19 އެޕްރީލް 2019 - 10:15
ކީރިތި ޤުރުއާނުން އެނގޭ ގޮތުގައި އިސްލާމީ އުންމަތަކީ މެދުމިނުގެ އުންމަތެވެ. އެ އުންމަތުގެ މީހުން ތިބެން ޖެހެނީ ސީދާވެގެންވާ މަގުގަ އެވެ. މި މެދުމިންވެގެންވާ ސީދާ މަގަކީ އެއަށް ވަރަށް ޚާއްޞަ ސިފަތަކެއް ލިބިގެންވާ މަގެކެވެ. މި ސިފަތަކުގެ ސަބަބުން ލިބޭ މަންފާތަކެއް ވެއެވެ. މި މަންފާތައް ލިބިގަނެ އުންމަތަށް ލިބިފައިވާ މެދުމިންވަންތަކަން ދެމެހެއްޓުމަށްޓަކައި މެދުމިންވެގެންވާ ސީދާ މަގުގެ ޚާއްޞަ ސިފަތައް ދެނެގަތުން މުހިންމެވެ.
މެދުމިންވެގެންވާ ސީދާ މަގުގެ ޚާއްޞަ އެއް ސިފައަކީ އަދުލުވެރިކަމެވެ. އިސްލާމީ ޝަރީއަތުގައި އަދުލުވެރި ކަމަކީ ހެކިވެރިންގެ ހެކި ގަބޫލުކުރުމަށާއި ވެރިކަމުގެ މަސްއޫލިއްޔަތު ހަވާލުކުރުމަށް ބޭނުންވާ ޝަރުތުތަކުގެ ތެރޭ ހިމެނޭ ކަމެކެވެ. އަދި އިސްލާމީ އުންމަތަކީ މެދުމިނުގެ އުންމަތެއްކަން ބަޔާންކޮށްފައިވާ އާޔަތުގައިވާ "ވަސަޠިއްޔަތު" ގެ މާނައަކީ އަދުލުވެރިކަން ކަމުގައި ތަފުސީރު އިލްމުވެރިން ވިދާޅުވެ އެވެ. އަދުލުވެރިކަމުގެ ހަގީގީ މާނައަކީ އިދިކޮޅު ނުވަތަ ދެކޮޅުން ބައްދަލުކުރާ ދެކަމެއްގެ މެދުގައި އެއްވެސް ވަކި އަތަކަށް ގެއްލުމެއް ނުވަތަ މަންފާއެއް ވިއަސް ނުވާނެ ގޮތަށް އެދެމެދުގައި ވަޒަން ހިފެހެއްޓުމެވެ. ދެ ފަރާތަށް ވެސް ހައްގުވާ ކަންކަން އިންސާފުވެރި ގޮތުގައި ލިއްބައިދިނުމެވެ. މިގޮތުން އަދުލުވެރިކަމަކީ މެދުމިނުގެ ނިޒާމަށް ލިބިފައިވާ އެންމެ މުހިންމު ސިފަ އެވެ. މިސިފައިގެ ސަބަބުން އެންމެންނަށް ވެސް އިންސާފު ހޯދައިދެވެ އެވެ.
މެދުމިންވެގެންވާ ސީދާ މަގުގެ ދެވަނަ ސިފައަކީ ސީދާވުމެވެ. އެއީ ލެނބުމާއި އަތްއަތަށް ޖެހުން ފަދަ ކަންކަމުން ސަލާމަތްވެ ސީދާވެގެން ހުރުމެވެ. ކީރިތި ޤުރުއާނުގެ ސޫރަތުލް ފާތިޙާގައި އެވާ "ސީދާވެގެންވާ ތެދުމަގު" ގެ މާނައަކީ ތަފުސީރު އިލްމުވެރިން ވިދާޅުވާ ގޮތުގައި ސީދާކަން ގެއްލިފައިވާ މަގުތަކުގެ މެދުގައި ސީދަލަށް އޮންނަ މަގެވެ. ނުވަތަ ދެ ނުކުތާއަކަށް ގުޅާލެވޭ ބައިވަރު ރޮނގުތަކެއް އަޅާއިރު އޭގެ ތެރެއިން މެދުގައި އެއްވެސް ލެންބުމެއް ގުދުކަމެއް ނެތި ސީދާ ސީދަލަށް ގުޅާލެވިފައިވާ ރޮނގެވެ. އެއީ ސީދާކަން ލިބިގެންވާ މެދުމިނުގެ މަގެވެ. ވީމާ މެދުމިނުގެ އުންމަތުގެ މީހުންނަކީ ސީދާވެގެންވާ މަގުގައި ތިބެން އަބަދުވެސް މަސައްކަތްކުރަން ޖެހޭ ބައެކެވެ. އެހެންވެ މުސްލިމުން ކޮންމެ ދުވަހަކު މަދުވެގެން 17 ފަހަރު ސީދާވެގެންވާ ތެދުމަގަށް މަގުދެއްކެވުމަށް އެދެންޖެހެ އެވެ. އަދި މިއާ އެކު ސީދާނޫން މަގުތަކުން ދާން ބޭނުން ނުވާކަން ހާމަކުރަން ޖެހެއެވެ.
މިހެންވެ މުސްލިމުން ﷲ ގެ ޙަޟްރަތުން އެދެނީ ﷲ އެބަޔަކަށް ނިއުމަތް ދެއްވި މީހުން (އެބަހީ ﷲއަށް އީމާންވީ މީހުން) ގެ މަގެވެ. ﷲ ގެ ކޯފާ އެބަޔަކަށް ލިބުނު މީހުން (އެބަހީ ޔަހޫދީން) ގެ މަގާއި ﷲ އެބަޔަކު ގެއްލެނި ކުރެއްވެވި މީހުން (އެބަހީ ނަޞާރާއިން) ގެ މަގެއް ނޫނެވެ. މި ދެބައިމީހުންގެ މަގު ސީދާ ނުވީ މި ދެބައިމީހުންނަށް ﷲ ބާވާލެއްވި ޝަރީއަތަށް އެމީހުން ކިޔަމަންނުވުމާއި އަދި އެއަށް ބޭނުން ބަދަލުތަކެއް ގެނައުމުގެ ސަބަބުންނެވެ. އަދި އޭގެ ފަހުން ސީދާވެގެންވާ މަގު (އެބަހީ އިސްލާމް ދީން) އައުމުން އެ ގަބޫލު ނުކުރުމުގެ ސަބަބުންނެވެ. ނަތީޖާއެއްގެ ގޮތުން ވަރަށް ގިނަ ކަންކަމުގައި މި ދެބައިމީހުން ކޮންމެވެސް އެއްކޮޅަކަށް ވަނީ ހައްދުފަހަނައަޅާ ގޮސްފަ އެވެ. މިގޮތުން ޔަހޫދީން، ﷲ ގެ ނަބިއްޔުން ގަތުލުކުރި އިރު ނަސާރާ އިން ﷲ ގެ ނަބިއްޔަކު އިލާހެއް ކަމުގައި ބެލި އެވެ. ޔަހޫދީން، ހުއްދަތަކެތި ހަރާމް ކުރުމުގައި ހައްދުފަހަނައެޅި އިރު ނަސާރާ އިން، ހުއްދަނޫން ތަކެތި ހަލާލު ކުރުމުގައި ހައްދުފަހަނައެޅި އެވެ. ޔަހޫދީން، މާއްދިއްޔަތުގައި ހައްދުފަހަނައަޅައި ދިޔަ އިރު ނަސާރާ އިން، ރޫހާނިއްޔަތުގައި ހައްދުފަހަނައަޅައި ދިޔަ އެވެ. މިދެބައިމީހުންގެ ހައްދުފަހަނައެޅުމާ ހިލާފަށް އިސްލާމް ދީން މަގުދައްކަނީ ސީދާވެގެންވާ މަގަށެވެ. އެއީ މެދުމިނުގެ މަގެވެ.
މެދުމިންވެގެންވާ ސީދާ މަގުގެ ތިންވަނަ ޚާއްސަ ސިފައަކީ މެދުމިނަކީ ހެޔޮކަމުގެ ދަލީލެއް ކަމުގައި ވެގެން ވުމެވެ. މާއްދިއްޔަތުގައި ވެސް އަދި މައުނަވިއްޔަތުގައި ވެސް މާތްކަމާއި ހެޔޮކަން ލިބިފައިވަނީ މެދުމިނަށެވެ. ކަރުގައި އަޅާ ފަށެއްގައި ވެސް އެންމެ އަގު ބޮޑު ބަޔަކީ އޭގެ މެދުގައިވާ ފަށުފުލެވެ. ގައުމެއްގެ ރައީސަކީ ވެސް އެގައުމެއްގެ އެހެން އެންމެން ތާބާވާން އެންމެ ރަނގަޅު ކަމަށް ފެންނަ މީހާ އެވެ. ކަންކަން ކުރުމުގައި ވެސް މެދުމިނަކީ އެންމެ ހެޔޮ ގޮތެވެ. އެހެންވެ އަރަބިންގެ ހިކުމަތްތެރި ބަހެއްގައި ވެސް ވަނީ އެންމެ ހެޔޮ ގޮތަކީ މެދުމިނުގެ ގޮތް ކަމުގަ އެވެ. މެދުމިން އުންމަތެއް ކަމުގައި ލެއްވީމޭ އޮންނަ ބަސްފުޅުގައިވާ "ވަސަޠަން" ގެ މުރާދު ކަމުގައި އިބްނު ކަޘީރު ވިދާޅުވަނީ އެއީ ހެޔޮކަން ލިބިގެންވުން ކަމަށެވެ.
ޤުރައިޝުންނަކީ އަރަބިންގެ ތެރެއިން މެދުމިނުގައިވާ ބައެކޭ ބުނާ ބަހުގެ މުރާދަކީވެސް ނަސަބުގެ ގޮތުންނާއި ތަނުގެ ގޮތުން އެންމެ ހެޔޮ މީހުން ކަމަށް ވުމެވެ. ކީރިތި ރަސޫލާ، ޞައްލަﷲ ޢަލައިހި ވަސައްލަމް، އަކީ އެކަލޭގެފާނުގެ ގައުމުގެ މީހުންގެ ތެރެއިން މެދުމިނުގެ ސާހިބާ ކަމުގައިވެސް ބުނެވެނީ އެންމެ ހެޔޮ މީހާއޭ ބުނަން ވެގެންނެވެ. ނަމާދުތަކުގެ ތެރެއިންވެސް އެންމެ ހެޔޮ ނަމާދަކީ މެދު ނަމާދު ކަމުގައި އިލްމުވެރިން ވިދާޅުވެ އެވެ.
މެދުމިންވެގެންވާ ސީދާ މަގުގެ ހަތަރުވަނަ ޚާއްސަ ސިފައަކީ އެ މަގަށް އަމާންކަން ލިބިގެންވުމެވެ. އެހެނީ އަބަދުވެސް މެދަކީ އެންމެހާ ނުރައްކާތަކުން އެންމެ ސަލާމަތްތެރިކަން ލިބޭ ހިސާބު ކަމަށްވާތީ އެވެ. މެދަކީ ވަށައިގެން އެތައް ފަށަލައަކުން ހިމާޔަތް ކުރެވިގެންވާ ސަރަހައްދެކެވެ. ހަމަ މިފަދައިން މައުނަވީ ކަންކަމުގައި ވެސް މެދުމިނުގައިވާ ކަމަކީ އަރިމަތީގައި ހުންނަ ކަންކަމަށް ވުރެ ސަލާމަތް ކަމާއި ރައްކާތެރިކަން ލިބިގެންވާ ކަންކަމެވެ. ވީމާ އެކިއެކި ނިޒާމުތަކުގައި ވެސް ދިރިއުޅުމުގެ މަންހަޖުތަކުގައި ވެސް އުންމަތްތަކުގައި ވެސް މެދުމިން ވެގެންދާނީ އެންމެ އަމާން ކަން ލިބިގެންވާ ބަޔަށެވެ.
މެދުމިންވެގެންވާ ސީދާ މަގުގެ ފަސްވަނަ ޚާއްސަ ސިފައަކީ މެދުމިނުގެ މަގަށް ބާރުވެރިކަން ލިބިގެންވުމެވެ. އެހެނީ ގިނަކަންކަމުގައި ނުވަތަ ގިނަ އެއްޗެތީގައި އޭގެ ބާރު އެންމެ ވަރުގަދައަށް ހުންނަނީ އޭގެ މެދުގައެވެ. މިސާލަކަށް އިންސާނެއްގެ ދިރިއުޅުމަށް ބަލާއިރުވެސް ޒުވާން ކަމަކީ ޅަކަމާއި މުސްކުޅި ކަމާ ދެމެދު އަންނަ މަރުހަލާ އެކެވެ. އެންމެ ހަކަތަ ހުންނަ މަރުހަލާ އެވެ. ނުވަތަ އިރަށް ބަލާއިރު ވެސް އޭގެ ހޫނުކަން އެންމެ ވަރުގަދަ ވަނީ ދުވާލުގެ މެދުވަގުތުގަ އެވެ.
މެދުމިންވެގެންވާ ސީދާ މަގުގެ ހަވަނަ ޚާއްސަ ސިފައަކީ މެދުމިންވުމުގައި އެއްބައިވަންތަކަން ރަމްޒު ކުރުމެވެ. އެހެނީ މެދަކީ ހުރިހާ އެއްޗެއް ގުޅި އެކަތިގަނޑަކަށްވާ ތަނެވެ. އެއާ ޚިލާފަށް އަރިމަތިތައް ކިތަންމެ ތަފާތުވެފައި އެހާމެ ގިނަވިއަސް އެކައްޗާ އަނެކައްޗާ ނުއެއް ގުޅޭނެ އެވެ. އެހެންވެ ހުރިހާ އެއްޗެއް ވެސް އެއްބައި ކުރުވައި ގުޅުވައިދޭ މަރުކަޒަކީ މެދެވެ. މާއްދީ އެއްޗެއްސާއި ކަންކަމުގައި މި ގުޅުމާއި އެއްބައިވަންތަ ކުރުވުން އޮންނަ އިރު މައުނަވީ ކަންކަމުގައިވެސް މިގުޅުން އޮވެ އެވެ. މިސާލަކަށް ފިކުރުތަކަށް ބަލާއިރު ހަރުކަށި ހުރިހާ ފިކުރެއްގައި ވެސް މެދުމިނާ ގުޅުންހުރި ކޮންމެވެސް ބައިތަކެއް ހުންނާނެ އެވެ. އެކަމަކު އެފަދަ އެހެން ހަރުކަށި ފިކުރަކާ އެއްގޮތްވާ ކަންކަން ގިނަފަހަރު ނުހުންނާނެ އެވެ. އެހެންކަމުން އެ ފިކުރުތައް އެއްބައިވަންތައެއް ނުވާނެ އެވެ. އިސްލާމީ ފިކުރަކީ އެހެން ހުރިހާ ފިކުރުތަކެއްގައި ވެސް ހިމެނޭ އެންމެ ހެޔޮ އަދި އެންމެ މުހިންމު ބައިތައް އެކުލެވޭ ފިކުރު ކަމަށް ވާތީ އެއްބައިވަންތަ ކުރުމުގެ ގާބިލުކަން ލިބިގެންވެ އެވެ.
މެދުމިންވެގެންވާ ސީދާ މަގަށް މިފަދަ ޚާއްސަ ސިފަތައް ލިބިގެންވާ ހިނދު މި ސީދާ މަގުގައި ދެމިތިބުމަށް މުސްލިމުން ގަދައަޅައި މަސައްކަތް ކުރަން ޖެހޭނެ އެވެ. އަދި މި ސީދާ މަގަށް ލިބިގެންމިވާ މެދުމިންވުމުގެ ޚާއްޞަ ސިފަތައް އެގޮތުގައި ދަމަހައްޓަން މަސައްކަތް ކުރަން ޖެހޭނެ އެވެ. އެއްވެސް ފަރާތަކަށް، އެބަހީ ދީނަށް ތަބާވުމުގައި ވިއަސް އަދި ދީނާ ދުރަށް ދިމުމުގައި ވިއަސް ހައްދުފަހަނައި ގޮސްގެން ނުވާނެ އެވެ. ހައްދުފަހަނައަޅައިފި ނަމަ އެއީ ސީދާމަގުން ބޭރަށް ދިއުމެވެ.