ނިކަން ބަލާބަލަ! މި ކުދިން އެ ދައްކަނީ ކުޅިވަރުގެ އަސްލު ރޫހު
ނިކަން ބަލާބަލަ! މި ކުދިން އެ ދައްކަނީ ކުޅިވަރުގެ އަސްލު ރޫހު

ފުޓްބޯޅައިގެ އެންމެ މައިގަނޑު އެއް އަސާސަކީ ފެއާޕްލޭ އެވެ. ނުވަތަ ކުޅިވަރުގެ ރޫހާ އެއް ގޮތަށް ކުޅުމެވެ. އެކަމަކު ވާދަވެރިކަން ބޮޑުވެ އެކަން ދަނީ ގެއްލެމުންނެވެ. އެފަދަ ދަނޑިވަޅެއްގައި ސްޕެއިނުގެ މަޝްހޫރު ކްލަބް ބާސެލޯނާގެ 12 އަހަރުން ދަށުގެ ޓީމުން މި ވަނީ ކުޅިވަރުގެ ރޫހުގެ ރީތި މިސާލެއް ދައްކައިފަ އެވެ.

ޓޯކިޔޯގައި މިދިޔަ ހަފްތާ ބަންދުގައި އޮތް ޖޫނިއާ ވޯލްޑް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ބާސެލޯނާގެ 12 އަހަރުން ދަށުގެ ޓީމު ހޯދީ 2-0 އިން ޖަޕާންގެ އޯމިޔާ އަޑީޖާ ބަލިކުރުމަށް ފަހު އެވެ. މި މެޗު ނިމުމުން އޯމިޔާގެ ކުޅުންތެރިން ދަނޑުމަތީގައި ވަރަށް ގަދަޔަށް ރުޔެވެ. އުފާފާޅުކުރުމަށް ވުރެ ބާސެލޯނާ ކުޅުންތެރިން އިސްކަން ދިނީ އޯމިޔާ ކުޅުންތެރިންނަށް ލިބުނު ހިތާމައިގައި ބައިވެރިވުމަށެވެ. އޯމިޔާގެ ކުޅުންތެރިންނަށް ބާސެލޯނާގެ ކުޅުންތެރިން ހިތްވަރުދީ އެހީތެރިކަން ފޯރުކޮށްދިނެވެ. ކުޅިވަރުގެ ރީތި މިސާލެއް ދެއްކި އެވެ.

ޖޫނިއާ ލެވެލްގެ ކުދިންގެ ފަރާތުން ފެނުނު މި މަންޒަރަށް ގިނަ ބަޔަކު އަންނަނީ ތައުރީފުކުރަމުންނެވެ. ފުޓްބޯޅައަކީ ނަސްލީ ތަފާތުކުރުމެއް ނެތް އަދި ފެއާޕްލޭގެ ރީތި އުސޫލު ދައްކައިދޭ ކުޅިވަރެއްކަން ބާސެލޯނާގެ ކުޅުންތެރިން މިވަނީ ސާބިތުކޮށްދީފަ އެވެ.