19 އެޕްރީލް 2019 - 09:20

މިދިޔަ އަހަރު ސްޓާ ޕްލަސްގެ ސިލްސިލާ "އިޝްގްބާޒް" އިން ވަކިވި ބަތަލާ ސުރްބީ ޗަންދުނާ ދެން ފެންނާނީ އެ ޗެނެލުން ކުރިން ގެނެސްދިން ކާމިޔާބު ސިލްސިލާއެއް ކަމަށްވާ "ސަންޖިވަނީ" ގެ ރިމޭކުން ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނި ގޮތުގައި އަދި ވަކި ނަމެއް ދީފައި ނުވާ މި ސިލްސިލާގެ ޝޫޓިން އަންނަ މަހު ފަށަން ނިންމާފައިވާ އިރު، ސުރްބީއާ އެކު ސިލްސިލާގެ ލީޑް ރޯލުން ފެންނާނެ ކަމަށް ބެލެވެނީ ނަމިތު ކައްނާ އެވެ.
"ސަންޖިވަނީ" އަކީ ސްޓާ ޕްލަސް އިން 2002-2005 އަށް ގެނެސް ދިން މެޑިކަލް ޑްރާމާއެކެވެ. އޭގެ ދެ ސީޒަނެއް ގެނެސް ދީފައިވާ އިރު 167 އެޕިސޯޑް ދެއްކި އެވެ. ދެވަނަ ސީޒަން "ދިލް މިލް ގަޔޭ" ގެ ނަމުގައި ގެނެސް ދިނީ 2007-2010 އަށެވެ.
ޕިންކްވިލާ އިން ބުނީ "ސަންޖިވަނީ" ގެ ރިމޭކުން ފުރަތަމަ ސީޒަނުން ފެނިގެން ދިޔަ މޯނިޝް ބޭލް އާއި ގުރްޕްރީތު ކޯލީ ވެސް ރިމެކުން ފެންނާނެ ކަމަށެވެ.
ސުރުބީއާ އެކު އާ ސިލްސިލާއެއްގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަކަން ޕްރޮޑިއުސަރު ސިދާންތު މަލްއުތުރާ ކަށަވަރުކޮށް ދިން ނަމަވެސް، އިތުރު ތަފުސީލެއް ނުދެ އެވެ. އެކަމަކު "ސަންޖިވަނީ" ގެ ރިމެކް ޖޫން މަހުގެ ތެރޭގައި ދައްކަން ފަށާނެ ކަމަށްވެ އެވެ.