"އުރީ" ސިނަމާތަކުގައި ދައްކާތާ 100 ދުވަސް
"އުރީ" ސިނަމާތަކުގައި ދައްކާތާ 100 ދުވަސް

މި އަހަރުގެ ފުރަތަމަ ބޮޑު ހިޓްގެ މަގާމު ހޯދި ވިކީ ކޯޝަލްގެ ހަނގުރާމަ ފިލްމު "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ސިނަމާތަކުގައި ދައްކާތާ 100 ދުވަސްވެއްޖެ އެވެ.

ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކޮށް، އަދިތިޔާ ދާރް ލިޔެ/ޑައިރެކްޓް ކުރި މި ފިލްމަކީ މިދިޔަ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު ސިނަމާތަކަށް ގެނައި ފިލްމެކެވެ. މީގެ ބަތަލަކީ ވިދަމުން އަންނަ ޒުވާން އެކްޓަރު ވިކީ ކޯޝަލް އެވެ.

އޭނާ އިންޑިއާގެ އަސްކަރީ އޮފިސަރެއްގެ ރޯލުން ފެނިގެންދާ "އުރީ" އަކީ 2016 ގައި ޕާކިސްތާނުގެ ޓެރިސްޓް ޖަމާއަތަކުން އިންޑިއާ އަށް ދިން ހަމަލާއެއްގައި އެ ގައުމުގެ 19 ސިފައިން މަރައިލި ހާދިސާގެ ރައްދުގައި އިންޑިއާގެ އަސްކަރިއްޔާ އިން ކުރިއަށް ގެންދިޔަ ސާޖިކަލް އޮޕަރޭޝަނަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

މި ފިލްމަށް ކްރިޓިކުން ބެލުންތެރިންގެ ލޯބި އިންތިހާ އަށް ލިބިގެން ދިޔަ އިރު، އިންޑިއާ އާއި އިންޑިއާގެ ބޭރުގެ މާކެޓްތަކުން ފިލްމަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ މިދިޔަ އާދީއްތަ ދުވަހާ ހަމައަށް 336.97 ކްރޯޑް ރުޕީސް އަށް އަރައިފަ އެވެ. "އުރީ" އަކީ އެންމެ 45 ކްރޯޑްގެ ބަޖެޓަކުން ހެދި ފިލްމެކެވެ.

މި ފިލްމަށް ބޮކްސް އޮފީހުގައި ލިބެމުން އަންނަ ކާމިޔާބީ ފާހަގަ ކުރަމުން މަޝްހޫރު ކްރިޓިކް ތަރަން އަދާޝް ބުނި ގޮތުގައި ސިނަމާތަކުގައި ފިލްމެއް 100 ދުވަސް ހަމަކުރުމަކީ މިހާރު ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. އަދި މިއީ ވަރަށް ވެސް ފާހަގަކޮށްލެވޭ ކާމިޔާބީއެއްކަން ސިފަ ކުރަމުން އޭނާ ބުނީ އާންމުކޮށް މި ފަހުން ފިލްމުތައް އެންމެ ބޮޑަށް ހިނގަނީ ރިލީޒްކުރާ 10 ވަރަކަށް ދުވަހަށް ކަމަށެވެ.

ތަރަން ބުނި ގޮތުގައި ރިލީޒްކުރިތާ އެތައް ދުވަހެއްވީ ނަމަވެސް، ބޮކްސް އޮފީހުގައި ފިލްމުގެ ވިޔަފާރި އަށް ފަނޑުކަމެއް އައުމުގެ ނިޝާނެއް އަދިވެސް ފެންނާކަށް ނެތެވެ.

މި ކާމިޔާބީއާ ގުޅިގެން "އުރީ" ގެ ޓީމުން ވަނީ ޓްވިޓާގައި އެ މީހުންގެ ޝުއޫރުތައް ފާޅުކޮށްފަ އެވެ.

"އުރީ" ރިލީޒްކުރި ފަހުން ކަންގަނާ ރަނާވަތުގެ "މަނިކަރުނިކާ" އާއި އަމީތާބް ބައްޗަންގެ "ބަދުލާ" އާއި އަކްޝޭ ކުމާރުގެ "ކޭސަރީ" ގެ އިތުރުން ކަރަން ޖޯހަރުގެ "ކަލަންކް" ފަދަ ބޮޑެތި ފިލްމުތައް ސިނަމާތަކަށް އައި ނަމަވެސް، ފާހަގަކޮށްލަން ޖެހޭ ކަމަކީ "އުރީ" ގެ ވިޔަފާރި އަށް މާ ބޮޑު އަސަރެއް ނުކުރާ ކަމެވެ.

މި ފިލްމު ބެލުންތެރިންނަށް އެހާ ކަމުދިޔަ ސަބަބުތަކުގެ ތެރޭގައި ފިލްމުގެ ސްކްރީންޕްލޭ އާއި ޑައިރެކްޝަން ފުރިހަމަވުމާއި ވިކީގެ އެކްޓިން ވެސް އިންތިހާ އަށް މޮޅުވުމުގެ އިތުރަށް ފިލްމުގައި ވަރަށް ވެސް ފާހަގަކޮށްލެވޭ ކަހަލަ ވަރުގަދަ ޑައިލޮގްތައް ހުރުމުގެ އިތުރަށް އިންޑިއާ ރައްޔިތުންގެ ލެއާ ކުޅެލައި ޖޯޝާއި ފޯރި ގެންނަ ކަހަލަ ފިލްމަކަށް ފިލްމުވުން ހިމެނެ އެވެ. އެގޮތުން ވިކީގެ "ހައު އިޒް ދަ ޖޯޝް؟" އަކީ މި ފިލްމު ރިލީޒް ކުރުމާ އެކު އެންމެ ބޮޑަށް ވައިގައި ހިފި އެއް ޑައިލޮގެވެ.

"އުރީ" ގެ އިތުރު ކާސްޓުންގެ ތެރޭގައި ޔާމީ ގޯތަމް، ކިރިތީ ކުލްހާރީ، ޕަރޭޝް ރާވަލް އަދި ޓީވީ އެކްޓަރު މޯހިތު ރައިނާ ހިމެނެ އެވެ.

މި ފިލްމުގެ ބޮޑު ކާމިޔާބީއާ ގުޅިގެން ރޯނީ އާއި އަދިތިޔާ މިހާރު ވަނީ ވިކީ ހިމަނައިގެން އިންޑިއާގައި މިހާތަނަށް ހަދާނެ އެންމެ ބޮޑު އެއް ސުޕަހީރޯ ފިލްމު ވެސް އިއުލާންކޮށްފަ އެވެ.