އެމްއެމްޕީއާފްސީ އަށް ލިބެންޖެހޭ 14 މިލިއަން ޑޮލަރު ހޯދަނީ
އެމްއެމްޕީއާފްސީ އަށް ލިބެންޖެހޭ 14 މިލިއަން ޑޮލަރު ހޯދަނީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އަށް ޑޮލަރު ވިއްކައިގެން ލިބެންޖެހޭ 14 މިލިއަން ޑޮލަރު (215 މިލިއަން ރުފިޔާ) ލިބެންޖެހޭ ކަމަށާއި އެ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތޮއްޔިބު ވިދާޅުވީ، ތިން ކުންފުންޏަކުން ލިބެންޖެހޭ އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ. އެ ފައިސާއަކީ އެމްއެމްޕީއާރްސީގެ ބޮޑު ކޮރަޕްޝަނުގެ ތެރެއިން އެ ކުންފުންޏަށް ނުލިބި ހުރި ފައިސާ އެވެ.

އެނގިފައިވާ ގޮތުގައި، އެ ތިން ކުންފުންޏަކީ އެސްއޯއެފް އާއި މިލޭނިއަލް ކެޕިޓަލް އާއި މޮންޓިލިއަން އިންޓަނޭޝަނަލް އެވެ. އެ ތިން ކުންފުންޏަށް ޑޮލަރު ވިއްކައިގެން ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު އެސްއޯއެފާއި މިލޭނިއަލް ކެޕިޓަލުން ފައިސާ ދިނުމަށް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. މޮންޓިލިއަންގެ މައްސަލަ އޮތީ ކޯޓުގަ އެވެ.

ރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތުގެ މައްސަލައިގައި އެއް ބިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާގެ ކޮރަޕްޝަން ވަނީ ހިންގައިފަ އެވެ. އެސްއޯއެފަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގާތް މީހެއް ކަމަށްވާ، މ. ސެސްނާ އައްލާމް މުހައްމަދު ލަތީފް (މޮހޯ) ގެ ކުންފުންޏެކެވެ. މިލޭނިއަލް ކެޕިޓަލަކީ އަދީބުގެ ބޮޑު ބޭބެ ހާމިދު އިސްމާއިލްގެ ކުންފުންޏެކެވެ. މޮންޓިލިއަމް އިންޓަނޭޝަނަލަކީ އަދީބުގެ އާއިލީ ފަރާތްތަކުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.