18 އެޕްރީލް 2019 - 10:04

ގިނަ އަދަދެއްގެ ފައިސާ ހިފައިގެން ދިޔަ މީހެއްގެ ސައިކަލް ހުއްޓުވައި ފައިސާތައް ފޭރެން އުޅުނު މީހަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ފަރީދީ މަގުގައި ހުންނަ ފަތަހަ ސުންބުލި ކައިރިން ރޭ 11:30 ހާއިރު މީހަކު ސައިކަލުގައި ދަނިކޮށް އެ މީހާގެ ސައިކަލް ކުރިމައްޗަށް އަރައި ފޭރެން އުޅުނު މައްސަލާގައި ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ ފިރިހެނެއް ކަމަށެވެ. ހައްޔަރުކުރި މީހާއާ އެކު އެހެން މީހަކު ވެސް ހެލްމެޓް އަޅައިގެން އުޅުނު ކަމަށާއި އެ މީހާ ފިލާފައިވާ ކަމަށް ވެސް ފުުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި، ފޭރެން އުޅުނު މީހާ ހައްޔަރުކުރީ އެ ސަރަހައްދުގައި އެ ވަގުތު އުޅުނު ދެ ފުލުހެއްގެ މަސައްކަތުންނެވެ.
ރޭގެ 11:30 ކަން ހާ އިރު ހިނގި މި ކަމުގައި ހައްޔަރުކޮށްފައި ވަނީ އެންމެ މީހެކެވެ. ދެން ހުރި މީހާ ފިލީ ކަމަށް ފުލުހުން ބުންޏެވެ.
ފޭރުމުގެ މި ހާދިސާ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ. އަދި މިފަދަ ހާދިސާތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ބްރިޖު ހުރަސްކުރާ އިރު ހެލްމެޓް އަޅަންޖެހޭ ގޮތަށް މިދިޔަ މަހު ހެދުމަށް ފަހު ހެލްމެޓް އަޅައިގެން ފޭރޭ މައްސަލަތައް އަންނަނީ އިތުރު ވަމުން ނެވެ. ގިނަ އަދަދުގެ ފައިސާ ހިފައިގެން ދަތުރުކުރާ އިރު ފައިސާ ފޭރޭ މައްސަލަތައް ގިނަވެފައި ވާތީ އެގޮތަށް ފައިސާ އުފުލާ އިރު ފުލުހުންގެ އެހީ ހޯދަން އެތަނުން އިލްތިމާސްކޮށްފައި ވެ އެވެ.