ރަޖްނީކާންތުގެ "ދަރުބާރު"ގެ ވިލަންއަކަށް ޕްރަތީކް ބައްބަރު
ރަޖްނީކާންތުގެ "ދަރުބާރު"ގެ ވިލަންއަކަށް ޕްރަތީކް ބައްބަރު

ފަހުން ރިލީޒްކުރި ރަޖްނީކާންތުގެ ހުރިހާ ފިލްމެއްގައިހެން މައި ވިލަންގެ ރޯލްތަކުން ބޮލީވުޑްގެ އެކްޓަރުންނަށް ފުރުސަތު ދެމުން އަންނަ އިރު، އޭނާގެ ފިލްމެއްގެ ނުބައިބައި ރޯލެއް އަނެއްކާ ވެސް ބޮލީވުޑްގެ އެކްޓަރަކަށް ދީފި އެވެ.

ރަޖްނީކާންތުގެ ކުރިއަށް އޮތް ފިލްމު "ދަރުބާރު" ގެ ޝޫޓިން މި މަހުގެ 9 އިން ފެށިގެން ކުރިއަށްދާ އިރު، އެ ފިލްމުގެ ވިލަންގެ ރޯލުން ފެންނާނީ ބޮލީވުޑްގެ ޒުވާން އެކްޓަރު ޕްރަތީކް ބައްބަރެވެ. އޭނާ އަކީ ކުރީގެ މަޝްހޫރު ތަރިން ކަމަށްވާ ރާޖް ބައްބަރާއި މަރުވެފައިވާ ބަތަލާ ސްމީތާގެ ޕަޓިލްގެ ދަރިފުޅެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ޕްރަތީކަށް އެ ފިލްމުން ފުރުސަތު ދިނީ މިދިޔަ އަހަރު ރިލީޒް ކުރި ޓައިގާ ޝްރޮފްގެ "ބާގީ 2" ގައި ޕްރަތީކް ކުޅުނު ނަގެޓިވް ކެރެކްޓާ ޑައިރެކްޓަރު އޭއާރް މުރްގަދޯސް އަށް ކަމުދިޔަލެއް ބޮޑުކަމުންނެވެ.

ރަޖްނީކާންތުގެ ފިލްމަކުން ފުރުސަތު ލިބުމުން އުފާވެފައި ހުރި އެކްޓަރު ބުނީ މިއީ ހުވަފެނެއް ހަގީގަތަކަށްވުން ކަހަލަ ކަމެއް ކަމަށެވެ.

"އުންމީދު ވެސް ނުކޮށް ހުއްޓާ ކެރިއަރުގެ މި ހިސާބުގައި ރަޖްނީކާންތާއި މުރްގަދޯސް ސާގެ ފިލްމަކުން ފުރުސަތު ލިބުމަކީ ހަމަ ހަގީގަތުގައި ވެސް ހުވަފެނެއް ހަގީގަތަކަށްވުން ކަހަލަ ކަމެއް،" އާންމުކޮށް ސަޕޯޓިން ރޯލްތަކުން ފެންނަ ޕްރަތީކް ބުންޏެވެ.

އޭނާ ބުނީ "ދަރުބާރު" ގެ ކާސްޓާއި ކްރޫއާ ކުރިއަށް އޮތް ހަފުތާގައި ގުޅި ފިލްމުގެ ޝޫޓިން ވެސް ފަށާނެ ކަމަށެވެ.

"ކެތްމަދުވެފައި މިހުރީ ސެޓަށް ދާން،" ދާދި ފަހުން ކައިވެނި ވެސް ކުރި ޕްރަތީކް ބުންޏެވެ. "އަހަންނަށް މިއަހަރަކީ ވަރަށް ޕޮޒިޓިވް އަހަރަކަށް ވާނެ. ވަރަށް ރަނގަޅަށް ކަންކަން ކުރިއަށް ދަނީ."

އުމުރުން 32 އަހަރުގެ އެކްޓަރު މިހާރު ފެންނާނެ ފިލްމުތަކުގެ ތެރޭގައި "ޑަންގަލް" ގެ ޑައިރެކްޓަރު ނިތޭޝް ތިވާރީ ގެނެސްދޭ "ޗިޗޯރް" އާއި އަޔާން މުކަރުޖީގެ "ބުރައްމަސްތުރާ" ހިމެނެ އެވެ.

އާމިރު ހާންގެ "ގަޖިނީ" ފަދަ ފިލްމުތައް ގެނެސް ދިން ޑައިރެކްޓަރު މުރްގަދޯސްގެ "ދަރުބާރު" އަކީ އަންނަ އަހަރުގެ ޖެނުއަރީ 9 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ ފިލްމެކެވެ.

ރަޖްނީގެ އެންމެ ފަހުގެ ފިލްމު "ޕެއްޓާ" ގެ ވިލަންގެ ރޯލް ނަވާޒުއްދީން ސިއްދީގީ ކުޅުނު އިރު، "2.0" ގެ ވިލަންއަކީ އަކްޝޭ ކުމާރެވެ. އަދި އޭގެ ކުރިން ރިލީޒް ކުރި "ކާލާ" ގެ ވިލަންއަކީ ނާނާ ޕަޓޭކަރެވެ.