19 އެޕްރީލް 2019 - 09:16

ދެކުނު ކޮރެއާގެ މަޝްހޫރު ސެމްސަންގުން މިދިޔަ ފެބްރުއަރީ މަހު ނެރުނު ފަތްޖެހި ފޯނު ވަރަށް ބަލިކަށި ކަމަށާއި އެ ފޯނުތައް ބޭނުންކުރަން ފަށާތާ މާ ގިނަ ދުވަހެއް ނުވެ ހަލާކުވާ މައްސަލަ ބޮޑުވެ، ގިނަ ބަޔަކު ޝަކުވާކުރަން ފަށައިފި އެވެ.
ބައެއް މީހުން ވަނީ ސޯޝަލް މިޑިއާގައި ވެސް އެ މީހުންގެ ފޯނުތަކުގެ ފޮޓޯތަކާ އެކު އެ ވާހަކަ ހިއްސާކޮށްފަ އެވެ. ބައެއް މިކަން ތަޖުރިބާކުރަން ޖެހުނު މީހުން ބައެއް ނޫސްތަކަށް ކިޔައި ދީފައިވާ ގޮތުގައި އެ މީހުން ފޯނު ބޭނުންކުރަން ފެށިތާ އެއް ދުވަހުގެ ތެރޭގައި ފޯނަށް އެކި ކަހަލަ މައްސަލަތައް ދިމާވެ ފޯނު ހަލާކުވެފައިވެ އެވެ. އޭގެ ތެރޭގައި ޑިސްޕްލޭ ހަލާކުވުން ހިމެނެ އެވެ.
ނަމަވެސް ޓްވިޓާގައި މިކަމާ ބެހޭ ގޮތުން މީހަކު ބުނީ ފޯނުގެ ޑިސްޕްލޭ ހަލާކުވުމުގެ މައްސަލަ ދިމާވަނީ ފޯނުގެ ކަވަރުގެ ރައްކާތެރި ފަށަލައެއްގެ ގޮތުގައި ލާފައިވާ ރަބަރުގަނޑު ނައްޓައިލާތީ އެވެ. އަދި އެއީ ނައްޓާލަން ނުޖެހޭ އެއްޗެއް ކަމަށް ސެމްސަންގުން ބުނެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ފަތްޖެހި ފޯނު ނެރުމުގެ ޝަރަފު ފުރަތަމަ ހޯދި ސެމްސަންގުގެ މި ފޯނަކީ ދެ ޑިސްޕްލޭ އިންނަ އަދި އެކީގައި އެއްކޮށް ހުޅުވައިލުމުން ޓެބްލެޓެއްގެ ސައިޒަށް ބަދަލުވާ ފޯނެކެވެ.
ފޯނު ހަލާކުވާ މައްސަލާގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާ އިރު މިކަމާ ބެހޭ ގޮތުން ސެމްސަންގުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
މަޝްހޫރު ކުންފުނިތަކުގެ އެންމެ މި ޒަމާނުގެ ފޯނުތައް ބޮޑު އަގުގައި ގަނެގެން ބޭނުންކުރަން ފަށާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެކި ކަހަލަ މައްސަލަތައް ކުރިމަތިވާކަމުގެ ކަންބޮޑުވުންތައް ކަސްޓަމަރުން ފާޅުކުރުމަކީ ވަރަށް އާންމު ކަމެކެވެ.
ސެމްސަންގުގެ ގެލެކްސީ އެފް ނެރެފައި ވަނީ ފެބްރުއަރީ މަހުގެ 20 ގަ އެވެ. އަދި އާންމުކޮށް ވިއްކަން ފެށި އެ މަހުގެ 26 ގަ އެވެ.