ކެންސަރާ ދެކޮޅު ކެމްޕޭނަށް އަމިއްލަ ޖަނާޒާގެ ޓިކެޓް ވިއްކި މީހާ މަރުވެއްޖެ
ކެންސަރާ ދެކޮޅު ކެމްޕޭނަށް އަމިއްލަ ޖަނާޒާގެ ޓިކެޓް ވިއްކި މީހާ މަރުވެއްޖެ

ކެންސަރު ޖެހިފައިވާ މީހުންނަށް އެހީވުމުގެ ގޮތުން، އަމިއްލަ ޖަނާޒާގެ ޓިކެޓް ވިއްކައިގެން ފައިސާ ހޯދި އިނގިރޭސިވިލާތުގެ ދުވަސްވީ މީހާ ބުރާސްފަތި ދުވަހު މަރުވެއްޖެ އެވެ.

ކާޑިފަށް ނިސްބަތްވާ ކެއިތު ކާސް، 72، މަރުވި ޚަބަރު އޭނާގެ ފޭސްބުކް ޕޭޖްގައި އާއިލާގެ ފަރާތުން ދަރިން ހިއްސާކުރަމުން ބުނީ ބައްޕަ ދުނިޔެ ދޫކޮށްފައިވާ ކަމަށާއި ބައްރަ ރެޑް ސޮކްސްގެ ނަމުގައި ކުރިއަށް ގެންދިޔަ ކެމްޕޭނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށް ދިން ހުރިހާ އެންމެންނަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

"ހޭލުންތެރިކަން އުފެއްދުމަށާއި ކެންސަރު ޖެހިފައިވާ މީހުންނަށް އެހީވާން ބައްޕަ ވަރުބަލިކަމެއް ނެތި ކުރި މަސައްކަތަކީ އެތައް ދުވަހަކަށް އެތައް ބަޔަކު ހަނދާން ކުރާނެ މަސައްކަތެއް. އަދި ބައްޕަގެ އެ މަސައްކަތް ދިރުވަން އަހަރެމެން ވެސް މަސައްކަތް ކުރާނަން،" އާއިލާ އިން ބުންޏެވެ.

ދެހާސް ހައެއްގައި ޕްރޮސްޓޭޓް ކެންސަރު ޖެހި އެ ބައްޔަަށް ފަރުވާ ހޯދަމުން ދިޔަ ކެއިތު ބުރާސްފި ދުވަހު ކުއްލި ގޮތަކަށް މަރުވީ ހަށިގަނޑުގެ ކަށިތަކަށް ބަލި ފެތުރިގެން، ފަރުވާ ދެމުން ދަނިކޮށެވެ. ކެންސަރުގެ ޝިކާރަކައަކަށްވި ހިސާބުން، އެ ބަލި ތަހައްމަލު ކުރަން ޖެހިފައިވާ މީހުންނަށް ހިލޭ ސާބަހަށް އެހީވުމުގެ ގޮތުން އޭނާ ފެށި "ރެޑް ސޮކްސް" ކެމްޕޭނުގެ ދަށުން މިހާތަނަށް 500،000 ޕައުންޑް ހޯދާފައިވެ އެވެ.

އެ ކެމްޕޭނަށް ފައިސާ ހޯދުމުގެ ގޮތުން އޭނާ ވަނީ އަމިއްލަ ޖަނާޒާގެ 500 ޓިކެޓް އެކި އަގުގައި ވިއްކައިފަ އެވެ. އެހެންވެ ކެއިތުގެ ޖަނާޒާ ވަރަށް ހާއްސަ ރަސްމިއްޔާތެއްގައި ބާއްވަން ތާރީހެއް އިއުލާން ކުރާނެ ކަމަށް އާއިލާ އިން ބުންޏެވެ.

ކެންސަރާ ދެކޮޅަށް ފެށި މަސައްކަތުގެ ސަބަބުން ކެއިތަށް 2007 ގައި އިނގިރޭސިވިލާތުގެ ޕްރިންސް ޗާލްސް ދެއްވާ މެމްބާ އޮފް ދަ މޯސްޓް އެކްސެލެންޓް (އެމްބީއީ) އެވޯޑް ވެސް ލިބިފައިވެ އެވެ.