މާޒިޔާގެ ކޯޗަކަށް އަނެއްކާ ވެސް ސެކުލޮސްކީ ހަމަޖައްސައިފި
މާޒިޔާގެ ކޯޗަކަށް އަނެއްކާ ވެސް ސެކުލޮސްކީ ހަމަޖައްސައިފި

ކުރިއަށް އޮތް ސީޒަނުގައި މާޒިޔާގެ ކޯޗަކަށް އެ ޓީމަށް ކުރިން ކޯޗުކޮށްދިން މެސެޑޯނިއާގެ ކޯޗު މަރުޖާން ސެކުލޮސްކީ ހަމަޖައްސައިފި އެވެ.

މާޒިޔާގެ ކޯޗަކަށް އަނެއްކާ ވެސް ސެކުލޮސްކީ ހަމަޖައްސައިފި
މާޒިޔާގެ ކޯޗަކަށް އަނެއްކާ ވެސް ސެކުލޮސްކީ ހަމަޖައްސައިފި

ސެކުލޮސްކީ އަކީ މާޒިޔާގެ ތާރީހުގައި އެ ޓީމަށް ގެނައި ފުރަތަމަ ބިދޭސީ ކޯޗެވެ. އޭނާ ވަނީ 2017 ވަނަ އަހަރު މާޒިޔާގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ. އެ ފަހަރު މާޒިޔާއިން ސެކުލޮސްކީ ދޫކޮށްލީ ޕްރިމިއާ ލީގުގެ ވަކި ހިސާބަކުން ދެ ފަރާތް އެއްބަސްވެގެންނެވެ. ސެކުލޮސްކީ ދޫކޮށްލަން ނިންމިއިރު، އޭނާއާ އެކު ހަދާފައި އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ މަދު ދުވަސްކޮޅެކެވެ.

މިދިޔަ އަހަރު މާޒިޔާ އަށް ކޯޗުކޮށްދިނީ އިސްމާއިލް މަހަފޫޒް (އިންމަ) އެވެ. އޭނާ އަށް އެ ޓީމާ އެކު ކަނޑައެޅި ޓާގެޓަށް ވާސިލްނުވެވުނެވެ. މި އަހަރު އޭނާ ފެންނަނީ ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުންނެވެ.

ސެކުލޮސްކީގެ ކޯޗުކަމުގައި މާޒިޔާ އިން ވަނީ ވެލެންސިއާ ބަލިކޮށް 2017 ވަނަ އަހަރުގެ ޗެރިޓީ ޝީލްޑް އުފުލާލައިފަ އެވެ. އެ އަށް ފަހު އެ އަހަރުގެ އެސްޓީއޯ މާލޭ ލީގު ކާމިޔާބުކުރި އެވެ. އެ ފަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި މާޒިޔާ ވަނީ ވަރަށް ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. އެ ޓީމަށް ދެ ވަނަ ބުރުގެ ޖާގަ ގެއްލުނީ ފަހު މެޗުން ރަށުންބޭރުގައި ބެންގަލޫރު އަތުން ބަލިވުމުންނެވެ.

ސެކުލޮސްކީގެ ކޯޗުކަމުގައި މާޒިޔާ އިން އެންމެ ފަހުން ކުޅުނު މެޗުތަކުގައި އެ ޓީމަށް ނަތީޖާ ނެރުމުގައި އެންމެ ބޮޑަށް ދިމާވި މައްސަލަ އަކީ ޓީމުގެ މުހިއްމު ކުޅުންތެރިންނަށް ދިމާވި އަނިޔާގެ މައްސަލަތަކެވެ. އަދި އެ ފަހަރުގެ ޖޫން ޓްރާންސްފާ މާކެޓްގައި މާޒިޔާއިން ގެނައި ކުޅުންތެރިންނަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނެވެ.

ސެކުލޮސްކީގެ ކޯޗުކަމުގައި މާޒިޔާ އިން ކުޅުނު 31 މެޗުގެ ތެރެއިން 19 މެޗުން ވަނީ މޮޅުވެފަ އެވެ. ހަތް މެޗުން ބަލިވިއިރު، ފަސް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ސެކުލޮސްކީގެ ކޯޗުކަމުގެ ދަށުން މިޔަންމާގެ ޓީމުތައް ވަނީ ރާއްޖޭގެ ކްލަބްތަކާ ދެކޮޅަށް އޭއެފްސީ ކަޕްގައި ކުޅެފަ އެވެ. އެ ގޮތުން ޔަންގޮން ޔުނައިޓެޑުން 2016 ވަނަ އަހަރުގެ އޭއެފްސީ ކަޕުގައި މާޒިޔާއާ ދެކޮޅަށް ކުޅުނުއިރު 2015 ވަނަ އަހަރު ސެކުލޮސްކީ ކޯޗުކޮށްދިން މިޔަންމާގެ އަޔެޔަވާދީ ޔުނައިޓެޑް ވަނީ ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅެފަ އެވެ. އޭގެ ކުރިން 2013 ވަނަ އަހަރުގެ މުބާރާތުގައި މާޒިޔާއާ ދެކޮޅަށް، ސެކުލޮސްކީގެ އަޔެޔަވާދީ ނުކުތެވެ. ރާއްޖޭގެ ޓީމުތަކާ ދެކޮޅަށް ސެކުލޮސްކީ ވަނީ ހަ މެޗުގައި ކޯޗުކޮށްދީފަ އެވެ.

މެސެޑޯނިއާގެ ބައެއް ޔޫތު ޓީމުތަކާއި ފުރަތަމަ ޑިވިޝަނުގެ ޓީމުތަކަށް ކާމިޔާބީ ހޯދައިދީފައިވާއިރު އޭނާ ވަނީ 2012 ވަނަ އަހަރު އެ ގައުމުގެ ޕެލިސްޓާ އަށް ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދައިދީފަ އެވެ. ސެކުލޮސްކީ ވަނީ 2014 ވަނަ އަހަރު މެސެޑޯނިއާ ފުޓްބޯޅަ ފެޑެރޭޝަނުން ހޮވި ބޭރު ގައުމުތަކުގައި މަސައްކަތްކުރާ މެސެޑޯނިއާގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ހޯދައިފަ އެވެ.

އަންނަ ޖޫން މަހު ފަށަން ތާވަލުކޮށްފައިވާ މި އަހަރުގެ ފުޓްބޯޅަ ސީޒަނަށް މާޒިޔާ އިން ވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފަ އެވެ. އެ ޓީމުން ވަނީ ފެންވަރު ރަނގަޅު ކުޅުންތެރިންގެ ސޮއި ހޯދައި ޓީމު ވަރުގަދަ ކޮށްފަ އެވެ. މާޒިޔާއާ ގުޅުނު ކުޅުންތެރިންނަށް ބަލާއިރު ޓީސީގެ އަބްދުﷲ ހަނީފް (ބެންޖޯ)، އިބްރާހިމް ވަހީދު ހަސަން (އިއްބެ)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، ނިއު ރޭޑިއަންޓުގެ އަހުމަދު އަބްދުﷲ (ލިލީ) އަދި ހަމްޒާ މުހައްމަދު (ހަމްޕު) ހިމެނެ އެވެ.