21 އެޕްރީލް 2019 - 07:36

ރަޝިޔާގެ ގައުމީ ޓީވީ "ރޫސިޔާ 24" ގައި ޕްރެޒެންޓަރެއްގެ ގޮތުގައި ރޮބަޓެއް ބޭނުންކޮށްގެން ޚަބަރު ކިޔަން ފަށައިފި އެވެ.

"އެލްކްސް" ގެ ނަން ދީފައިވާ މި ރޮބަޓް މަސައްކަތަށް ނެރުމާ އެކު ބައެއް ބެލުންތެރިން ވަނީ ޝަކުވާކުރަން ފަށައިފަ އެވެ. އެ މީހުން ބުނަނީ މިއީ ސިޔާސީ ޕްރޮޕަގެންޑާއެއް ކަމަށެވެ. އަދި މީގެ ސިފަ ހުރި ގޮތުން ވެސް ބައެއް މީހުން ފާޑު ކިޔާފައިވެ އެވެ.
މި ރޮބަޓް ހަދާފައި ވަނީ ރަޝިޔާގެ ޕްރޮމޮބޮޓް ކުންފުނިންނެވެ. ރޮބަޓްގެ ބޯ ހަދާފައިވަނީ ކުންފުނީގެ ކޯ ފައުންޑާ އެލެކްސީ ޔުޒަކޯވްގެ ސިފަޔަށެވެ. އަދި މިވަގުތު މި ރޮބަޓަށް މޫނަށް ހަރަކާތް ގެނައުން ނޫން ކަމެއް ނުކުރެވެ އެވެ. އެކަމަކު މި ހެދި ކުންފުނިން ބުނީ އަތްފައި ހަރަކާތްކުރާ ގޮތަށް އަދި ތަރައްގީކުރާނެ ކަމަށެވެ.
އެލެކްސް މަސައްކަތަށް ނެރެ ބައެއް ޚަބަރުތައް ކިޔުއްވަން ފަށާފައި ވަނީ އެ ރޮބަޓްގެ މަސައްކަތް އެއްކޮށް ފުރިހަމަ ނުވަނީހެވެ. މީގެ މަސައްކަތް 2017 ވަނަ އަހަރު ފަށައި، މިހާތަނަށް ކުރި މަސައްކަތުގައި އެޔަށް ބޭނުންކުރި ހުރިހާ އެއްޗެއްހެން އުފައްދާފައި ވަނީ ރަޝިޔާގައި ކަމަށް ވަނީ ބުނެފަ އެވެ.
ޕްރޮމޮބޮޓުން ބުނީ ރޮބަޓްގެ އަގަކީ 1 މިލިއަން ރޫބްލްސް (15،600 އެމެރިކާ ޑޮލަރު) ކަމަށާއި މީގެ 12 ރޮބަޓަށް މިހާރުވެސް އޯޑަރު ލިބިފައިވާ ކަމަށެވެ.
އެލެކްސް މިހާތަނަށް ހުށަހަޅާދީފައިވާ ނިއުސް ބުލެޓިންތަކުގެ ތެރޭގައި ހިމެނެނީ ދަނޑުވެރިކަމާއި ނިއުކްލިއާ ޓެކްނޮލޮޖީ ފޯރަމެއްގެ ޚަބަރާއި މައިކްރޮ ފައިނޭންސިންއާ ބެހޭ ޚަބަރު ހިމެނެ އެވެ.
ރަޝިޔާގެ އިދިކޮޅު ފަރާތްތަކުން ބުނަނީ މިއީ ސިޔާސީ ޕްރޮޕަގެންޑާއެއް ކަމަށާއި ފަތުރާނީ ދޮގު ޚަބަރު ކަމަށެވެ.
މީގެ ކުރިން އެހެން ބައެއް ގައުމުތަކުގައި ވެސް ވަނީ ރޮބަޓް ބޭނުންކޮށްގެން ޚަބަރު ކިޔުން ޓެސްޓްކޮށްފަ އެވެ.