އައިއޯއައިޖީގެ ރާއްޖޭގެ ޗެފް ޑި މިޝަނަރަކަށް ނާހިދު
އައިއޯއައިޖީގެ ރާއްޖޭގެ ޗެފް ޑި މިޝަނަރަކަށް ނާހިދު

ޖުލައި މަހު ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ރާއްޖޭން ވާދަކުރާ ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަރަށް މަޝްހޫރު ބާސްކެޓްބޯޅަ ކޯޗު އިބްރާހިމް ނާހިދު ހަމަޖައްސައިފި އެވެ.

މިދިޔަ އަހަރުގެ އޭޝިއަން ގޭމްސްގައި ވާދަކުރި ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަރުކަން ވެސް ކުރި ނާހިދު އައިއޯއައިޖީގެ ޗެފް ޑި މިޝަނަރަކަށް ހަމަޖައްސަން ފާސްކުރީ އޮލިމްޕިކް ކޮމިޓީގެ އެގްޒެކެޓިވް ކޮމިޓީންނެވެ.

އޭނާގެ ދަށުން، ފިރިހެން އެތުލީޓުންގެ އިސްވެރިޔަކަށް އިބްރާހިމް ރަޒީން ހަމަޖައްސާފައިވާއިރު އަންހެން އެތުލީޓުންގެ ހެޑަކަށް ހަމަޖައްސާފައިވަނީ މަރިޔަމް މުހައްމަދު (މާޔަން) އެވެ. މީގެ ތެރެއިން ރަޒީން އަކީ 2014 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސްގެ ރާއްޖޭގެ ޗެފް ޑި މިޝަނަރެވެ. އަދި ފުޓްބޯޅައިގެ ތަޖުރިބާކާރު މާޔަން ވަނީ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ހަރަކާތްތަކުގައި ބައިނަލްއަގްވާމީ ގޭމްސްތަކުގެ ތަޖުރިބާ ހޯދައިފަ އެވެ.

މި ތިން މެމްބަރުންގެ ޒިންމާއަކަށްވާނީ ގޭމްސް އަށް ދިވެހި އެތުލީޓުންގެ ތައްޔާރީތަކާއި އިންތިޒާމުތައް ކުރިއަށްދާ ގޮތް ބެލުމާއި ގޭމްސްގެ ތެރޭގައި އެތުލީޓުންގެ ޕާފޯމަންސާ ގުޅޭ ކަންކަމާއި ލޮޖިސްޓިކްސްގެ ކަންކަން ހަމަޖެއްސުމެވެ.

މި ފަހަރުގެ ގޭމްސްގައި ރާއްޖޭން ވާދަކުރާ ކުޅިވަރުތަކަކީ އެތުލެޓިކްސް، ބެޑްމިންޓަން، ބީޗް ވޮލީބޯޅަ، ފުޓްބޯޅަ، ބާސްކެޓްބޯޅަ، ޓޭބަލް ޓެނިސް، ސްވިމިން، ޓޭބަލް ޓެނިސް، ވޮލީބޯޅަ އަދި ކައިޓް ސާފިން އެވެ.

ޖުލައި 19-28 އަށް ބާއްވާ ގޭމްސްގައި ރާއްޖޭން އަމާޒުކޮށްފައިވަނީ 15 މެޑަލް ހޯދުމަށެވެ. އެންމެ ފަހުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭން ނުވަ މެޑަލަށް ޓާގެޓްކޮށް އަށް މެޑަލް ހޯދި އެވެ. އަދި އެ ފަހަރު ސާއިދު ވަނީ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި ތާރީހުން ޖާގަ ހޯދައިފަ އެވެ. މި ގޭމްސްގައި ވާދަކުރާ ގައުމުތަކަކީ ރާއްޖެ އާއި މޮރިޝަސްގެ އިތުރުން ސީޝެލްސް، ރިޔޫނިއަން، މެޔޯޓް، މަޑަގަސްކަރަ އަދި ކޮމޮރޯސް އެވެ.