18 އެޕްރީލް 2019 - 12:17

އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ އިންތިހާބަށް އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ ރައީސް ކުވޭތުގެ އަހުމަދު އަލް-ސަބާހް ނުފޫޒު ފޯރުވިކަމުގެ ތުހުމަތުކުރައްވައި، އެ އިންތިހާބުގައި ނާކާމިޔާބުވެވަޑައިގެންނެވި ރާއްޖޭގެ މަރިޔަމް މުހައްމަދު (މާޔަން) ފީފާ އަށް މައްސަލަ ހުށަހަޅުއްވައިފި އެވެ.

ރިޝްވަތުގެ ތުހުމަތުކުރެވުމުން ފީފާގެ ކައުންސިލް މެމްބަރުކަމުން 2017 ވަނަ އަހަރު އިސްތިއުފާ ދެއްވި އޭޝިއާގެ ކުޅިވަރުގެ އެންމެ ނުފޫޒު އެކަކު ކަމަށްވާ ޝެއިޚް އަހުމަދު ދެކޮޅަށް މާޔަން ހުށަހެޅުއްވި މައްސަލަ ފީފާގެ އިލެކްޓޯރަލް ކޮމިޓީން ވަނީ އިތުރަށް ތަހުގީގުކުރުމަށް އެތިކްސް ކޮމިޓީއަށް ފޮނުވައިފަ އެވެ.
މާޔަން ތުހުމަތުކުރައްވަނީ އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީގެ ސައުތު ޒޯންގެ ގޮނޑި އޭނާއާ ވާދަކުރެއްވި ބަންގްލަދޭޝްގެ މަހްފޫޒާ އަޚްތަރު ކިރަން އަށް ކާމިޔާބުކޮށްދެއްވަން ޝެއިޚް އަހުމަދު ނުރަނގަޅު ނުފޫޒު ބޭނުންކުރެއްވި ކަމަށެވެ.
އެމެރިކާގެ ނިއު ޔޯކް ޓައިމްސް އަށް ދެއްވި އިންޓަވިއުއެއްގައި މާޔަން ވިދާޅުވީ މެލޭޝިއާގެ ކުއާލަ ލަމްޕޫރުގައި ހުންނަ އޭއެފްސީގެ ހެޑްކުއާޓާޒްގައި ބޭއްވި އިންތިހާބުގެ ކުރިން ޝެއިޚް އަހުމަދާ ބައްދަލުކުރެއްވުމުން، ނަން އަނބުރާ ނެގުމަށް އެދުނު ކަމަށެވެ. ސަބަބަކީ މަހްފޫޒާ އަށް ތާއީދުކުރަން ޝެއިޚް އަހުމަދު ނިންމަވާފައި އޮތުމެވެ.
މާޔަން ނަން އަނބުރާ ނަންގަވައިފި ނަމަ ފީފާ ނުވަތަ އޭޝިއާގެ ފުޓްބޯޅައިގެ މަގާމެއް ހަމަޖައްސައި ދެވިދާނެ ކަމަށާއި އެކަމަކު އެގޮތަށް އަމަލުނުކޮށްފި ނަމަ އޭނާގެ ކެރިއަރު ނިމި، ރާއްޖެ އަށް ވެސް ގެއްލުންވެދާނެ ކަމަށް ޝެއިޚް އަހުމަދު ވިދާޅުވި ކަމަށް މާޔަންއާ ހަވާލާދީ އެ ނޫހުގައި ރިޕޯޓްކޮށްފައިވެ އެވެ.
މާޔަން "މިހާރަ"ށް ވިދާޅުވީ ކަމާބެހޭ ކޮމިޓީން ތަހުގީގުކުރަމުން އަންނަ މައްސަލައަކަށް ވާތީ އިތުރު ތަފްސީލްތަކެއް ދެވެން ނެތް ކަމަށެވެ. އަދި މައްސަލަ ހުށަހެޅީ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ކަމަށާއި ސަބަބަކީ އެތިކަލީ ގޯސްކަންތައްތަކެއް ހިނގާފައި އޮތުން ކަމަށެވެ.
ރަސްމީކޮށް ފުޓްބޯޅައާ ދުރުގައި ހުރި މީހަކު އެފަދަ ކަމެއް ކުރުމުން އޭގެން އެނގެނީ މިއީ އިންސާފުން ބޭރުން ހިނގައިދިޔަ ކަމެއްކަން. އޭއެފްސީގެ ބަޔަކު ވެސް މީގައި އިންވޯލްވެ އިންތިހާބުކުރަން ޖެހޭ ބަޔެއްގެ ލިސްޓެއް ހެދި، އަންފެއާކޮށް ކަންތައްތަކެއް ދިޔައީ،" މާޔަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީގެ ކުރިން ޝެއިޚް އަހުމަދާ މެދު މިގޮތަށް އެއްވެސް ފަރާތަކުން ނެތް މައްސަލައެއް ހުށަހަޅާފައި ނެތް ކަމަށާއި އެކަމަކު އޭނާ އަށް މިކަންކަން ތަޖުރިބާކުރެވި އަދި ހެކި ހުރުމުން މައްސަލަ ހުށަހެޅީ ކަމަށެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ މާޔަން އަށް ސަޕޯޓްދޭނެ ކަމަށާއި އެކަމަކު މިކަމުގައި އެފްއޭއެމްގެ ބަހެއް އިއްވާނީ ބައްދަލުވުމެއް ބޭއްވުމަށް ފަހު ކަމަށެވެ.
'އަޅުގަނޑުމެން މިކަމުގައި ސީދާ ބައިވެރިއެއްނުވާނަން. އެކަމަކު މާޔަން އަކީ އަޅުގަނޑުމެންގެ ކެންޑިޑޭޓު. އެހެންވެ އެގޮތުން ސަޕޯޓްދޭނަން،" ޖަވާޒް ވިދާޅުވި އެވެ.
ޝެއިޚް އަހުމަދު ފަދަ މީހަކާ ދެކޮޅަށް މިފަދަ މައްސަލައެއް ހުށަހެޅުމުން ކުޅިވަރު ދުނިޔޭގެ ސަމާލުކަން މިކަމަށް ވަނީ ވަރަށް ބޮޑަށް ލިބިފަ އެވެ. ނިއު ޔޯކް ޓައިމްސް އަށް އެކްސްކްލޫސިވްކޮށް މާޔަން ދިން އިންޓަވިއުއާ އެކު، ދުނިޔޭގެ ބޮޑެތި މީޑިއާތަކުން މިހާރު އަންނަނީ މާޔަންއާ ގުޅަމުންނެވެ.
"މިއީ ބޮޑު ކޭހެއް. އަޅުގަނޑު އަމިއްލަ ގޮތުން މިކަން މިކުރިއަށް ގެންދަނީ. ވަރަށް ގިނަ ބަޔަކު އަންނަނީ ގުޅަމުން މިކަމުގައި،" ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ވިދާޅުވި އެވެ.
ފީފާގެ ނުފޫޒު ގަދަ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުންނެވި އަދި އެ އެތަނުގެ ރައީސްގެ މަގާމަށް ވެސް ވަޑައިގެންފާނެ ކަމަށް ބެލެވުނު ޝެއިޚް އަހުމަދު އެތަނުން 2017 ވަނަ އަހަރުގެ މޭ މަހު އިސްތިއުފާ ދެއްވީ ރިޝްވަތުގެ މައްސަލައަކާ ގުޅުން ހުރި ކަމަށް ކުރެވުނު ތުހުމަތުތައް ދޮގުކުރެއްވުމަށް ފަހު އެވެ.
ރިޝްވަތު ނެންގެވި ކަމަށް ކޯޓުގައި އެއްބަސްވެވަޑައިގެންނެވި ފީފާގެ އޮޑިޓް އެންޑް ކޮމްޕްލަޔަންސް ކޮމިޓީގެ މެމްބަރު ރިޗަޑް ލައިގެ ކޭހާ ގުޅުން ހުރި ކޯޓް ޑޮކިއުމެންޓުތައް އާއްމުކުރުމާ އެކު، އެ މައްސަލައާ ޝެއިޚް އަހުމަދާ ގުޅުވައިގެން މީޑިއާގައި ވާހަކަ ދެކެވުނެވެ. އެ ލިޔެކިޔުންތަކުގައި ޝެއިޚް އަހުމަދުގެ ނަމެއް ނެތެވެ. އެކަމަކު ފީފާ އާއި ކުވޭތު ފުޓްބޯޅަ އެސޯސިއޭޝަން އަދި އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ ހައި ރޭންކް އޮފިޝަލެއްގެ ގޮތުގައި، އެކަމާ ގުޅުން ހުރި މީހެއްގެ ވާހަކަ އޮތެވެ.
އެސޯސިއޭޝަން އޮފް ނޭޝަނަލް އޮލިމްޕިކް ކޮމިޓީސްގެ ރައީސްގެ މަގާމާއި ދުނިޔޭގެ ހޭންޑްބޯޅަ ފެޑެރޭޝަނުގެ ރައީސްގެ މަގާމް ވެސް ފުރުއްވަމުން އަންނަ ޝެއިޚް އަހުމަދަކީ ވަނީ ކުވޭތުގެ އިންފޮމޭޝަން މިނިސްޓަރުކަމާއި ތެލާ ބެހޭ މިނިސްޓަރުކަން ކުރައްވައިފަ އެވެ.