01 ސެޕްޓެމްބަރ 2016 - 09:25

މެންޗެސްޓާ (ސެޕްޓެމްބަރު 1) - މެންޗެސްޓާ ސިޓީގެ ފްރާންސް މިޑްފީލްޑަރު ސާމިރު ނަސްރީ ލޯނެއްގެ ދަށުން ސްޕެއިނުގެ ސެވިއްޔާ އަށް ދޫކޮށްލިއިރު، އެ ޓީމުގެ ފްރާންސް ޑިފެންޑަރު އެލިއަކުއިމް މަންގާލާ ވެލެންސިއާ އަށް ބަދަލުވެއްޖެ އެވެ.
އާސެނަލް އިން 2011 ވަނަ އަހަރު ސިޓީ އަށް ބަދަލުވި ނަސްރީ އަށް އާސެނަލްގައި ދެއްކި މޮޅު ކުޅުން ސިޓީގައި ނުދެއްކުނެވެ. އަދި ފަހުން އޭނާ އަށް ވަނީ ފްރާންސް ޓީމުން ވެސް ޖާގަ ގެއްލިފަ އެވެ.
މި ފަހަރުގެ ޗުއްޓީއަށް ފަހު އޭނާ އެނބުރި އައިއިރު ބަރުދަން މަތިވެފައިވާތީ އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ އޭނާ އަށް ފުރަތަމަ ޓީމުގެ ޕްރެކްޓިހުން ޖާގައެއް ނުދެ އެވެ. އޭނާ ތަމްރީން ހެދީ ރިޒާވް ޓީމާ އެކު އެވެ.
މީގެ ދެ އަހަރު ކުރިން 32 މިލިއަން ޕައުންޑަށް ސިޓީއާ ގުޅުނު މަންގާލާ އަށް ވެސް ސިޓީގައި އެކަށީގެންވާ ކުޅުމެއް ނުދެއްކުނެވެ. މަންގާލާގެ ކުރީގެ ކްލަބް ޕޯޓޯ އިން އޭނާ ގެންދަން މަސައްކަތްކުރި ނަމަވެސް އޭނާ ބޭނުންވީ ސްޕެއިނުގެ ކްލަބަކަށް ބަދަލުވާށެވެ.
ސިޓީން ވަނީ މި ދެ ކުޅުންތެރިންގެ އިތުރުން ގޯލްކީޕަރު ޖޯ ހާޓް ލޯނެއްގެ ދަށުން އިޓަލީގެ ޓޮރީނޯ އަށް ދޫކޮށްފަ އެވެ. އަދި 21 އަހަރުން ދަށުގެ އިތުރު ތިން ކުޅުންތެރިޔަކު ވަނީ ދޫކޮށްލައިފަ އެވެ.
ޕްރިމިއާ ލީގުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެފައިވާ ސިޓީން ވަނީ ބާސެލޯނާގެ ގޯލްކީޕަރު ކްލައުޑިއޯ ބްރާވޯ އާއި ޖަރުމަނުގެ އިލްކޭ ގުންޑޮގާންގެ އިތުރުން ޝާލްކާގެ ލިރޯއޭ ސާނޭ ގެނެސްފަ އެވެ.