ފޯއް، ކިއްލި، ސުޕާރީން ވެސް ކެންސަރު!
ފޯއް، ކިއްލި، ސުޕާރީން ވެސް ކެންސަރު!

ފޯކާއި ބިލެތާއި ހުންޏާއި ދުންފަތުގެ ދުފުންތަކާއި ކިއްލި އާއި "މޮޅު" ބިލެތްގަނޑާއި ޒުވާނުން ދެވިހިފައިފައިވާ ސުޕާރީ ކެއުން ދިވެހިންގެ ބޮޑު ސަގާފަތަކަށް ވާކަމީ ވަރަށް ބޮޑު ނުރައްކަލެކެވެ.

ރާއްޖޭގައި އަނގައިގެ ކެންސަރު ޖެހުން އާއްމުވެފައިވާ އިރު އެ ބާވަތުގެ ކެންސަރު ޖެހެން މެދުވެރިވާ މައިގަނޑު އެއް ސަބަބަކީ ދުފުމެވެ. ފޯކާއި ފޯކުން އުފައްދާ ސުޕާރީ އާއި ކިއްލި ފަދަ އެއްޗެހީގައި ހުންނަ އެރިކޮލީން އަދި އެރިކާޑޭން ފަދަ ކެމިކަލްތައް ކެންސަރަށް މަގުފަހިކުރެ އެވެ. އަދި ފޯކަކީ ކެންސަރަށް މަގުފަހިކުރުމުގެ ނުރައްކާ އެންމެ ބޮޑު ކާސިނޯޖެންތަކުގެ ތެރޭގައި، ދުންފަތާ އެއް ދަރަޖެއްގައި، ޑަބްލިޔުއެޗްއޯ އިން މިހާރު ހިމަނާފައިވާ ބާވަތެކެވެ.

"ވަރަށް ގިނަ މީހުންނަށް ހީވޭ، ދުފާއިރު ދުންފަތް ލައިގެން ދުފާ މީހުންނަށޭ މި ރިސްކު ބޮޑަށް އޮންނަނީ. ދެ ކަންތައް އެއްކޮށް ކުރަންޏާ ރިސްކު ބޮޑުވާނެ. އެކަމަކު އެއްގޮތަކަށް ވެސް ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުން ވެސް ނުވަތަ ދުފާ އިރު ދުންފަތް ނުލާ މީހުން ވެސް، ހަމައެކަނި ދުފާއެއްޗެހި ބޭނުންކުރުމަކީ ވެސް ހަމަ ހައި ރިސްކު ކަމެއްކަން ދިރާސާތަކުން ހޯދިފައި ވަނީ،" ކެންސަ ސޮސައިޓީ އޮފް މޯލްޑިވްސްގެ އެއް ފައުންޑަ އަދި އާއްމު ސިއްހަތުގެ މާހިރެއް ކަމަށްވާ ޑރ. އަބްދުލް މަލިކު ވިދާޅުވި އެވެ.

ސިއްހީ ދާއިރާގެ ބައެއް މީހުން ބުނާގޮތުގައި ރާއްޖޭގައި އެންމެ ގިނަ ކެންސަރަކީ އަނގައިގެ ކެންސަރުކަން، އަދި ހާމަކޮށްފައި ނުވާ ތަފާސްހިސާބުން އެނގެ އެވެ. ރާއްޖޭގައި އަނގައިގެ ކެންސަރު ވަރަށް އާންމު ކަމަށް، އާސަންދަ އާއި އެންސްޕާގެ ތަފާސްހިސާބަށް ބިނާކޮށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިދިޔަ ފެބްރުއަރީ މަހު ބުނެފައިވެ އެވެ. ކެންސަ ސޮސައިޓީން ބުނިގޮތުގައި، ކުޑަކުދިން ވެސް ހިމެނޭ ގޮތަށް، އަނގައިގެ ކެންސަރަށް ފަރުވާ ހޯދާ މީހުން ރާއްޖޭގައި ތިބި އިރު އެ ބަލީގައި ބައެއް މީހުން ވަނީ މަރުވެފަ އެވެ.

"އާއްމުކޮށް ފެންނަން ޖެހޭ ވަރަށް ވުރެ ގިނައިން، ނުވަތަ ކަންބޮޑުވާ މިންވަރަށް، އެފަދަ ކުޑަކުދިން ފެންނަ ކަމަށް ވެސް ފާހަގަކުރެވޭ. ތަފާސްހިސާބުން ވެސް އެނގޭ، ކުޑަކުދިންގެ އަނގައިގެ ކެންސަރު ފުދޭ ވަރަކަށް ގިނަކަން،" ޑރ. މަލިކު ވިދާޅުވި އެވެ.

ކެންސަރު ޖައްސާ އެންމެ ނުބައި އާދައެއް ކަމަށް އާއްމުކޮށް އެނގިފައި އޮންނަނީ ދުންފަތުގެ އިސްތިއުމާލުކުރުމެވެ. އެކަމަކު ދުފުމަކީ ވެސް ހަމަ އެހާ ގެއްލުން ހުރި ކަމެއްކަން ބުނެދޭން ސިއްހީ މާހިރުން އަންނަނީ މަސައްކަތްކުރަމުންނެވެ.

ދުނިޔޭގައި އަނގައިގެ ކެންސަރު އެންމެ އާއްމީ ވެސް ދުފުން ސަގާފާތަކަށް ވެފައި އޮތް ދެކުނު އޭޝިއާ ސަރަހައްދުގަ އެވެ. ރާއްޖޭގައި ވެސް އެ މައްސަލަ ބޮޑުކަން ވޭތުވެދިޔަ ހައެއްކަ އަހަރު ތެރޭ ވަނީ ފާހަގަކުރެވިފަ އެވެ. އެކަމަކު ފޯކާއި ކެންސަރުގެ ގުޅުމަށް ގިނަ މީހުން ހޭލުންތެރިއެއް ނޫނެވެ. ކެންސަ ސޮސައިޓީން އަތޮޅުތަކުގައި ބާއްވާ ސްކްރީނިން ޕްރޮގްރާމްތަކުގައި ވެސް އެކަން ފާހަގަކުރެވިފައިވެ އެވެ.

ޑރ. މަލިކު ވިދާޅުވިގޮތުގައި ނުރައްކާ އޮތީ ގަދަ އަށް ދުފާ މީހުންނަށް އެކަންޏެއް ނޫނެވެ.

"ވަރަށް ގިނަ މީހުން ބުނެލާނެ ކެއުމުގެ ފަހުން ފޯއްކޮޅެއް ހަފާލަނީއޭ، ތިމަންނައަކީ ބޮޑު ބިލެތްގަނޑެއް ހަދައިގެން ކޮލު ތެރޭ ބާއްވައިގެން ދުފާ މީހެއް ނޫނޭ. ކިތަންމެ ކުޑަކޮށް ވިޔަސް، ފޯއް ކައި އުޅޭ މީހުންގެ ވަރަށް ގިނައިން ލީޝަންސް ފެނޭ،" އޭނާ ވިދާޅުވި އެވެ.

"ފޯއްކޮޅެއް ކާލީމާ އެރިކޮލީން ކެމިކަލް ދަނީ އަނގައިގެ ތެރެއަށް. ކޮލުގެ ހަންގަނޑު ވަރަށް ތުނިވީމަ ވަރަށް ފަސޭހަ އިން އެތެރެއަށް ކެމިކަލް ދޭ. އެހެންވީމާ ގިނަ އިރު ދުފާ މީހުންނަށް ވަކި އިތުރަކަށް ރިސްކު ބޮޑެއް ނުވާނެ. ކުޑަ އެތިކޮޅެއް ދުފާ މީހާ އަށް ވެސް، އެއްކަލަ ކެމިކަލްކޮޅު ދަމާލާނެ ހަށިގަނޑަށް."

ކެންސަރަށް މަގުފަހިކުރުމުގެ އިތުރުން، ދުންފަތެކޭ އެއްގޮތަށް، ފޯކަކީ ވެސް ދެވިހިފާ ޒާތުގެ އެއްޗެކެވެ. އެކަމަކު ދުންފަތް ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް ދުނިޔޭގައި އަޅާފައި ހުރި ފެންވަރަށް ފޯކުން ރައްކާތެރިވުމުގެ ފިޔަވަޅުތަކެއް ނެތެވެ. ޑރ. މަލިކު ފާހަގަކުރައްވާ ގޮތުގައި އޭގެ އެއް ސަބަބަކީ ތަރައްގީވެފައިވާ ގައުމުތަކުގައި އަނގައިގެ ކެންސަރު މަދުވުމުން އެކަމަށް މާ ބޮޑު ސަމާލުކަމެއް ދެވިފައި ނެތުމެވެ. އަދި ދެކުނު އޭޝިއާ ސަރަހައްދަށް ބެލިޔަސް، ރާއްޖެ ނޫން ގައުމުތަކުން އިސްކަން ދޭން ޖެހިފައިވަނީ، ވެކްސިން ޖަހައިގެން ރައްކާތެރިވެވޭ ބަލިތަކުން ސަލާމަތްވުން ފަދަ، އެހެނިހެން ކަންކަމަށެވެ.

އޭގެ މާނައަކީ ފޯއް ކެއުމުގެ ނުރައްކާ އަމިއްލަ އަށް ވިސްނައިގަންނަން ޖެހިފައިވާ ކަމެވެ.

"ދުންފަތް ހުއްޓާލަން އެހީތެރިވެދޭ ބޭސް ވެސް އެބަހުރި. އެކަމަކު ސައިންޓިފިކް ގޮތަކަށް ފޯކަށް އެފަދަ ބޭހެއް އަދިއެއް ނެތް ހެދިފައެއް،" ޑރ. މަލިކު ފާހަގަކުރެއްވި އެވެ.

"އެހެންވީމާ އެ މީހަކު އަމިއްލަ އަށް ނުވަތަ ކައުންސެލިންގެ އެހީގައި ހުއްޓާލުން ނުވަތަ ބަދަލުގައި އެހެން އެއްޗެއް ބޭނުންކުރުން އޮތީ."

ކައި ނިންމައިގެން އަނގަ ތާޒާކޮށްލަން، އަނގަ "މީރުކޮށްލަން" ނުވަތަ އަނގަ "މަޖާކޮށްލަން" ބޭނުން ނަމަ ފޮނިތޮށިކޮޅެއް، ކާފޫރުތޮޅިއެއް އަދި ކަރަންފުލެއް ކާލެވިދާނެ އެވެ.

"ކެންސަ ސޮސައިޓީގެ ފަރާތުން ވަރަށް ބޮޑަށް ޕްރޮމޯޓްކުރަން ހަށިގަނޑަށް ފައިދާ ހުރި ހަވާދުގެ ބާވަތްތައް ބޭނުންކުރާށޭ، ފޯއް ނުކައި،" ޑރ. މަލިކު ވިދާޅުވި އެވެ.

"ފޮނިތޮށި، ކާފޫރުތޮޅި ކަރަންފޫ އެއީ ހަށިގަނޑަށް ފައިދާހުރި އެއްޗެހީގެ ގޮތުގައި ކަނޑައެޅިފައި ހުރީ. އެހެންވީމާ ފޯކުގެ ބަދަލުގައި މި އެއްޗެހި ބޭނުންކޮށްގެން ގެއްލުމެއް ނުވާނެ."

ރައްކާތެރިވުމަށާއި ކުރީކޮޅު ބަލި ދެނެގަންނަން އެންމެ މުހިއްމު ކަމަކީ ގަވާއިދުން ޗެކަޕް ހެދުމެވެ. އަލާމާތެއް ހުރިތޯ ބަލަން މަހަކު އެއްފަހަރު އަމިއްލަ އަށް ޗެކްކުރެވިދާނެ އެވެ. އަދި އަނގައިގެ ކެންސަރަށް ސްކްރީން ކުރުމުގެ ގޮތުން ކޮންމެ ހަ މަހަކުން އެއްފަހަރު ނުވަތަ އެންމެ ގިނަ ވިޔަސް އަހަރަކު އެއްފަހަރު ދަތުގެ ޑޮކްޓަރަކަށް ދައްކަން ޖެހެ އެވެ.

"ޑެންޓަލް ޗެކަޕެއް ހަދާ އިރު ޑެންޓިސްޓް ބަލާނެ، ދަތްތަކުގެ އިތުރުން ކޮލުގެ އެތެރެ އާއި ކަރުގެ ހިސާބުތައް ވެސް. ބަލާ އިރު އެއްވެސް ކަހަލަ އަލާމާތެއް ފާހަގަވެއްޖެއްޔާ ދެން ހަދަންވީ ގޮތް ބުނެދޭނެ،" ޑރ. މަލިކު ވިދާޅުވި އެވެ.