18 އެޕްރީލް 2019 - 16:20

ޖިނާއީ މައްސަލަތަކުގައި ތަންތަން ބަލައި ފާސްކުރުމުގެ އަމުރު ނެރެދިނުމުގައި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކީ އެއަށް ރިއާޔަތް ކުރެވިދާނެ އެކަށީގެންވާ އެއްޗެއް ކަމަށް ހައި ކޯޓުން ކަނޑައަޅައިފި އެވެ.
ހައި ކޯޓުން އެގޮތަށް ކަނޑައެޅީ މަސްތުވާތަކެތީގެ މައްސަލަތަކަކާ ގުޅިގެން ބަލައި ފާސް ކުރުމުގެ އަމުރަކަށް ފުލުހުން ދަށު ކޯޓުގައި އެދުމުން އެފަދަ އަމުރެއް ނެރެ ނުދިން މައްސަލައެއްގަ އެވެ. އެފަދަ ތިން އަމުރަކަށް އެދުމުން އެ ތިން މައްސަލާގައި ވެސް ދަށު ކޯޓުން ނިންމާފައިވަނީ ބާރު ދޭ އިތުރު ހެއްކެއް ނުވަތަ ގަރީނާތަކެއް ނެތީސް، ހަމައެކަނި އިންޓެލިޖެންސް ރިޕޯޓަކަށް ބިނާކޮށް އެފަދަ އަމުރެއް ނެރެ ނުދެވޭނެ ކަމަށެވެ.
އެ އަމުރުތައް ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވަކިވަކިން އިއްވި ހުކުމުގައިވަނީ ތަނެއްގައި ކުށެއް ކުރާކަމަށް ފުލުހުންނަށް ގަބޫލު ކުރެވޭ ނަމަ ނުވަތަ މައްސަލައަކާ ގުޅޭ ހެކި ތަނެއްގައި ހުރި ކަމަށް ގަބޫލު ކުރެވޭ ނަމަ އެފަދަ ތަނެއް ބަލައި ފާސް ކުރުމުގެ އަމުރު ނެރެވިދެވިދާނެ ކަމަށް ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ ކަމަށެވެ. އަދި މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި އޮތްގޮތުން އެ ގާނޫނުގައި ބުނާ ފަދަ ކުށެއް ކުރާ ކަމަށް ނުވަތަ މަސްތުވާއެއްޗެއް ތަނެއްގައި ހުރި ކަމަށް ގަބޫލު ކުރެވޭ ނަމަ، އެކަށީގެންވާ ހެކި ނެތަސް ބަލައި ފާސް ކުރުމުގެ އަމުރަކަށް އެދެވިދާނެ ކަމަށް އެ ހުކުމުގައިވެ އެވެ.
މަސްތުވާތަކެތީގެ ކުށްތަކަކީ ނުރައްކާތެރިކަން ބޮޑު އަދި ތަހުގީގު ކުރުމުގައި ގޮންޖެހުންތައް ބޮޑު ކުށްތަކެއް ކަން ފާހަގަކޮށް، އެ ހުކުމުގައިވަނީ ހެއްކެއް ހޯދުމަށް ތަނެއް ބަލައި ފާސް ކުރުމުގެ އަމުރެއް ނެރެ ދިނުމުގައި ހެކި ވަޒަން ކުރަން ޖެހޭނީ އެކަށީގެންވާ ޝައްކެއް ނެތް މިންގަނޑުން ނުވަތަ މަދަނީ މިންގަނޑުން ވެސް ނޫން ކަމަށެވެ. ސަބަބެއްގެ ގޮތުގައި ހުކުމުގައިވަނީ ތަހުގީގު މަރުހަލާއަކީ ކަމެއް ސާބިތު ކުރުމުގެ މަރުހަލާ ކަމަށް ނުވެފައި އެއީ ހަމައެކަނި ހެކި ހޯދުމުގެ މަރުހަލާ ކަމަށް ވުމެވެ.
"މި މަރުހަލާގައި ފުލުހުން ހުށަހަޅާ ސަބަބުތަކަށް ފަނޑިޔާރު ރިއާޔަތްކުރަން ޖެހޭނީ އެއީ އެކަށީގެންވާ ސަބަބެއް (ޕްރޮބެބަލް ކޯޒްއެއް) ތޯ ނުވަތަ ނޫންތޯ ކަމާއި. އެއީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުގައި ބަޔާންކުރާ ސަބަބުތަކަކީ ބުއްދި ސަލާމަތުން ހުރި އިންސާނަކަށް އެ ވާހަކަތައް އަޑުއިވުމުން އެއީ ދޮގަކަށް ވުރެ ބޮޑަށް ތެދެއް ކަމަށް ގަބޫލުކުރެވޭ ނަމަ، އެއީ ބަލައި ފާސްކުރުމުގެ އަމުރު ދޫކުރުމަށް އެކަށީގެންވާ ސަބަބެއް ކަމުގައި މި މަރުހަލާގައި ބަލަންޖެހޭ" ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި އެ ހުކުމުގައިވެ އެވެ.
އެ ހުކުމުގައިވާ ގޮތުން އިންޓެލިޖެންސް ރިޕޯޓާ މެދު ގޮތެއް ކަނޑައަޅަން ޖެހޭނީ އެ ރިޕޯޓެއްގައި ހުރި މައުލޫމާތެއްގެ މައްޗަށް ބިނާކޮށެވެ. އެގޮތުން އެފަދަ ރިޕޯޓެއްގައި ހުރި ވާހަކަތަކުގެ އެ މައުލޫމާތެއް ލިބުނު ގޮތުގެ ސިލްސިލާ މެދުކެނޑުމެއް ނެތި އެނގެން އޮތް ނަމަ، އެއީ އެކަށީގެންވާ އެއްޗެއް ކަމަށް ބެލިދާނެ ކަމަށާއި އަދި އޭގައި ހުރި މައުލޫމާތަކީ އެންމެން ދަންނަ މައުލޫމާތެއް ނަމަ، އެއަށް ބުރަދަން ދެވިދާނެ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އާންމު ފަރުދަކު ގެނެސްދޭ މައުލޫމާތަކަށް ވުރެ ދައުލަތުގެ މުއައްސަސާއަކުން ގެނެސްދޭ މައުލޫމާތެއްގެ ބުރަދަން އިތުރުވާނެ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
މީހުންގެ ޒާތީ އަދި އާއިލީ ދިރިއުޅުމާއި ގޯތި ގެދޮރަކީ ހުރުމަތްތެރިވާ ކަންކަމާއި ތަންތަން ކަމަށް ގާނޫނު އަސާސީގައި ބުނާ ކަން ފާހަގަކޮށް، އެ ހުކުމުގައިވަނީ މީހުން އުޅޭ ތަންތަން ފާސް ކުރުމުގެ އަމުރަށް ފުލުހުން އެދެންވާނީ އެކަމުގެ ބޭނުންތެރިކަމެއް އޮވެގެން ކޮންމެހެން އެފަދަ އަމުރެއް ހޯދަންޖެހޭ ހާލަތުގައި އެކަނި ކަމަށެވެ. އަދި އެފަދަ އަމުރެއް ނެރުމުގައި ކޯޓުން އެކަން ކަށަވަރު ކުރުމުގެ އިތުރުން ފުލުހުން ހުށަހަޅާ އިންޓެލިޖެންސް ރިޕޯޓުގައިވާ ކަންކަން އިތުރަށް އޮޅުން ފިލުވުމުގެ ބާރު ވެސް ފަނޑިޔާރުންނަށް އޮންނާނެ ކަމަށް އެ ހުކުމުގައިވެ އެވެ.
އެކަންކަން ފާހަގަކޮށް، އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ހައި ކޯޓުން ކުރި ހުކުމުގައިވަނީ ބަލައި ފާސް ކުރުމުގެ އަމުރު ދެވެން ނެތް ކަމަށް އެ މައްސަލާގައި ދަށު ކޯޓުން ނިންމި ނިންމުން ބާތިލްކޮށްފަ އެވެ.