20 އެޕްރީލް 2019 - 09:44

މޮންރޯވިއާ (އެޕްރީލް 20) - ލައިބީރިއާގެ ރައީސް ޖޯޖް ވިއާގެ އޮފީހުން ހަރުފަ ފެނިގެން އޮފީހުން ނުކުމެވަޑައިގެން އެމަނިކުފާނުގެ އަމިއްލަ ގެކޮޅުގައި މަސައްކަތް ކުރަން ޖެހިއްޖެ އެވެ.
ޕްރެސް ސެކްރެޓަރީ ސްވިތު ޓޮބީ ވިދާޅުވީ ޖޯޖް ވިއާ މަސައްކަތް ކުރައްވާ ފޮރިން އެފެއާޒް މިނިސްޓްރީން ބޮޑު ދެ ހަރުފަ ބުދަ ދުވަހު ފެނިފައިވާ ކަމަށެވެ. ހަރުފަ ފެނުމާ ގުޅިގެން ހުރިހާ ސްޓާފުން ވަނީ މި މަހު 22 އާ ހަމައަށް އެ އޮފީހަށް ނުވަނުމަށް އަންގައިފަ އެވެ.
ލައިބީރިއާގެ ރައީސްގެ އޮފީސް ހުންނަނީ އެ ގައުމުގެ ފޮރިން މިނިސްޓްރީގަ އެވެ. ހަރުފަ ފެނުމާ ގުޅިގެން އެ މިނިސްޓްރީ ފިއުމިގޭޓް ކުރަމުންދާ ކަމަށް އިންޓާނަލް މެމޯއެއްގައި ބުނެފައިވެ އެވެ.
ލައިބީރިއާގެ ރައީސްގެ އޮފީހުގައި 2006 ވަނަ އަހަރު އަލިފާން ރޯވުމާ ގުޅިގެން ރައީސް މަސައްކަތް ކުރައްވަނީ ފޮރިން މިނިސްޓްރީގައި ހުންނަ ޚާއްސަ އޮފީހެއްގަ އެވެ.
ޓޯބީ ވިދާޅުވީ ފޮރިން މިނިސްޓްރީ އަށް ހަރުފަވަން ކަމަށް ބެލެވެނީ ފާރުން ފޫގޮސްފައިވާ ބަޔަކުން ކަމަށް ބެލެވޭ ކަމަށެވެ.
ޖޯޖް ވިއާ ވަނީ 1995 ވަނަ އަހަރު ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހޯދައިފަ އެވެ. އަދި 1989، 1994 އަދި 1995 ވަނަ އަހަރު ވަނީ އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދައިފަ އެވެ. މީގެ އިތުރުން 1996 ވަނަ އަހަރު ވަނީ އެފްރިކާގެ ގަރުނުގެ މޮޅު ކުޅުންތެރިޔާގެ ޝަރަފް ވެސް ހޯދައިފަ އެވެ.