18 އެޕްރީލް 2019 - 14:42

ރާއްޖެ ބައިވެރިވާ ފެއާތަކުގެ އިތުރުން، ބޮޑު ހޭދައެއް ކޮށްގެން ރޯޑް ޝޯތަކާއި ފެމް ޓްރިޕްތަކާއި އޮންލައިން މާކެޓިންގައި ވެސް ރާއްޖެ މާކެޓް ކުރާނެ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސްގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީ އަށް މި އަހަރުގެ ބަޖެޓުން ވަނީ 10 މިލިއަން ޑޮލަރު ނުވަތަ 154 މިލިއަން ރުފިޔާ ކަނޑައަޅައިފަ އެވެ. މިއީ މިދިޔަ އަހަރުގެ ބަޖެޓަށް ވުރެ 192 ޕަސެންޓުގެ އިތުރުވުމެކެވެ.
އެމްއެމްޕީއާރްސީގެ މި އަހަރުގެ ޕްލޭން ހާމަކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތޮއްޔިބު ވިދާޅުވީ، މި ފާއިތުވެދިޔަ އަހަރުތަކަށް ވުރެ މި އަހަރުގެ ބަޖެޓް ބޮޑުވުމާ އެކު ރާއްޖެ އިޝްތިހާރުކުރުން ވެސް އިތުރުވެގެންދާނެ އެވެ. މި ހަރަކާތްތައް ރާވާފައި ވަނީ މުޅި އަހަރަށް ބަހާލައިގެންނެވެ.
ދުނިޔޭގެ އެކި ހިސާބުތަކުގައި ރާއްޖެ އިޝްތިހާރު ކުރުމަށް 21 ފެއާގައި ބައިވެރިވުމަށް ވަނީ ނިންމައިފަ އެވެ. އަދި 16 ރޯޑްޝޯއެއްގެ އިތުރުން 22 މީޑިއާ ފޭމް ދަތުރުތަކާއި 11 މާކެޓަކަށް ހާއްސަކޮށްގެން ޕީއާރް ހަރަކާތްތައް ހިންގުމަށް ވަނީ ނިންމައިފަ އެވެ.
ތޮއްޔިބު ވިދާޅުވީ، ވަކިވަކި ގައުމުތަކުގައި ހިންގާ ހަރަކާތްތަކުގެ ތެރޭގައި ދުބާއީގައި ރާއްޖެ އިޝްތިހާރު ކުރުމުގެ އިތުރުން މޯލްތަކާއި ޓްރެއިން ސްޓޭޝަންތައް ބޭނުންކޮށްގެން އެކްސްޕޯޝާ ހޯދުމަށް މަސައްކަތް ކުރާ ކަމަށެވެ.
އޭނާ ވިދާޅުވީ، އޮންލައިން ބޮޑު ކެމްޕޭނެއް ކުރިއަށް ގެންދިޔުމަށް އަންނަ މަހު ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށް އެކަން ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ
"އަޅުގަނޑުމެންނަށް މިހާރު ވެސް ވަރަށް ގިނަ މީހުން އެޕްރޯޗް އެބަ ކުރޭ. އޮންލައިން ބޮޑު ކެމްޕެއިނަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އެމްއެމްޕީއާރްސީން އަންނަނީ ކުރަމުން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިދިޔަ އަހަރު ވެސް ވަރަށް ގިނަ ބަޔަކު އޮންލައިންކޮށް ބުކިން ހައްދާފައިވާ ކަމަށެވެ. އެހެންކަމުން ސޯޝަލް މީޑީޔާ މެދުވެރިކޮށް ރާއްޖެ ޕްރޮމޯޓް ކުރުމުން ގިނަ ބަޔަކަށް ރާއްޖެ އިޝްތިހާރު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކި ގައުމުތަކުގައި ބޭނުން ކުރަނީ އެކި އޮންލައިން ފްލެޓްފޯމުތައް. އަޅުގަނޑުމެންނަކަށް ނޭންގޭނެ އެކީ ކޮން ޕްލެޓްފޯމެއް ކަމެއް. އެހެންވީމަ އެނގޭ މީހުން ވަޑައިގަންނަވާށޭ، ޕްރޮޕޯސަލްތަކާ އެކު. އަޅުގަނޑުމެން ބޭނުންވަނީ މާކެޓް ފުޅާކުރުމަށް ގިނަ ބަޔަކަށް އެނގޭނެ ކަމަކަށް ވެގެން ދިޔުން،" ތޮއްޔިބު ވިދާޅުވި އެވެ.
މި އަހަރުގެ މިހާތަނަށް 11 ފެއާއެއްގައި ބައިވެރިވެފައިވާ އިރު އެއް ރޯޑްޝޯ އާއި ދެ ފޭމް ޓްރިޕް ކުރިޔަށްދިޔަ އެވެ. މިއަހަރު ވެސް އާ މާކެޓުތަކަށް ވިސްނައިގެން ރާއްޖެ ޕްރޮމޯޓް ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފަ އެވެ. ރާއްޖެ ޕްރޮމޯޓު ކުރުމުގައި މި އަހަރު ސައުތު އީސްޓް އެޝިއާގެ ގައުމުތަކާއި އިންޑިއާ އަށް ވެސް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް އެމްއެމްޕީއާރްސީން ބުނެ އެވެ.
މި އަހަރުގެ މިހާތަނަށް 320،135 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ އިރު މިދިޔަ އަހަރު ވަނީ 1.4 މިލިއަން ޓޫރިސްޓުން ރާއްޖެ އަށް ޒިޔާތްކޮށްފަ އެވެ. މި ސަރުކާރުގެ އަމާޒަކީ މި ދައުރު ނިމުމުގެ ކުރިން ރާއްޖެ އަންނަ ޓޫރިސްޓުންގެ މިންވަރު އަހަރަކު 1.5 މިލިއަނަށް އިތުރު ކުރުމެވެ.