01 ސެޕްޓެމްބަރ 2016 - 11:22

ލަންޑަން (ސެޕްޓެމްބަރު 1) - ޗެލްސީން އެ ޓީމަށް ކުރިން ކުޅުނު ބްރެޒިލްގެ ޑިފެންޑަރު ޑޭވިޑް ލުއިޒާއި ފިއޮރެންޓީނާ އަށް ކުޅޭ މާކޮސް އަލޮންސޯ ގެނައުމަށް ފަހު ކޮލަމްބިއާގެ މިޑްފީލްޑަރު ހުއަން ކުއަޑްރާޑޯ ތިން އަހަރުގެ ލޯނެއްގެ ދަށުން ޔުވެންޓަސް އަށް ދޫކޮށްލައިފި އެވެ.

ލުއިޒް ފުރަތަމަ ޗެލްސީ އަށް ގެނައީ 2011 ވަނަ އަހަރު ބެންފީކާ އިން 23.1 މިލިއަން ޕައުންޑަށެވެ. ތިން ސީޒަން ޗެލްސީ އަށް ކުޅުމަށް ފަހު ލުއިޒް ޕީއެސްޖީ އަށް 2014 ވަނަ އަހަރު ސޮއިކުރީ 40 މިލިއަން ޕައުންޑަށެވެ. ޗެލްސީން އަލުން ލުއިޒް ގަތީ ޕީއެސްޖީ އަށް 38 މިލިއަން ޕައުންޑް ދެއްކުމަށްފަހު އެވެ.
ލުއިޒް ވަނީ ޗެލްސީއާ އެކު ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕާއި ޔޫރޮޕާ ލީގު ހޯދައިފަ އެވެ. ލުއިޒް ވަނީ ޗެލްސީއާ އެކު ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ވާތު ބެކަށް ކުޅޭ އަލޮންސޯ ޗެލްސީ އަށް ބަދަލުވީ 23 މިލިއަން ޕައުންޑަށެވެ. ކުރިން ޕްރިމިއާ ލީގުގައި ބޯލްޓަން އާއި ސަންޑަލެންޑަށް ކުޅުނު އަލޮންސޯ އަކީ މިދިޔަ ސީޒަނުގައި އިޓާލިއަން ލީގުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކި އެއް ޑިފެންޑަރެވެ.
ޗެލްސީން އަލޮންސޯ އާއި ލުއިޒް މިގެނައީ އެ ޓީމުން ގެންނަން މަސައްކަތްކުރި އޭސީ މިލާނުގެ އެލެސިއޯ ރޮމަނޮލީ އާއި ނަޕޯލީގެ ކަލިދޫ ކަލުބަލީ ނުލިބުމުންނެވެ.
ޗެލްސީން ވަނީ އެ ޓީމަށް ކުޅޭ ކޮލަމްބިއާގެ މިޑްފީލްޑަރު ކުއަޑްރާޑޯ އަލުން ޔުވެންޓަސް އަށް ތިން އަހަރުގެ ލޯނެއްގެ ދަށުން ދޫކޮށްލައިފަ އެވެ. ލޯން އެއްބަސްވުމެއްގެ ދަށުން ކުއަޑްރާޑޯ މިދިޔަ ސީޒަނުގައި ވަނީ ޔުވެންޓަސް އަށް މޮޅު ކުޅުމެއްް ދައްކައިދީފަ އެވެ.
މީގެ އިތުުރުން ޗެލްސީން ވަނީ އެޓީމުގެ ގާނާ މިޑްފީލްޑަރު ކްރިސްޓިއަން އަޓްސޫ ލޯނެއްގެ ދަށުން ނިއުކާސަލް ޔުނައިޓެޑަށް ދޫކޮށްފަ އެވެ.