02 ސެޕްޓެމްބަރ 2016 - 06:38

ބޮލީވުޑް ތަރި ދީޕިކާ ޕަދުކޯން އަކީ ކާކުކަން ނޭނގޭ މީހަކު ވަރަށް މަދުވާނެ އެވެ. އަމުދުން އިންޑިއާގައި އެއީ އެންމެން ވެސް ދަަންނަ މުހިންމު ނަމެކެވެ. އިންޑިއާގެ ވައިގެ ސިފައިންގެ ލަޝްކަރާ ގުޅުމަށް ހަދާ އިމްތިހާނުގައި ދީޕިއާ ބެހޭ ގޮތުން ސުވާލެއް އޮތުމަކީ މިކަމުގެ ހެއްކެކެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު އޮތް އިންޑިއަން އެއާފޯސްގެ އެންޓްރެންސް އިމްތިހާނުގައި، މިއަހަރު ދީޕިކާ ޕަދުކޯން އަށް ފިލްމް ފެއާ އެވޯޑު ލިބުނީ ކޮން ފިލްމަކުންތޯ ސުވާލުކޮށްފައިވެ އެވެ. އިހުތިޔާރީ ޖަވާބު ދޭ ސުވާލު ކަރުދާހަކަށް ވާތީ ހަތަރު ފިލްމެއްގެ ނަން ވެސް ދީފައިވެ އެވެ. އެއީ ބާޖީރާއޯ މަސްތާނީ، ޕީކޫ، ހެޕީ ނިއު އިޔާ އަދި ތަމާޝާ އެވެ. ބެލެވޭ ގޮތުގައި ވަރަށް ގިނަ މީހުންނަށް ރަނގަޅު ޖަވާބަކީ "ޕީކޫ" ކަން އެނގޭނެ އެވެ.
އިމްތިހާނު ޕޭޕަރުތަކަށް ބޮލީވުޑްގެ ސުވާލުތައް އެރި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރު ބޭއްވި ސިވިލް އިންޖިނިއަރިން އިމްތިހާނެއްގައި "ބާހޫބަލީ" އާ ގުޅޭ ސުވާލެއް އޮތެވެ. ނަމަވެސް ދީޕިކާއާ ގުޅޭ ގޮތުން ޚާއްސަ ސުވާލެއް އޮތުމުން އޭނާގެ މަޝްހޫރުކަން މިހާރު ގޮސްފައިވާ މިންވަރު ސާބިތުވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައިވެ އެވެ.
މިދިޔަ އަހަރު ބޮލީވުޑުން އެންމެ ބޮޑު ކާމިޔާބެއް ހޯދި ބަތަލާއަކަށް ދީޕިކާ ވަނީ ވެފަ އެވެ. އަދި ދުނިޔެގެ އެންމެ އަގުބޮޑު ބަތަލާއިންގެ ލިސްޓުން ވެސް އޭނާއަށް 10 ވަނަ ލިބިފައިވެ އެވެ.
ދީޕިކާ ވަނީ ދާދިފަހުން ހޮލީވުޑް ފިލްމެއް ކުޅެފަ އެވެ. ވިން ޑީސަލް އާ އެކު އޭނާ ކުޅުނު "ތުރީ އެކްސް: ދަ ރިޓާން އޮފް ޒެންޑާ ކޭގް" ރިލީޒްކުރާނީ އަންނަ އަހަރު އެވެ. އަދި މިހާރު ދަނީ ސަންޖޭ ލީލާ ބާންސާލީގެ "ޕަދްމާވަތީ" ކުޅެން ތައްޔާރުވަމުންނެވެ. ބޮލީވުޑް ޚަބަރުތައް ބުނާ ގޮތުގައި މި ފިލްމުގައި ދީޕިކާގެ ފިރިމީހާގެ ބައި ކުޅެން ޝާހިދު ކަޕޫރު މިހާރު ވަނީ އެއްބަސް ވެފަ އެވެ. އަދި ރަންވީރު ސިންގް ވެސް މި ފިލްމުގައި މުހިއްމު ރޯލެއް ކުޅެ އެވެ.