ނޯތު ކޮރެއާ އިން އާ ހަތިޔާރެއް ޓެސްޓްކޮށްފި
ނޯތު ކޮރެއާ އިން އާ ހަތިޔާރެއް ޓެސްޓްކޮށްފި

ޕިއޮންޔަން (އެޕްރީލް 18) - ބާރުގަދަ ވޯހެޑަކާ އެކު ނޯތު ކޮރެއާ އިން އާ ހަތިޔާރެއް ޓެސްޓްކޮށްފައިވާ ކަމަށް އެ ގައުމުން މިއަދު ބުނެފި އެވެ.

މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އެންމެ ފަހުން ބޭއްވި ސަމިޓަށް ފަހު ނޯތު ކޮރެއާ އިން ހަތިޔާރެއް ޓެސްޓް ކުރި ފުރަތަމަ ފަހަރެވެ. އެންމެ ފަހުގެ ހަތިޔާރު ޓެސްޓާ ގުޅޭ ގޮތުން ނޯތު ކޮރެއާގެ ރަސްމީ މީޑިއާ އިން ތަމްސީލް ދީފައެއް ނުވެ އެވެ.

ޓްރަމްޕާއި ކިމް ފެބްރުއަރީ މަހު ވިއެޓްނާމުގައި ބޭއްވި ސަމިޓް ވަނީ ނާކާމިޔާބުވެގެން ނިމިފަ އެވެ. ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ނޯތު ކޮރެއާ އިން އެދުމުން އެމެރިކާ އިން ވަނީ އެކަމާ ދެކޮޅު ހަދައިފަ އެވެ.

އެންމެ ފަހުން ކުރި ޓެސްޓާ ގުޅޭ ގޮތުން ކިމް ވިދާޅުވީ އެއީ އެ ގައުމުގެ ސިފައިންގެ ގާބިލްކަން އިތުރު ކުރަން ކޮންމެހެން ބޭނުންވާ ޓެސްޓެއް ކަމަށެވެ.

ކިމް މިދިޔަ އަހަރު ވިދާޅުވެފައި ވަނީ ނިއުކްލިއާ ޓެސްޓް ކުރުން ހުއްޓާލާނެ ކަމަށެވެ. އަދި އިންޓަކޮންޓިނެންޓަލް ބެލިސްޓް މިސައިލް ފޮނުވާލުން ހުއްޓާލާފައިވާ ކަމަށް ވިދާޅުވި އެވެ. ނޯތު ކޮރެއާ އިން ބުނެފައި ވަނީ އެމެރިކާއާ ހަމައަށް ފޯރާވަރުގެ މިސައިލެއްގައި އުފުލޭވަރުގެ ނިއުކްލިއާ ބޮމެއް އުފައްދާފައިވާ ކަމަށެވެ.