20 އެޕްރީލް 2019 - 09:41

މެންޗެސްޓާ (އޭޕްރީލް 19) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެ ލެގުން ބާސެލޯނާ އަތުން ބަލިވެ މުބާރާތުން ކެޓުމަކީ މެންޗެސްޓާ ޔުނައިޓެޑް ލަދުގަންނަން ޖެހޭ ސަބަބެއް ނޫން ކަމަށާއި އޭގެން ނެގޭނެ ބައިވަރު ފިލާވަޅުތަކެއް އެބަހުރި ކަމަށް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.
މުބާރާތުގެ ދެ ވަނަ ބުރުގައި ޔުނައިޓެޑް ވަނީ ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި ޕީއެސްޖީ އަތުން ބަލިވި ނަމަވެސް އެ ޓީމު ދަނޑުގައި ނަތީޖާ ނެރެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. އެކަމަކު ކުއާޓާ ފައިނަލުގެ ދެ ލެގުގައި ޔުނައިޓެޑް ބަލިވީ ލަނޑެއް ވެސް ނުޖެހި އެވެ.
ސޯލްޝެއާ ބުނީ ޔުނައިޓެޑަކީ ހުރިހާ މުބާރާތަކަށް ވާދަކުރެވޭ ފެންވަރުގެ ޓީމެއް ކަމަށާއި އެކަން ކުރުމަށް ޖެހޭނީ ބާސެލޯނާ އޮތް ލެވެލަށް ދާން ކަމަށެވެ.
"ބާސެލޯނާ އަތުން ބަލިވެގެން ކެޓުމަކީ ލަދުގަންނަންޖެހޭ ސަބަބެއް ނޫން. ބާސެލޯނާ އަކީ ރަނގަޅު ސިސްޓަމެއްގެ ތެރެއިން އެކުލަވާލާފައި އޮތް ޓީމެއް. އަހަރެމެންނަށް ބާސެލޯނާއާ ދެކޮޅަށް ކުޅުނު ދެ މެޗުން ގިނަ ކަންތައްތަކެއް ދަސްވެއްޖެ. މެންޗެސްޓާ ޔުނައިޓެޑްގެ އަސްލު މަގާމަށް ދާން ކުރަން ޖެހޭ މަސައްކަތް ގިނަކަން،" ސޯލްޝެއާ ބުންޏެވެ.
ސީޒަނުގައި ޔުނައިޓެޑުން ދެން ހާސިލްކުރެވޭނެ ކާމިޔާބަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ ތެރޭގައި ހިމެނި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމެވެ. ޔުނައިޓެޑް މި ވަގުތު ލީގުގެ ހަ ވަނައިގައި އޮތީ 33 މެޗުން 64 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރެއްގައި އޮތް އާސެނަލާއި ޔުނައިޓެޑާ ދެމެދު އޮތީ ދެ ޕޮއިންޓުގެ ފަރަގެކެވެ.
ގަދަ ހަތަރެއްގައި ނިންމުމަށް ޔުނައިޓެޑަށް ކުރިއަށް އޮތީ އުނދަގޫ މަސައްކަތެކެވެ. މާދަމާ ރަށުންބޭރުގައި އެވަޓަންއާ ދެކޮޅަށް ކުޅުމަށް ފަހު ބުދަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ބައްދަލުކުރާނީ ވާދަވެރި މެންޗެސްޓާ ސިޓީއާ އެވެ. އެ އަށް ފަހު ދެން ކުޅޭ މެޗުގައި އަންނަ ހަފްތާގައި ބައްދަލުކުރާނީ ގަދަ ހަތަރެއްގެ ރޭހުގައި އޮތް ޗެލްސީއާ އެވެ.
ސޯލްޝެއާ ބުނީ މެޗުތައް ރޭވިފައި އޮތް ގޮތަށް ބަލާއިރު ގަދަ ހަތަރެއްގެ ރޭހުގައި ޔުނައިޓެޑަށް ޑިސެޑްވާންޓޭޖްތަކެއް އެބައޮތް ކަމަށެވެ.
"އެހެން ޓީމުތަކާ އަޅާބަލާއިރު އުނދަގޫ މެޗުތަކެއް އޮތީ އަހަރެމެންނަށް. އެކަމަކު އެއީ ޝަކުވާ އަކަށް ހަދައިގެން ތިބޭކަށް ނެތިން. ގަދަ ހަތަރެއްގެ އަމާޒަށް ވާސިލްވެވޭނެ ކަމުގެ އުއްމީދު އެބައޮތް،" ސޯލްޝެއާ ބުންޏެވެ.
އަންނަ ސީޒަނަށް ޔުނައިޓެޑް ޓީމު އެކުލަވާލުމުގެ މަސައްކަތްތައް މިހާރު ވެސް ކުރެވެމުން އަންނަ ކަމަށާއި ޔުނައިޓެޑުން ގެންނަ ކުޅުންތެރިންނަށް އޭނާ ބޭނުންވާ ތަފާތު ގެނެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ސޯލްޝެއާ ބުންޏެވެ.