޒިޔާ އިން ވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފަ އެވެ. އެ ޓީމުން ވަނީ ފެންވަރު ރަނގަޅު ކުޅުންތެރިންގެ ސޮއި ހޯދައި ޓީމު ވަރުގަދަ ކޮށްފަ އެވެ. މާޒިޔާއާ ގުޅުނު ކުޅުންތެރިންނަށް ބަލާއިރު ޓީސީގެ އަބްދުﷲ ހަނީފް (ބެންޖޯ)، އިބްރާހިމް ވަހީދު ހަސަން (އިއްބެ)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، ނިއު ރޭޑިއަންޓުގެ އަހުމަދު އަބްދުﷲ (ލިލީ) އަދި ހަމްޒާ މުހައްމަދު (ހަމްޕު) ހިމެނެ އެވެ.

ސެކުލޮސްކީ ބުނީ މާޒިޔާ އިން ގެނައި ކުޅުންތެރިންނާ މެދު އޭނާ ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި އެއީ ގައުމީ ޓީމުގެ ކުޅުންތެރިން ކަމަށްވުމުން އެ ކުޅުންތެރިންގެ ފެންވަރާ މެދު ސުވާލު އުފެއްދޭނެ ޖާގައެއް ނެތް ކަމަށެވެ.

"އަހަރެން ދުށިން އެ ކުޅުންތެރިން 2017 ގައި ތިބި ލެވެލް. މިހާރު އެ ކުޅުންތެރިން ކުރިއަރައިފި. ހަގީގަތުގައި އެ ކުޅުންތެރިންގެ ފެންވަރުގެ ވާހަކަ ދައްކަން ނެތިން. އެއީ ގައުމީ ޓީމުގެ ކުޅުންތެރިން. ނޫނީ ގައުމީ ޓީމަށް ކުޅެފައި ތިބި ކުޅުންތެރިން. ޔަގީނުން ވެސް އެނގޭ ކަމަކީ އެއްވެސް ގައުމީ ޓީމަކަށް އެހާ ފަސޭހައިން ޖާގަ ނުލިބޭނެ. އެހެންވީމަ މި ކުޅުންތެރިން އަހަންނަށް ވަރަށް ކަމުދޭ،" 2014 ވަނަ އަހަރު މެސެޑޯނިއާ ފުޓްބޯޅަ ފެޑެރޭޝަނުން ހޮވި ބޭރު ގައުމުތަކުގައި މަސައްކަތްކުރާ މެސެޑޯނިއާގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ހޯދި ސެކުލޮސްކީ ބުންޏެވެ.

މި ފަހަރުގެ ފުޓްބޯޅަ ސީޒަނަށް އެފްއޭއެމުން ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެހެން އަހަރުތަކެކޭ ހިލާފަށް މި އަހަރުގެ ފުޓްބޯޅަ ސީޒަން ފަށާނީ އަންނަ ޖޫން މަހު އެވެ. ނިމޭނީ އަންނަ އަހަރު އެވެ. ސެކުލޮސްކީ ބުނީ ޝެޑިއުލްތައް ރޭވިފައި އޮތް ގޮތާ މެދު އޭނާ ދައްކާނެ ވާހަކަތަކެއް ނެތް ކަމަށާއި މިހާރު އޮތްގޮތުން ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވާން އެކަށީގެންވާ ވަރަށް ވަގުތު އެބައޮތް ކަމަށާއި ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ކަމަށެވެ.

މާޒިޔާއިން ކުރިއަށް އޮތް ސީޒަނަށް އިއްޔެ ޕްރެކްޓިސް ފަށާފައިވާއިރު، އެ ޓީމުން ގެންނަ ބިދޭސީ ކުޅުންތެރިން އަންނަ މަސް ތެރޭގައި އެ ޓީމާ ގުޅޭނެ ކަމަށް އެ ކްލަބުން ވަނީ ބުނެފަ އެވެ.