01 ސެޕްޓެމްބަރ 2016 - 11:09

ޕެރިސް (ސެޕްޓެމްބަރު 1) - ލިވަޕޫލުގެ އިޓަލީ ފޯވާޑް މާރިއޯ ބަލޮޓެލީ އެންމެ ފަހުން ހިލޭ ޓްރާންސްފާއެއްގެ ދަށުން ފްރާންސްގެ ނީސް އަށް ބަދަލުވެއްޖެ އެވެ.
ލިވަޕޫލަށް 2014 ވަނަ އަހަރު 16 މިލިއަން ޕައުންޑަށް ސޮއިކުރި ބަލޮޓެލީ އެ ކްލަބަށް ކުޅެދިން 28 މެޗުން ޖެހުނީ ހަތަރު ގޯލެވެ. މިދިޔަ ސީޒަން ލޯނެއްގެ ދަށުން ކުރީގެ ކްލަބް އޭސީ މިލާނަށް ކުޅުނުއިރު ވެސް އެކަށީގެންވާ ކުޅުމެއް ނުދެއްކުނެވެ.
ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕުގެ ޕްލޭނުގައި ބަލޮޓެލީ ނުހިމެނޭތީ އޭނާ އަށް ވަނީ އެހެން ކްލަބެއް ހޯދަން އަންގައިފަ އެވެ. އޭނާ އިޓަލީގެ ބައެއް ކްލަބްތަކާ ވެސް ވާހަކަދެއްކި އެވެ. އެކަމަކު މުސާރައަކާ މެދު އެއްބަސް ނުވެވުނީ އެވެ.
ލިވަޕޫލުން އޭނާ ހިލޭ ދޫކޮށްލީ، ލޯނެއްގެ ދަށުން ދޫކޮށްލައިފި ނަމަ މުސާރައިގެ އެއްބައި ދައްކަން ޖެހޭތީ އެވެ.
މިދިޔަ ސީޒަނުގެ ފްރެންޗް ލީގުގެ ހަތަރު ވަނަ ހޯދި ނީސް މި ސީޒަނުގައި ޔުރޮޕާ ލީގުގައި ވާދަކުރާނެ އެވެ.
އިންޓަ އިން ވިދާލި ބަލޮޓެލީ ވަނީ މެންޗެސްޓާ ސިޓީ އަށް އަދި 2012 ވަނަ އަހަރު މިލާނަށް ކުޅެފަ އެވެ. އަދި އިޓަލީން 2012 ވަނަ އަހަރުގެ ޔޫރޯގެ ފައިނަލުގައި ކުޅުނުއިރު މޮޅު ކުޅުމެއް ދެއްކި އެވެ. އެކަމަކު ފަހަކަށް އައިސް އޭނާ ވަނީ ފޯމުން ކަޓައިފަ އެވެ.