ކޮރިއޯގްރާފަރު ބޮސްކޯ މާޓިސް ވެސް ޑައިރެކްޝަނަށް
ކޮރިއޯގްރާފަރު ބޮސްކޯ މާޓިސް ވެސް ޑައިރެކްޝަނަށް

ބޮލީވުޑްގެ ކޮރިއޯގްރާފަރުންގެ ތެރެއިން މިހާރު އެންމެ މަޝްހޫރު ޑައިރެކްޓަރުންނަކީ ފަރާ ހާނާއި ރެމޯ ޑި ސޫޒާ އެވެ. މި ދެ މީހުންގެ ލިސްޓަށް އިތުރު ކޮރިއޮގްފާރަކު ވެސް އަންނަން އުޅޭކަން މިހާރު ވަނީ ކަށަވަރުވެ އެވެ.

އެއީ ބޮލީވުޑްގެ އެތައް ފިލްމެއްގެ އެތައް ލަވައެއްގެ ކޮރިއޯ ހަދާފައިވާ ބޮސްކާ މާޓިސް، 44، އެވެ. އޭނާގެ އަލަތު ޑައިރެކްޝަންގެ ނަމާއި ކާސްޓުން އަދި އިއުލާން ނުކުރި ނަމަވެސް އެއީ ޑާންސް-ހޮރޯ ކޮމެޑީއެކެވެ.

ޒީ ސްޓޫޑިއޯސް އިން ޕްރޮޑިއުސްކޮށް، 3ޑީ ފޯމެޓްގައި ގެނެސްދޭ ފިލްމުގެ ޝޫޓިން މި އަހަރުގެ މެދުތެރޭގައި ފަށަން ވަނީ ހަމަޖެހިފަ އެވެ. ބެލެވޭ ގޮތުން މިއީ އަންނަ އަހަރު ރިލީޒް ކުރާނެ ފިލްމެކެވެ.

ބޮސްކޯ ކޮރިއޯގްރާފަރެއްގެ ގޮތުގައި މަޝްހޫރުވެގެން ދިޔައީ ކޮރިއޯގްރާފަރު ސީޒާ ގޮންޒާވެލްސްއާ ގުޅިގެން ކުރި މަސައްކަތުންނެވެ. އެ ދެ މީހުން މަޝްހޫރުވެފައި ވަނީ "ބޮސްކޯ ސީޒާ" ގެ ގޮތުގަ އެވެ. އަދި "ބޮސްކޯ ސީޒާ ޑާންސް ކޮމްޕެނީ" ގެ ނަމުގައި އެތައް ތަނެއްގައި އެކެޑެމީ ވެސް ހިންގާ މި ދެ ފަންނާނުންނަކީ މިހާތަނަށް 75 އަށް ވުރެ ގިނަ ފިލްމެއްގެ 200 އަށް ވުރެ ގިނަ ލަވަތަކުގެ ނެށުންތައް ތައްޔާރުކޮށް ދީފައިވާ ދެ ފަންނާނުންނެވެ.

އެ ދެ މީހުންނަށް 2011 ގައި ފިލްމު "ޒިންދަގީ ނާ މިލޭގީ ދޮބާރާ" ގެ ލަވަ "ސެނޮރީޓާ" ގެ ކޮރިއޯ ހަދައިގެން ނެޝަނަލް އެވޯޑް ވެސް ލިބިފައިވެ އެވެ.

ބޮސްކޯ ޑައިރެކްޝަނަށް ނުކުންނަ އިރު، އޭނާ އާއި ސީޒާ މި ފަހުން ވަކިވަކިން ވެސް މަސައްކަތްތަކެއްކޮށްފައިވެ އެވެ.