20 އެޕްރީލް 2019 - 07:57

ކަރީނާ ކަޕޫރާއި ސައިފް އަލީ ހާންގެ ދެ އަހަރުގެ ދަރިފުޅަށް ކިޔާ ނަން ތައިމޫރުގެ ނަމުގައި ފިލްމެއް ރަޖިސްޓްރީކުރި ނަމަވެސް އެ ކުއްޖާއާ ބެހޭ ގޮތުން ފިލްމެއް ހަދަން ނޫޅޭ ކަމަށް، ކުޅަދާނަ ޑައިރެކްޓަރު މަދޫރު ބަންޑާރްކަރް ބުނެފި އެވެ.
"ފެޝަން" އާއި "ޗާންދުނީ ބާ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސް ދިން ނެޝަނަލް އެވޯޑް ހޯދާފައިވާ ޑައިރެކްޓަރު ތައިމޫރުގެ ނަމުގައި ފިލްމެއް ހަދަން އުޅޭ ވާހަކަ މީޑިއާތަކުން ރިޕޯޓް ކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ.
ރިތިކް ރޯޝަންގެ ކުރީގެ އަންހެނުން ސުޒޭން ހާންގެ ދައްތަ ފަރާ އަލީ ހާންގެ ބައޮގްރަފީ "ފަރާ ހާން: އަ ބެޖެވެލްޑް" ނެރެން ބޭއްވި ހަފުލާގައި މީޑިއާތަކާ ވާހަކަ ދައްކަމުން މަދޫރީ ބުނީ އޭނާގެ ފިލްމު ކުންފުނިން އަބަދު ވެސް ތަފާތު އެކި ނަން ރަޖިސްޓްރީ ކުރާ ކަމަށެވެ.
"ރަޖިސްޓްރީކޮށްފައި ހުރި ނަންތަކުގެ ތެރޭގައި މިހާރު ވެސް އެބަހުރި އެވޯޑްސް އާއި ބޮލީވުޑް ވައިބްސް ވެސް. އެކަމަކު އޭގެ މާނައަކީ އެ ނަންތަކުގެ ނަމުގައި އަހަރެން ފިލްމުތަކެއް ހަދަނީކީ ނޫން،" ތައިމޫރުގެ މަންމަ ކަރީނާއާ އެކު "ހިރޮއިން" ގެނެސް ދިން މަދޫރު ބުންޏެވެ. "އެކަލަ ގޮތަކަށް ރަޖިސްޓްރީ ކުރި ނަމެއް ތައިމޫރަކީ ވެސް. އެއްގޮތަކަށް ވެސް ތައިމޫރުގެ ވާހަކަ ކިޔައިދޭ ފިލްމެއް ހަދާކަން ނޫޅޭން."
ދެހާސް ސަތާރަ ވަނަ އަހަރު ސިޔާސީ ޑްރާމާ "އިންދޫ ސަރުކާރު" ގެނެސް ދިން ޑައިރެކްޓަރުގެ ކުރިއަށް އޮތް ފިލްމަކީ ސޭންޑް މާފިއާ އަށް ބިނާކޮށް ހަދާ "އިންސްޕެކްޓަރު ގާލިބް" އެވެ. މަދޫރް ބުނީ މި ވަގުތު ކުރިއަށް ދަނީ އޭގެ ސްކްރީންޕްލޭ އަށް ރިސާޗް ކުރުން ކަމަށެވެ.
"އަހަރެން އެބަ މަސައްކަތް ކުރަން ވެބް ސީރީޒެއް ވެސް ގެނެސް ދޭން،" އޭނާ ބުންޏެވެ.