އެމްއެމްޕީއާރްސީގެ ނަން ބަދަލުކުރުމަށް ރައީސް އޮފީހަށް ހުށަހަޅައިފި
އެމްއެމްޕީއާރްސީގެ ނަން ބަދަލުކުރުމަށް ރައީސް އޮފީހަށް ހުށަހަޅައިފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) ގެ ނަން ބަދަލުކުރުމަށް ރައީސް އޮފީހަށް ހުށަހަޅާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތޮއްޔިބު ވިދާޅުވީ، ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން އެ ކުންފުނީގެ ނަން ކިލަނބު ވެފައިވާ ކަމަށެވެ.

އެމްއެމްޕީއާރްސީގެ އެންމެ ބޮޑު އަމާޒަކީ މަންޒިލެއްގެ ގޮތުގައި ރާޢްޖެ ޕްރޮމޯޓްކުރުން ކަމުގައިވާ އިރު ބޭރު ދުނިޔޭގައި ތަމްސީލުކޮށް މާކެޓުކޮށް ޕްރޮމޯޓު ކުރުމުގައި ބޭނުން ކުރަނީ "ވިޒިޓް މޯލްޑިވްސް" އެވެ.

"އަޅުގަނޑުމެން މި ވިއްކަނީ ދިވެހި ރާއްޖޭގެ ނަން. މޯލްޑިވްސް- ދަ ސަނީ ސައިޑް އޮފް ލައިފް. އެ ލޯގޯ އަޅުގަނޑުމެން ބޭނުން ކުރަނީ،" ތޮއްޔިބު ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ނަން ބަދަލު ކުރުމަށްޓަކައި ރައީސް އޮފީހަށް ހުށަހަޅާފައިވާ އިރު ތަފާތު ނަންތަކެއް އެ އޮފީހަށް ފޮނުވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތް ހިންގާފައި ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށެވެ. ޓޫރިޒަމްގެ ބޭނުމަށް ފަޅުތަކާއި ރަށްތައް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ 1.3 ބިލިއަން ރުފިޔާ އަށް ޚިޔާނާތްތެރިވެފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެ އެވެ. އެ މައްސަލައިގައި ކުރީގެ ނައިބު ރައީސް، އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބާއި ޚިޔާނާތް ހިންގިއިރު އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އަބްދުﷲ ޒިޔަތުގެ މައްޗަށް ވަނީ ދިގު މުއްދަތުގެ ޖަލު ހުކުމެއް ކޮށްފަ އެވެ.