20 އެޕްރީލް 2019 - 09:38

ޒަމާނާ އެކު ފުޓްބޯޅަ އަށް ބަދަލުތަކެއް އައިސްފި އެވެ. ޓެކްނޮލޮޖީގެ ނުފޫޒު ފުޓްބޯޅަ އަށް ވެސް ފޯރައިފި އެވެ. އާ ވިސްނުންތަކާއި އާ ސްޓައިލްތަކަށް ފުޓްބޯޅައިގެ އެކި ފަރާތްތަކުން އަންނަނީ މަރުހަބާ ކިޔަމުންނެވެ. އެހެން ނަމަވެސް ވަކި ކަހަލަ ވިސްނުންތަކަކާއި ފިލޯސަފީތަކަކީ ދޫކޮށްލުމަށް ވުރެ، ދެމެހެއްޓުން މުހިއްމެވެ. އޭގެ އެއް މިސާލަކީ ނެދަލެންޑްސްގެ އަޔަކްސް އަމްސްޓެޑަމް އެވެ. ކާމިޔާބު ހޯދުމެކޭ އެއްވަރަށް ޒުވާން ކުޅުންތެރިން އުފެއްދުމާއި އެ ކުޅުންތެރިންނަށް ފުރުސަތު ދިނުމަކީ އަޔަކްސްގެ ބަދަލުނުވެ އޮތް ވިސްނުމެވެ. އެއީ ނެދަލެންޑްސް ފުޓްބޯޅަ ތަޖުރިބާކާރުންގެ ބަހުންނަމަ ރަނގަޅު "ބޮޑާހޭކުމެކެ"ވެ.

ހުރިހާ ކޮލިފައިން ބުރުތަކެއް ފަހަނައަޅައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް އަޔަކްސް ދަތުރުކުރުމުން މި ދުވަސްވަރުގައި މީޑިއާތަކުގައި އަޔަކްސްގެ ވާހަކަ ގިނަ އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ތަފާތު ރޫހެއްގައި ކުޅެ ޗެމްޕިއަންސް ލީގުގެ އެންމެ ފަހުން ތިން ފަހަރުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި މި ފަހަރު މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ބެލި ޔުވެންޓަސް އަތުން އަޔަކްސް ހޯދި ކާމިޔާބީ އެވެ. ގިނަ ބަޔެއްގެ ލޯ އަމާޒުވެ އަޔަކްސް އަށް ތައުރީފު އޮހެނީ ވެސް އެ ދެ ޓީމު އަތުން ހޯދި ކާމިޔާބީ ފާހަގަކުރަން ޖެހޭ އެތަކެއް ސަބަބުތަކެއް ހުރުމުންނެވެ.

އަޔަކްސް އަކީ ޔޫރަޕްގެ ޝަރަފްވެރި ތަށި ހަތަރު ފަހަރު ކާމިޔާބު ކޮށްފައިވާ ޓީމެކެވެ. އަޔަކްސްގެ ކާމިޔާބީގެ ސިއްރު ވަރަށް ގިނަ އެވެ. ޒަމާނުއްސުރެން ޓީމުގެ ތަރިން ކްލަބް ދޫކޮށް ދިޔަ ނަމަވެސް ފަސް ބެލުމެއް ނެތި ދިޔައީ ކުޅުންތެރިން ނެތްތަން އަބަދުވެސް ފޫބައްދަމުންނެވެ.

ލެޖެންޑުން ކަމަށްވާ ޔޯހަން ކްރައިފް، ރޫޑް ކްރޮލް، އެރީ ހާން ޖޯނީ ރެޕް 1970 އަހަރުތަކުގައި ދެއްކި މޮޅު ކުޅުމާ އެކު އަޔަކްސް އިން ޔޫރަޕްގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދި އެވެ. އޭގެ ފަހުން 1980 ގެ އަހަރުތަކުގައި ފްރޭންކް ރައިކާޑާއި މާކޯ ވެން ބާސްޓެން ފަދަ ހުނަރުވެރިން އުފައްދައި އަޔަކްސް އިން އަނެއްކާ ވެސް ވިދުންގަދަކުރި އެވެ. ދެން ފެނިގެންދިޔައީ 1990 ގެ އަހަރުތަކުގައި ކްލަރެންސް ސީޑޯފާއި ޕެޓްރިކް ކްލައިވަޓް އަދި އެޑްގާ ޑާވިޑްސް ފަދަ ކުޅުންތެރިންނާ އެކު ދެއްކި ތަފާތެވެ.

އަޔަކްސްގެ ފުޓްބޯޅަ ފިލޯސަފީގެ އެންމެ މުހިއްމު އެއް މޮޓޯ އަކީ "ކްލަބަށް ވުރެ އެއްވެސް ކުޅުންތެރިޔަކު ބޮޑު ނުވުން" މި އެވެ. މިއަދާ ހަމައަށް ވެސް އަޔަކްސް އިން އަންނަނީ އެ ކްލަބް ދޫކޮށްލަން ބޭނުންވާ ކުޅުންތެރިޔަކަށް އެ އޮންނަ އުސޫލުގެ ތެރެއިން އެ ފުރުސަތު ދެމުންނެވެ. ސަބަބަކީ އަރަމުން އަންނަ ކުޅުންތެރިންނަށް އިތުބާރު އޮތްކަން ހާމަކުރުމެވެ. އަޔަކްސްގެ ވިސްނުން ބަދަލުނުކޮށް އެންމެ ފުރަތަމަ އެޅި ބިންގާގެ މަތީގައި ކުރިއަށް ދިއުމެވެ.
ނެދަލެންޑްސްގެ ފުޓްބޯޅަ އާއި އަޔަކްސްގެ ކާމިޔާބީގެ އެންމެ ބޮޑު ހިއްސާދާރަކީ ކްރައިފް އެވެ. އޭނާގެ ވިސްނުމުގައި ތައާރަފްކުރި "ޓޯޓަލް ފުޓްބޯލް" އަކީ މިހާތަނަށް ވެސް ފުޓްބޯޅައިގައި ފަނޑުނުވެ އޮތް އެއް ސިސްޓެމެވެ. އަޔަކްސްގެ ފުޓްބޯޅަ އެކެޑަމީތަކުގައި އަދިވެސް ބުނެދެނީ ކްރައިފްގެ ވިސްނުންތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ ފުޓްބޯޅައިގެ މޮޑިއުލްތަކެވެ.
އަޔަކްސްގެ ކުރީގެ ކޯޗު ޑޭވިޑް އެންޑްޓް ބުނީ ކްރައިފްގެ ސިސްޓަމަކީ ހަނދާނުން ފޮހެލެވޭ ވަރަށް ވުރެ މޮޅަށް ތައްޔާރުކުރެވިފައިވާ ހިޔާލުތަކެއް ކަމަށެވެ. އެ ގޮތުން އޭނާ ދެއްކީ ރަނގަޅު މިސާލެކެވެ.
"ބަލަމާ މިހާރު އެންމެ އެޓޭކިންގައި މަޝްހޫރު ދެ ފޯމޭޝަނަށް އެއީ 3-5-2 އާއި 4-3-3. މިއީ ކްރައިފްގެ ވަރަށް ކުރީގެ ވިސްނުންތަކެއްކަން އޭނާގެ ފޮތްތަކުން އެނގެން އެބަހުރި. އެއްކޮށް ޑިފެންސް ކުރެވޭނެ ކަމާއި އެކުގައި އެޓޭކް ކުރެވޭނެކަން ވަރަށް ރަނގަޅަށް ލިޔެދީފައި ހުރީ. މިއީ 1970 ގައި ކްރައިފްގެ ވިސްނުން ހުރި ހިސާބު. މިހާރު 2019 ގައި ވެސް އެބަފެނޭ މި ސިސްޓަމް އެންމެ މޮޅު ކޯޗުންނަށް ވެސް ކަމުދާކަން،" އެންޑްޓް ބުންޏެވެ.
ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން އަބަދުވެސް އަޔަކްސް އޮންނަނީ އެހެން ޓީމުތަކަށް ވުރެ އެއް ފިޔަވަޅު ކުރީގަ އެވެ. ފުޓްބޯޅައިގެ ފަހުން ތައާރަފްވެގެންދިޔަ "ސްކޫލް އޮފް ދަ ފިއުޗާ" އެކެޑަމީ އަކީ ވެސް އަޔަކްސްގެ އުފެއްދުމެވެ. އެއީ 2015 ވަނަ އަހަރު އަޔަކްސް އިން ފެށި ކަމެކެވެ. މި އެކަޑަމީގެ ބޭނުމަކީ ފުޓްބޯޅައިގެ ޓްރެއިނިން އެކޭ އެއްވަރަށް އިލްމް އުނގެނި ކުރިއަށްދިއުމެވެ. މިއީ މީގެ ކުރިން ހަމައެކަނި އެކެޑަމީގެ ޓްރެއިނިން ސެޝަންތަކުގައި ބުނެދޭ އެއްޗެހި ސިސްޓަމެޓިކް ގޮތަކަށް ކިޔަވައިދިނުމަށް އެކުލަވާލި ސްކޫލެކެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2001 ވަނަ އަހަރުން ފެށިގެން މިހާތަނަށް އަޔަކްސް އެކެޑަމީން އުފެއްދި ކުޅުންތެރިން ވިއްކައިގެން އެ ކްލަބުން ވަނީ އާމްދަނީގެ ގޮތުގައި 566 މިލިއަން ޑޮލަރު ހޯދައިފަ އެވެ. މީގެ ތެރެއިން 70 ޕަސެންޓް ހޭދަކޮށްފައިވަނީ އެކެޑަމީ ކުރިއެރުވުމަށެވެ. ޒަމާނީ ވަސީލަތްތައް ގެނެސްގެން އެކެޑަމީ ފުޅާކުރެވޭނެ ގޮތްތައް ހޯދުމަށެވެ.
އަޔަކްސްގެ ސީއީއޯ އަދި ކުރީގެ އެއް ވަނަ ކީޕަރު އެޑްވިން ވަން ޑަ ސާ ވިދާޅުވީ އަޔަކްސްގެ ސިސްޓަމަކީ މުޅި ދުނިޔެ އަށް ފުޅާކުރަން ޖެހޭ ކަމެއް ކަމަށާއި އެ ކްލަބަށް ޒުވާން ކުޅުންތެރިން ހޯދޭނެ ތަފާތު ވިސްނުންތަކެއް ހޯދަމުން އަންނަ ކަމަށެވެ. އެ ގޮތުން 2017 ވަނަ އަހަރު އަޔަކްސް އިން ވަނީ ޗައިނާގެ ގުއަންޒޫގައި ވެސް އެކެޑަމީއެއްގެ މަސައްކަތް ފަށައިފަ އެވެ. އަދި އަޔަކްސްގެ ބްރޭންޑް އިތުރަށް ފުޅާކުރުމުގެ ގޮތުން މިދިޔަ އަހަރު އެމެރިކާގައި ވެސް ވަނީ އެކެޑަމީ އޮފީހެއް ގާއިމުކޮށްފަ އެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ މިހާރު އެންމެ ބޮޑަށް ކުރިއަރަމުން އަންނަ ދެ ލީގު ކަމަށްވާ ޗައިނާގެ ސުޕަ ލީގާއި އެމެރިކާގެ މޭޖަ ލީގު ސޮކާ (އެމްއެލްއެސް)ގައި އަޔަކްސްގެ ބްރޭންޑްގެ ނަން ހިންގާލުމެވެ.
މިދިޔަ 13 އަހަރަށް ބަލާއިރު އަޔަކްސް އަށް ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރަށް ދަތުރުކުރެވުނީ ދެ އަހަރު އެވެ. އެއީ މި ފަހަރުގެ އިތުރުން މީގެ 10 ވަރަކަށް އަހަރު ކުރިންނެވެ. އެހެން ނަމަވެސް އެ ޓީމު ވަނީ 2017 ވަނަ އަހަރުގެ ޔޫރޮޕާ ލީގުގެ ފައިނަލުގައި ކުޅެ މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވެފަ އެވެ.
ވެން ޑަ ސާ ބުނީ އެ ފަހަރުގެ ޔޫރޮޕާ ލީގުގެ ފައިނަލުން އަޔަކްސް ފުރުސަތު ހޯދުމުގެ ނަތީޖާ އަކީ ކްލަބްގެ ސިސްޓަމަށް އަނެއްކާ ވެސް އިތުބާރު ލިބުން ކަމަށާއި ކާމިޔާބަކީ ހަމައެކަނި ބޮޑު ހަރަދުކޮށްގެން ކުޅުންތެރިން ގެނައުން ނޫން ކަމަށެވެ.
"އަހަރެންގެ ވިސްނުމަކީ އަޔަކްސް ޕޯޑިއަމްއާ ހިސާބަށް ކާމިޔާބެއް ހޯދަން ދާނީ އަބަދުވެސް 50 ޕަސެންޓަށް ވުރެ ބޮޑަށް އަޔަކްސް އިން ބިނާކުރާ ކުޅުންތެރިން ހިމެނޭ ޓީމަކާ އެކުކަން. ފުޓްބޯޅައިގައި ފާހަގަކުރަން ބޭނުންވަނީ ކުޅުންތެރިން ގަނެގެން ހޯދާ ކާމިޔާބެއް ނޫން. ކުޅުންތެރިން އުފައްދައިގެން ހޯދާ ކާމިޔާބީ،" ކުރިން މެންޗެސްޓާ ޔުނައިޓެޑާއި ނެދަލެންޑްސްގެ ގޯލު ބެލެހެއްޓި ވެން ޑަ ސާ ވިދާޅުވި އެވެ.
މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އަޔަކްސް ނުލައި ދެން އޮތް ތިން ޓީމަކީ ސްޕެއިނުގެ ބާސެލޯނާ އާއި އިންގްލެންޑްގެ ލިވަޕޫލްގެ އިތުރުން ޓޮޓެންހަމް އެވެ. މި ތިން ޓީމުގައި ވެސް އެކި ލެވެލްގައި އަޔަކްސް އަށް ކުޅުނު 16 ވަރަކަށް ކުޅުންތެރިން ހިމެނެ އެވެ. ބާސެލޯނާ އަށް ބަލާއިރު ލުއިސް ސުއަރޭޒް އެވެ. ޓޮޓެންހަމްގައި ޔެން ވަޓޯންގަން، ޓޯބީ އަލްޑަވެއިރަލްޑް، ޑެވިންސަން ސަންޗޭޒް އަދި ކްރިސްޓިއަން އެރިކްސަން އެވެ. ލިވަޕޫލަށް ބަލާއިރު ޖިއޮޖީނިއޯ ވައިނަލްޑަމް އަކީ ވެސް އަޔަކްސްގެ ޔޫތު ސިސްޓަމްގައި ޓްރެއިންވެ ފަހުން ޕީއެސްވީ އަށް ކުޅުނު ކުޅުންތެރިޔެކެވެ.
"އަޔަކްސްގެ ވިސްނުން ފުޓްބޯޅައިގެ ހުރިހާ ދިމާލެއްގައި އެބައޮތް. ހަގީގަތަކީ ބާސެލޯނާގައި އަދިވެސް ކްރައިފްގެެ ނުފޫޒު ގަދަ. އޭނާ ވިސްނުން އަދި ވެސް އެބައޮތް. އެހެން ޓީމުތަކުގައި އަޔަކްސްގެ ކުރީގެ ކުޅުންތެރިން ގިނަ. ކޮންމެ ޓީމެއް ތަށި ހޯދިޔަސް އޭގެން އަޔަކްސްގެ މަސައްކަތް ފެންނާނެ. އެއީ އަގުނުކުރެވޭނެ ހިދުމަތެއް،" ވެން ޑަ ސާ އުފަލުން ހުރެ ވިދާޅުވި އެވެ.
އަޔަކްސްގެ މިހާރުގެ ކޯޗު އެރިކް ޓެން ހާގް، 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެ ޓީމާ ހަވާލުވިއިރު ކޯޗިންގައި އޭނާގެ މާ ބޮޑެތި ތަޖުރިބާތަކެއް ނެތެވެ. އޭނާ އަށް އޮތް ހިތްވަރަކީ ނެދަލެންޑްސް އާއި ޖަރުމަނުގައި އޭނާ އުނގެނު ފުޓްބޯޅައިގެ އެކި އިލްމްތަކެވެ. އަޔަކްސްއާ ހަވާލުވުމުގެ ކުރިން އޭނާ ހުރީ ނެދަލެންޑްސްގެ ކްލަބް އެފްއޭ އޫޓްރެކްޓް ސްޕޯޓިން ޑިރެކްޓަރާއި ކޯޗުގެ މަގާމުގަ އެވެ.
ޓެން ހާގްގެ އެންމެ ބޮޑު ކޯޗިން ތަޖުރިބާ އޭނާ ކުރީ ޖަރުމަނުގެ ގަދަބާރު ބަޔާން މިއުނިކްގަ އެވެ. ބަޔާނުގެ ދެ ވަަނަ ޓީމުގައި އޭނާ ވަނީ 2013 އިން 2015 އަށް މަސައްކަތް ކޮށްފަ އެވެ. އެ ދުވަސްވަރަކީ ބަޔާނުގެ ފުރަތަމަ ޓީމުގެ ކޯޗަކަށް ބާސެލޯނާގެ ކުރީގެ ކޯޗު އަދި މެންޗެސްޓާ ސިޓީގެ މިހާރު ކޯޗު ޕެޕް ގާޑިއޯލާ ހުރި ދުވަސްވަރެވެ. ޓެން ހާގް ވަނީ ބަޔާން ސީނިއާ ޓީމުގެ ހުރިހާ ޕްރެކްޓިހަކަށް އޭރު ގޮސްފަ އެވެ. އަދި ގާޑިއޯލާއާ ބައްދަލުކޮށް ފުޓްބޯޅައިގެ ވާހަކަ ދެއްކުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރި އެވެ.
"ގާޑިއޯލާ އަކީ ކްރައިފްގެ ކޯޗުކަމުގައި ކުޅެ އޭނާ ވިސްނުމުގައި ފުޓްބޯޅައިން ކުރިއަށްދާ ކޯޗެއް. ކްރައިފް އަކީ ހަގީގީ މާސްޓަރު. އެކަމަކު ގާޑިއޯލާގެ ނަޒަރުގައި އާ ވިސްނުމަށް ވެސް ކޮންމެވެސް ވަރަކަށް މަރުހަބާ ކިޔަން ޖެހޭ. އެހެންވެ އަހަރެމެން ބަޔާނުގައި ވަރަށް ގިނަ ވާހަކަތަކެއް ދެއްކިން ޒުވާން ކުޅުންތެރިން ކުރިއެރުވުމުގައި އަމަލުކުރާނެ ގޮތާ މެދު. ހަގީގަތަކީ ޖަރުމަނު ފުޓްބޯޅަ އަށް ގާޑިއޯލާގެ ވިސްނުމުގައި ހެޔޮ ބަދަލު އައި. އަހަންނަށް ވެސް ގިނަ ކަންތައްތަކެއް ދަސްވި،" އެރިކް ޓެން ހާގް މިދިޔަ އަހަރު އަޔަކްސް ޓީވީ އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
މިިދިޔަ ސީޒަނަށް ފަހު އަޔަކްސް އިން މި އަހަރަށް ތައްޔާރުވުމުގެ ގޮތުން ވަރަށް ގިނަ ގޮތްގޮތުން ވިސްނި އެވެ. ކޯޗު އެރިކް ޓެން ހާގް އާއި އަޔަކްސްގެ ސްޕޯޓިން ޑިރެކްޓަރު އަދި ކުރީގެ ކުޅުންތެރިޔާ މާކް އޯވަމާސް ވަނީ ވަރަށް ގިނަ ގޮތްގޮތުން ޓީމު ކުރިއަރުވަން މަޝްވަރާކޮށްފަ އެވެ. ނުވަ ގަޑިއިރަށް ދެމިގެންދިޔަ އެ ބައްދަލުވުމުގެ ހަނދާންތައް އަދިވެސް ޓެން ހާގް ހިއްސާކުރަނީ އުފަލާ އެކު އެވެ.
"އަހަރެމެންނަށް ވިސްނުނީ ކުދި ބަދަލުތަކެއް ގެންނަން. މި ކްލަބްގެ ވިސްނުން ހުރި އަދި ތަފާތު ލީގެއްގެ ތަޖުރިބާ ވެސް ހުރި ޓެކްނިކަލީ ރަނގަޅު ކުޅުންތެރިން ހޯދަން. އެ ވިސްނުމުގައި އަހަރެމެން ސައުތެމްޓަނުން ގެނައީ ސާބިއާގެ ޑޫސަން ޓަޑިޗް. އެއީ މި ޓީމަށް ބޭނުން ކުރެވިދާނެ ކުޅުންތެރިއެއްތޯ ގިނަ ބަޔަކު ސުވާލު އުފެއްދި. އެއީ ޓަޑިޗް އަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ރެލިގޭޝަނުގައި ކުޅުނު ސައުތެމްޓަން ކުޅުންތެރިއަކަށް ވީމަ،" އަަޔަކްސްގެ ޓްރާންސްފާ ޕޮލިސީގެ ކާމިޔާބީ އަށް އިޝާރާތްކޮށް ޓެން ހާގް ބުންޏެވެ.
އަޔަކްސްގެ މި ފަހަރު ޓީމުގެ އެންމެ މުހިއްމު ދެ ތަރިން ކަމަށްވާ ފްރެންކީ ޑި ޔޮން އާއި މަތައިސް ޑި ލިޓް އަންނަ ސީޒަނުގައި އެ ޓީމުން ނުފެންނާނެ އެވެ. ޑި ޔޮން ބާސެލޯނާ އަށް ސޮއިކޮށްފައިވާއިރު، ޑި ލިޓް ހޯދަންް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. އަޔަކްސް އިން ވަނީ ޑި ލިޓް އަންނަ ސީޒަނުގައި އެ ޓީމުން ފެނުމުގެ ފުރުސަތު ކުޑަކަމަށް ބުނެފަ އެވެ.
އަޔަކްސްގެ ސްޕޯޓިން ޑިރެކްޓަރު އޯވަމާސް ވިދާޅުވީ ކްލަބްގެ ފިލޯސަފީ އަކީ އަބަދުވެސް ކުޅުންތެރިންގެ ނިންމުން ރަނގަޅުނަމަ އޭގެ އަށް މަރުބަހާ ކިޔުން ކަމަށާއި އޭގެ ސަަބަބުން ކްލަބަށް ވެސް ހެޔޮ ބަދަލެއް އައުމުގެ ޔަގީންކަން ދެމެހެއްޓުން ކަމަށެވެ.
"ޑި ލިޓް އަކީ 19 އަހަރުގައި ކްލަބްގެ ކެޕްޓަނެއް. އޭނާ ކްލަބް އެ ދޫކޮށްލަނީ ޗެމްޕިއަންސް ލީގުގައި ލީޑަރެއްގެ ގޮތުގައި އެ ކޮލިޓީ ސާބިތުކޮށްދީފައި. މިހާރު އަޔަކްސް އެކެޑަމީގައި ޑި ލިޓް އަކީ ކިޔަވައިދޭނެ ފިލާވަޅެއް. އެކެޑަމީގައި ތިބި ޒުވާން ކުޅުންތެރިން މިހާރު ބޭނުންވާނީ އެ ފެންވަރަށް ދާން،" އޯވަމާސް ވިދާޅުވި އެވެ.
މިހާރު އަޔަކްސްގެ ޓީމުގެ އަގަކީ 63 މިލިއަން ޑޮލަރެވެ. އަދި އެ ކްލަބްގެ ހުރިހާ ކުޅުންތެރިންގެ މުސާރަ އަކީ 7.2 މިިލިއަން ޑޮލަރެވެ. އެ ޓީމުގެ އެވްރެޖް އުމުރަކީ 24 އަހަރެވެ. އޯވަމާސް ވިދާޅުވީ ފުޓްބޯޅަ އަށް އަބަދުވެސް އަޔަކްސް އިން ދޭނެ މެސެޖަކީ ކާމިޔާބީ އެކޭ އެއްވަރަށް ޒުވާން ކުޅުންތެރިންނަށް ވެސް ފުރުސަތު ދިނުން މުހިއްމު ކަމެވެ.