18 އެޕްރީލް 2019 - 14:10

އަންނަ މަހު ފަށާ މި އަހަރުގެ ރޯދަ މަހު ސަރުކާރުގެ ރަސްމީ ގަޑި އަކީ ހެނދުނު 9 ން މެންދުރު 1 ޖަހަންދެން ކަމަށް މިއަދު ނިންމައިފި އެވެ. ރޯދަ މަހުގެ އިތުރުން ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު ވެސް ސަރުކާރުގެ ރަސްމީ ގަޑި އަކީ އެއީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެކަމަކު، މިދިޔަ ރޯދަ މަސްތަކުގައި ސަރުކާރުގެ ރަސްމީ ގަޑި އަކީ ހެނދުނު 10:00 ން މެންދުރު 2:00 އެވެ.
ނަމަވެސް، އާ ސަރުކާރުން މި ފަހަރު ގެނައި ބަދަލާ އެކު، ރޯދަ މަހުގައި ސަރުކާރުގެ ރަސްމީ ގަޑި ފަށާ ވަގުތާއި ނިމޭ ވަގުތު ވެސް ވަނީ އެއް ގަޑިއިރު އަވަސްކޮށްފަ އެވެ.
"މި ގޮތަށް މި އަހަރުގެ ރަމަޟާން މަހުގެ ރަސްމީ ގަޑި ހަމަޖެއްސެވުމާ ގުޅިގެން، ރަސްމީ ގަޑި އަށް ފައްތަވައިގެން މަސައްކަތްތައް ރޭއްވެވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސް ކުރައްވާފަ އެވެ،" ރައީސް އޮފީހުގެ ދެންނެވުމުގައި ވެ އެވެ.
މި އަހަރުގެ ރޯދަ މަސް ފެށޭނީ ކަލަންޑަރުގައި ވާ ގޮތުން އަންނަ މަހުގެ ހަ ވަނަ ދުވަހު އެވެ.